ރާއްޖެއިން ޙައްޖަށް ފުރާ މީހުންގެ ދަތުރުފަތުރުގެ ކަންކަން މިއަހަރުވެސް ހަމަޖައްސާނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމުގެ ތައްޔާރީތަކަށް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގަންނަވާ އެޑްވާންސް ޓީމް އަންނަ ހަފުތާގައި ރާއްޖެ އަންނާނެކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ، ޙައްޖަށް ދާ މީހުންގެ ފްލައިޓް ދަތުރުރުގެ ކަންކަމާއި އެއާޕޯޓުން ހޮޓަލަށް ދިއުމުގެ އިންތިޒާމް ލުއިފަސޭހަކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅާ ތަންފީޒުކުރަން ފެށި ސިޔާސަތެކެވެ. 2019ވަނަ އަހަރު ފެށި މި ޚިދުމަތް، ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖުވެރިންނަށް ދޭން ފަށާފައިވަނީ މިދިޔަ އަހަރެވެ.
މައްކާ ރޫޓްގެ ބޭނުމަކީ، އެއާޕޯޓްގައި ޙައްޖުވެރިން ހޭދަކުރާ ވަގުތާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ ސެކިއުރިޓީގެ ކަންކަން އަވަސްކޮށް ފަސޭހައިން އިންތިޒާމުކުރެއެވެ.
އެގޮތުން ޙައްކުވެރިން ފުރުމުގެ ކުރިން، މައްކާ ރޫޓްގެ ޓީމްތައް ރާއްޖެ އައިސް، ރާއްޖޭގައި ތިބެގެން ޙައްޖުވެރިންގެ އެންމެހާ މަޢުލޫމާތުތަކާއި ބައޯމެޓްރިކްސް ނަގާ، އިދާރީގޮތުން ސެކިއުރިޓީގެ ބޭނުމަށް އެންމެޙާ މަޢުލޫމާތުތައް ނަގާނެއެވެ.
ޕާސްޕޯޓާއި ވިސާގެ ކަންކަންވެސް ފަސޭހަކަމާއެކު ހަމަޖައްސާނެއެވެ. މައްކާ ރޫޓްގެ ދަށުން މި ޚިދުމަތް ދެނީ އެމީހަކު ފުރާ ޤައުމަކުންނެވެ. މިއީ ޙައްޖުވެރިން ޖިއްދާއަށް ގޮސް، އެއަރޕޯޓުގައި ހޭދަކުރާ ވަގުތު ކުޑަކުރުމަށް ދޭ ޚިދުމަތެކެވެ.
މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާއިރުވެސް، ޙައްޖަށް ދަތުރުކުރި މީހުން ފްލައިޓުން ފައިބައިގެން، ޓަމިނަލްގައި ހޭދަކުރަން ޖެހުނީ 3ވަރަކަށް މިނެޓެކެވެ. އިމިގްރޭޝަންގެ ދިގު ކިއުތަކުގައި ޖިއްދާ އެއަރޕޯޓްގައި ހޭދަކުރާކަށް ނުޖެހޭނެއެވެ. އަދި އަމިއްލައަށް ލަގެޖު ނަގާކަށްވެސް މަޑުކުރާކަށް ނުޖެހޭނެއެވެ.
އަމިއްލައަށް ލަގެޖް ނަގަން ނުޖެހި ސީދާ ހޮޓަލުން އެމީހެއްގެ ލަޖެޖް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. ލަގެޖު ހޮޓަލަށް ގެންދާނީވެސް، މައްކާ ރޫޓްގެ ފަރާތުންނެވެ.
މި ޚިދުމަތުގެ ސަބަބުން، ޙައްޖުވެރިން އެއރަޕޯޓްގައި ހޭދަކުރާ ވަގުތު ސަލާމަތްވެ، އަދި އުފުލަންޖެހޭ ތަކުލީފަށްވެސް ލުއި ލިބިގެންދެއެވެ. އަދި މިއީ ގިނަ ބަޔަކު އެއްފަހަރާ ދަތުރުކުރާއިރު، ދިގު ކިއުތަކުގައި ނުޖެހި، ފަސޭހައިން ފޯރުކޮށްދޭ ޚިދުމަތެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ސަޢޫދީ ޢަރަބިއްޔާއަށް މިދިޔަ އަހަރު ނޮވެމްބަރުގައި ކުރެއްވި ދަތުރުފުޅުގައި، މައްކާ ރޫޓު އިނީޝިއޭޓުގެ ސުޕަވައިޒަރީ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ، މި ޚިދުމަތް ރާއްޖެއަށް ދާއިމީ ލިބޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވާފައެވެ.