ޚަބަރު

އީރާން-އެމެރިކާ މަޝްވަރާތަކުގައި ޒަމާންވީ މައްސަލަތަކަށް ޙައްލުހޯދުން ހިމެނޭ


އީރާނާއި އެމެރިކާގެ އިސް މަންދޫބުން ސުލްޙައިގެ މަޝްވަރާތަކަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފައިވާއިރު، މި މަޝްވަރާތަކުގައި ދެ ޤައުމުގެ މެދުގައި ޒަމާނުއްސުރެ ޚިލާފު އުފެދިފައިވާ މައްސަލަތަކަށް ޙައްލުހޯދުން ހިމެނެއެވެ.

ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކާއެކު، އަސްކަރީ ކުރިމަތިލުންތައް ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ.

އެ ނިރުބަވެރި ޢުދުވާނުގެ ދިފާޢުގައި އީރާނުން ވަނީ ޔަހޫދީންގެ މުޙިންމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތައްދީ، ބޮޑެތި ގެއްލުންތައް ދީފައެވެ.

އޭގެއިތުރުން، މެދުއިރުމަތީގެ ތެލާއި ގޭސް ސަޕްލައި ކުރަން ބޭނުންކުރާ މައި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައެވެ.

ހަ ހަފްތާއަށް ދިގުލައިގެންދިޔަ ޢުދުވާނަށްފަހު، އޭޕްރީލް 2ގައި ދެ ފަރާތުން ވެސް ޙަމަލާތައް މެދުކަނޑައިލަން އެއްބަސްވެ، ދާއިމީކޮށް ހަނގުރާމަ ނިންމުމަށް އިސްލާމްއާބާދުގައި މިއަދު މަޝްވަރާތައް ފަށާނެއެވެ.

އެ މަޝްވަރާތަކުގައި، އީރާނާއި އެމެރިކާ އާ މެދު ޒަމާނުއްސުރެ ޚިލާފު އުފެދިފައިވާ މައްސަލަތަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން، މަޝްވަރާތަކުގެ އެޖެންޑާގައި އެންމެ އިސްކަމެއް ދީފައިވަނީ ލުބްނާނަށް ޔަހޫދީން ޙަމަލާދިނުން ހުއްޓުވުމަށެވެ. އީރާނުން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ވެސް ހިމެނެއެވެ. ނަމަވެސް، އެކަމަށް ޔަހޫދީންނާއެކު އެމެރިކާއިން ވެސް ދަނީ އިންކާރު ކުރަމުންނެވެ.

އީރާނުގެ އިޤްތިޞާދު ފުނޑައިލުމަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އީރާނުގެ ޝަރުތެކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ދީފައިވީނަމަވެސް، އެކަމަށްޓަކައި އީރާނުގެ ނިއުކްލިޔަރ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް އީރާނުން ދޫދޭންޖެހޭނެކަމަށް އެމެރިކާއިން ބުނެއެވެ.

ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ބާރު ހިންގާ، އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީ އެއް ނެގުމުގެ ބާރު ހޯދަން އީރާނުން ބޭނުންވެއެވެ. ނަމަވެސް، އެމެރިކާއިން ބޭނުންވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ހުރްމުޒް ހުރަސްކުރެވޭނެ މަގު ފަހިކުރުމެވެ.

މީގެއިތުރުން، އެމެރިކާ އާއި ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ވެސް އީރާނުން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން އެމެރިކާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އީރާނުން ބޭނުންވާކަމަށް ވެސް ބުނެފައިވާއިރު، އެކަމަށް އެމެރިކާއިން ވަނީ ސާފުކޮށް އިންކާރުކޮށްފައެވެ.

އަދި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމު ހުއްޓައިލަން އެމެރިކާ އާއި ޔަހޫދީން ބާރު އެޅި ނަމަވެސް، އެކަމަށް އީރާނުން ވަނީ ދެކޮޅު ހަދައިފައެވެ.

މީގެއިތުރުން، މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ފޭބުމަށް އީރާނުން ވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް، އެ ކަމަށް އިޖާބަ ދޭނީ ސުލްޙައިގެ އެއްބަސްވުން އެކުލަވައިލުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.