ޚަބަރު

އީރާން-އެމެރިކާ މަޝްވަރާތައް ކާމިޔާބުވާން ޕާކިސްތާނަށް މުހިންމު


އީރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ މައްޗަށް ބިނާކޮށް، އެމެރިކާއާއެކު ސުލްޙައިގެ މަޝްވަރާތައް އޭޕްރިލް 10 ވަނަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް އެއްބަސްވެފައިވާއިރު، އެ މަޝްވަރާތަކުގެ ކާމިޔާބީ ޕާކިސްތާނަށް ވެސް ވަރަށް މުހިންމުކަމަށް މާހިރުން ވިދާޅުވެއްޖެއެވެ.

އީރާނުން ސުލްޙައިގެ މަޝްވަރާތަކަށް އެއްބަސްވެފައި މި ވަނީ، އެ ޤައުމުގެ "ޙަޟާރަތު" ނެތިކޮށްލުމަށް ދެއްވި އިންޒާރު މަޑުޖައްސަވައިލައްވައި، ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާތައް މެދުކަނޑައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގެންނެވުމުންނެވެ.

މި އެއްބަސްވުމާ ހަމައަށް ގެނައުމުގެ މެދުވެރިއެއްގެ ގޮތުގައި ޕާކިސްތާނުން ވަނީ ވަރަށް އިސް ދައުރެއް އަދާކޮށްފައެވެ.

އެ ދައުރު އަދާކުރުމުގައި ސަރަޙައްދީ ގޮތުން އީރާނާ އެކު ޙިއްޞާކުރާ ގާތްކަމާއި އެމެރިކާ އަދި ސަޢުދީ ޢަރަބިއްޔާ އާއެކު އޮތް އަސްކަރީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކަށް ހީނަރުކަމެއް ނާންނަ ފަދަ ގޮތަކަށް ޕާކިސްތާނުން ރިއާއަތްކުރަންޖެހޭކަމަށް މާހިރުން ޤަބޫލުކުރައްވައެވެ.

މިގޮތުން، އެއްވެސް ފަރާތެއްގެ ނުރުހުން ޕާކިސްތާނަށް އަމާޒުނުވާ ފަދަ ގޮތަކަށް މި މަޝްވަރާތައް ކުރިއަށްދާންޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

މިއަދުގެ މެންދަމުގެ ވަގުތެއްގައި ޙަމަލާތައް މެދުކަނޑައިލިކަން އިޢުލާނުކުރުމާ ހަމައަށް، ދިގުލައިގެން ގޮސްފައިވާ ހަނގުރާމައިގެ ތެރެއިން އެފަދަ ކަމެއް ޕާކިސްތާނަށް ޙާޞިލްވެދާނެކަމާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

ފެބްރުއަރީ 28އިން ފެށިގެން ހިނގަމުންދިޔަ ވަރުގަދަ ކުރިމަތިލުންތައް މުޅި މެދުއިރުމައްޗަށް ވެސް ފެތުރިފައިވާއިރު، ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވުމަކީ ޕާކިސްތާނަށް ލިބުނު ބޮޑު ކާމިޔާބީއެއް ނަމަވެސް، މި ޙާލަތުގެ އެންމެ މުޙިންމުކަމަކީ އަންނަ ހުކުރު ދުވަހު ފަށައި ސުލްޙައިގެ މަޝްވަރާތައް ކަމަށް މާހިރުން ޤަބޫލުކުރައްވައެވެ.

އެމެރިކާއާއެކު މަޝްވަރާކުރުމަށް އީރާނުން އެއްބަސްވެފައިވީ ނަމަވެސް، އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި، ދުޝްމަނުންގެ ފަރާތުން ކިތަންމެ ކުޑަ ގޯހެއް ފެނުނު ނަމަވެސް ފުރިހަމަ ބާރާއެކު ރައްދުދޭން ތައްޔާރަށް އޮތް ކަމުގައި އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ހާމަކުރިއެވެ. ހަނގުރާމައިގެ ތެރެއިން ދީފައިވާ ރައްދު ޙަމަަލާތަކުގައި އީރާނުން ވަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒުތަކާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި، އެމެރިކާ ސިފައިންގެ 13 މީހުންނާއި ޔަހޫދީންގެ 26 މީހުން މަރައިލާފައެވެ. އީރާނުން ޒަޚަމުކޮށްލާފައިވާ އެމެރިކާ ސިފައިންގެ އަދަދު 200 އުފުލިފައިވާއިރު، ޔަހޫދީންގެ 7,183 މީހުން ވަނީ ޒަޚަމުކޮށްލާފައެވެ.