ޚަބަރު

އީރާނު-އެމެރިކާ މަޝްވަރާތަކަށް މުޅި ދުނިޔޭގެ ކަޅި ޕާކިސްތާނަށް


ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ހިނގި އެންމެ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކަށް ނިމުމަކަށް ގެނައުމަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދޭން ފެށި ޙަމަލާތައް މެދުކަނޑާލާފައިވާއިރު، ދާއިމީކޮށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން ވަނީ އިސް ނަގައިފައެވެ.

އީރާނުން ބުނެފައިވާ ގޮތުގައި މާދަމާ ފަށާ މަޝްވަރާތައް 15 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. ފުރަތަމަ ދުވަހު މަޝްވަރާތައް ކުރިއަށްދާނީ އީރާނާއި އެމެރިކާގެ މަންދޫބުން ދެ ކޮޓަރިއެއްގެ ތެރޭގައި ތިބެގެންނެވެ. އެ ދެ ކޮޓަރި މެދުގައި މެސެޖުތައް ބަދަލުކުރުމުގެ ދައުރު އަދާކުރާނީ ޕާކިސްތާނުގެ މަންދޫބުންނެވެ.

މި މަޝްވަރާތަކަށް އީރާނުން ވަނީ 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ. އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން އަދި ރަސްމީކޮށް އެއްބަސްވެފައިނުވި ނަމަވެސް، މަޝްވަރާތައް ފެށުމަށްޓަކައި އެ ހުށަހެޅުންތައް ރަނގަޅުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ހުށަހެޅުންތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ޚާއްޞަ އުޞޫލެއް އެކުލަވާލުމާއި، މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ތިބި އެމެރިކާ ސިފައިން ފޭބުމާއި އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ޙަމަލާދިނުން ހުއްޓައިލުން ހިމެނެއެވެ.

މުޅި ދުނިޔޭގެ މަސްލަޙަތު އޮތް މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަން ޕާކިސްތާނުން އިސްނެގީ، އީރާނުގެ އިތުރުން އެމެރިކާ އާއެކު ވެސް ރަނގަޅު ގުޅުމެއް އޮތް ޤައުމެއްގެ ހައިސިއްޔަތުންނެވެ.

ސަރަޙައްދީ އެހެން ޤައުމުތަކާ ޚިލާފަށް ޕާކިސްތާނުގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނުހުރެއެވެ. އަދި ޕާކިސްތާނާއި އެމެރިކާ އާ ދެމެދު އަސްކަރީ ގޮތުން ރަނގަޅު ގުޅުމެއް އޮތީ ޤާއިމުވެފައެވެ. އެހެންކަމުން، ދެ ޤައުމުން ވެސް ޕާކިސްތާނަށް ކުރާ އިތުބާރު ބޮޑުކަމަށް މާހިރުން ޤަބޫލުކުރައްވައެވެ.

ނަމަވެސް، މާދަމާ ހެނދުނު ފަށާ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ޙާޞިލްކުރެވިދާނެކަމާ މެދު މާހިރުން ސުވާލު އުފައްދަވައެވެ. މި މަޝްވަރާތަކަށް އެންމެ ބޮޑަށް ހިޔަނި އެޅިފައިވަނީ، ޙަމަލާތައް ހުއްޓައިލަން އެއްބަސްވިފަހުން ވެސް ޔަހޫދީން ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުންނެވެ.

އީރާނުން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގައި ލުބްނާނު ވެސް ހިމެނެއެވެ. ނަމަވެސް، އެކަމަށް އެމެރިކާއިން ދަނީ ދެކޮޅު ހަދަމުންނެވެ. ލުބްނާނަށް ޙަމަލާ ދެމުންދަނީ، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅުމަށް ޔަހޫދީންގެ ހީލަތްތެރި ރޭވުމުގެ ތެރެއިން ކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް، މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އީރާނުން އެމެރިކާގެ ބަހަށް ކުރާ އިތުބާރު ކުޑަވުން ކަމުގައި މާހިރުން ޤަބޫލުކުރައްވައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށާފައިވަނީ، އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު މަޝްވަރާ ކުރެވެމުންދަނިކޮށެވެ.

އަދި މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާދޭން ފެށީ ވެސް އެމެރިކާ އާއެކު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިންނެވެ.