ޚަބަރު

ޙަމަލާތައް މެދުކަނޑައިލުމުން ލިބުނު ހަމަޖެހުމަށް ދުނިޔޭގެ މަރުޙަބާ


އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑައިލަން އެއްބަސްވުމުން، ވަގުތީ ގޮތުން ނަމަވެސް ދުނިޔެއަށް ލިބުނު ހަމަޖެހުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މަރުޙަބާ ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 28ގައި އީރާނާ ދެކޮޅަށް ފެށި ނިރުބަވެރު ޢުދުވާނު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އަދި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކާއި ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތައް ދިނުމުގެ އިތުރުން މެދުއިރުމަތީގެ ތެޔޮ ދުނިޔެއަށް ސަޕްލައި ކުރުމަށް ބޭނުންކުރާ މައި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅު ވެސް ބަންދުކޮށްފައެވެ.

ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ.

ކުރިއަށް އޮތް ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްބަސްވެފައިވާކަމަށް އީރާނުން ވަނީ އިޢުލާނުކޮށްފައެވެ. އަދި އީރާނަށް ޙަމަލާ ނުދޭނެމަ އެ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވުން ހިމެނޭއިރު، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން އީރާނުން ވަނީ ދީފައެވެ.

އެ ނިންމުމާ ގުޅިގެން، ސަޢުދީ ޢަރަބިއްޔާއިން ބުނީ ސަރަޙައްދުގެ ޤައުމުތަކަށް އީރާނުން ޙަމަލާދިނުން ހުއްޓާލާފައި ބާއްވަންޖެހޭ ކަމަށާއި، އަދި މި އެއްބަސްވުން ދާއިމީ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ވަނީ ގޮވާލައިފައެވެ.

އީރާނުގެ އެންމެ ގިނަ ޙަމަލާތައް އަމާޒުވި ޤައުމުގެ ހައިޞިއްޔަތުން ކުވޭތުން ބުނީ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކީ، ހަނގުރާމަ ނިމުމަކަށް ގެނެސް އަސްކަރީ ޢުދުވާނުތަކަށް ދާއިމީ ނިމުމެއް ގެނެވޭނެ ފުރަތަމަ ފިޔަވަޅަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެފަދަ މޭރުމަކުން ޤަތަރުން ނެރުނު ބަޔާނުގައި ވަނީ ޙަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމުގެ އިތުރުން މެދުއިރުމަތީގައި ހިފެހެއްޓުމެއްނެތި މުދާ އުފުލުމުގެ ފުރުޞަތު ފަހިކޮށްފައި ބޭއްވުމަށް ގޮވާލައިފައެވެ.

އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)، އޮމާނު، އިރާޤު އަދި ލުބްނާނުން ވެސް ވަނީ ޙަމަލާތައް މެދުކަނޑައިލުމުގެ މި އެއްބަސްވުމަކީ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ސިފަކޮށްފައެވެ.

ގަލްފުގެ ޤައުމުތަކުގެ އިތުރުން ވިލާތާއި އޭޝިޔާގެ ޤައުމުތަކުގެ ވެރިން ވެސް ވަނީ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް މަރުޙަބާ ވިދާޅުވެފައެވެ.

މިގޮތުން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ވަނީ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށާއި ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައްވައިފައެވެ.

ވިލާތުގެ ޤައުމުތަކުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގެ ވެރިން ވެސް ވަނީ ޙަމަލާތައް ހުއްޓައިލުމުގެ މި އެއްބަސްވުމަށް ހުރިހާ ފަރާތްތަކުން ވެސް ފުރިހަމައަށް އިޙްތިރާމްކޮށް، ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް ތާވަލުކުރެވިފައިވާ މަޝްވަރާތަކުގެ ބައިވެރިވެ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.