ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސެގްމެންޓް ހަތަރެއްގެ ޝީޓްޕައިލިން މަސައްކަތް ފަށައިފިއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
އެމްޓީސީސީން ވިދާޅުވީ، ސެގްމަންޓް 4ގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށި ތަޅާލާ ނެގުމުގެ މަސައްކަތްތައްކަމަށެވެ. އަދި މަގު ފުޅާކުރާ ސަރަހައްދާއި ހަމައަށް ޝީޓްޕައިލްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައިކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.. މި މަސައްކަތުގެ ތެރެއިން މަގުން 6 މީޓަރު ފުޅާކުރާނެއެވެ.
އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ސެގްމެންޓް 5 ގެ މަސައްކަތުގެ ތެރެއިން، ބިން ހިއްކުމާއި ސެޓްލްމަންޓް ޓޭންކް އިންސްޓޯލްކުރުމުގެ މަސައްކަތާއި އެންކަރ އިންސްޓޯލްމަންޓާއި ކޭބަލް ޓްރެންޗްގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ތިންވަނަ ބައެއްގެ މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގައި 610 މީޓަރުގެ އެއްގަމު ތޮށި އާކޮށް، ތަރައްޤީކުރެއެވެ.
Sheet piling works of segment 4 of Male’s North Side Boduthakurufaanu Magu Road Project have commenced today.
— MTCC Plc (@MTCCPlc) April 9, 2026
Meanwhile, under segment 5, reclamation, settlement tanks installation is ongoing, along with anchor installation and cable trench works. #TeamMTCC… pic.twitter.com/0iBsRHlfjR
މި ސެގްމެންޓުގައިވެސް މަގު ތަރައްޤީކުރާނީ، މަގުގެ ޖާގަ ބޮޑުވާނެހެން މަގު އިތުރަށް ފުޅާވާގޮތަށެވެ. މި މަސައްކަތް ވެސް ކުރިއަށްގެންދާނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ނިމުނު ދެ ސެގްމެންޓުވެސް ކުރިއަށްގެންދިޔަ ފަރުމާއަށެވެ.
މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭވްްމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.