ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިވުން، އޯއައިސީއާއި އީޔޫއިން ކުށްވެރިކޮށްފި


ޞަހްޔޫނީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި، އިތުރު 34 ސަރަޙައްދެއް ކަނޑައެޅުމަށް ޔަހޫދީ ސަރުކާރުން ސިއްރިއްޔާތުގައި ނިންމި ނިންމުން އިސްލާމީ ޤައުމުތަކުގެ ގުޅުން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނާއި (އޯއައިސީ) ވިލާތުގެ އިއްތިޙާދުން (އީޔޫ) ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެޕްރީލު މަހު ޔަހޫދީ ސަރުކާރުގެ ކެބިނެޓުން ނިންމި މި ލާއިންސާނީ ނިންމުމަކީ، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ހިންގާ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޖަރީމާއެކެވެ. އޯއައިސީން ބުނީ، އިރުމަތީ ޤުދުސް ހިމެނޭ ގޮތުގައި ފަލަސްޠީނުގެ އެއްވެސް ބިމެއްގެ މައްޗަށް ޔަހޫދީންނަށް ސިޔާދަތީ ބާރެއް ނޯންނާނެ ކަމުގައެވެ. އީޔޫއާއި ތުރުކީވިލާތުން ވެސް ވަނީ މިއީ އިންސާފާ ބެހޭ ބައިނަލްއަޤުވާމީ ކޯޓުގެ (އައިސީޖޭ) ނިންމުންތަކާ ފުށުއަރާ، އަދި އެ ނިންމުންތަކަށް ގޮންޖެހުމުގެ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޔަހޫދީ ސަރުކާރުން އަލަށް ކަނޑައެޅި 34 ތަނުގެ ތެރޭގައި ޣައިރުޤާނޫނީ 10 އައުޓްޕޯސްޓެއް ނުވަތަ ސަރަޙައްދެއް ހިމެނޭއިރު، މިއީ ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ނިރުބަވެރި ސަރުކާރުން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމަށް އޮތް ފުރުސަތު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެކެވެ. ޔަހޫދީ އަސްކަރިއްޔާގެ އިސްވެރިޔާ ވެސް ވަނީ މި ފަދަ ގޮތަކަށް ފުޅާ ދާއިރާއެއްގައި ފަލަސްޠީނުގެ ބިންތައް ފޭރުމުގެ ސަބަބުން އަސްކަރިއްޔާގެ ޤާބިލުކަމާ ނުބައްދަލު ބުރައެއް އުފުލަންޖެހި، ޔަހޫދީ ފައުޖު ރޫޅިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޞަހްޔޫނީން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ޤައުމުގެ ރައްޔިތުން އިސްތިޢުމާރު ކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އަދި، 2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ފެށި ޤަތުލުޢާންމާ އެކު، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް ހިންގަމުންދިޔަ ޖަރީމާތައް ވަނީ އިތުރުކޮށް، ފުޅާކޮށްފައެވެ. ޣައްޒާ ޤަތުލުޢާންމުގައި ޔަހޫދީ ފައުޖުން ވަނީ 72,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، އެ ސަހަރު ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށް މިހާރު ހިންގަމުންދާ އައު ޖަރީމާއަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ހިންގާ އިތުރު ޖަރީމާއެކެވެ.