20 ރަށެއްގެ މަސައްކަތް ނިމި، އިތުރު 58 ރަށުގައި ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ރަށު ފެންވަރާ ސަރަޙައްދީ ފެންވަރުގައި މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަށީގެންވާ ކުނި މެނޭޖުކުރާ ނިޒާމު ޤާއިމުކުރުމަށް "މަގޭ ސާފު ރާއްޖެ"ގެ ނަމުގައި ޤައުމީ ޕްރޮގްރާމެއް ފަށާފައެވެ.
18 މަސް ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެ ރަށަކަށް އެކަށީގެންވާ ކުނި މެނޭޖުކުރާ މަރުކަޒު އަދި ވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.
ތިމާވެއްޓާ ވެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވީ މި މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ 2 އަހަރުތެރޭ 20 ރަށުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމުކޮށް ނިމިފައިވާކަމަށެވެ. އަދި 58 ރަށެއްގެ ކުނި މޭނެޖުކުރާ ނިޒާމު ޤާއިމުކުރުމަށް ކޮންޓްރެކްޓާރުންނާ ހަވާލުކޮށްފަވާކަމަށާއި، މި މަސައްކަތްތައްވެސް އެކި މަރުޚަލާތަކުގައި ރަށްތަކުގައި ކުރިއަށްދާކަމަށެވެ.
އަދި މީގެ ކުރީގައި އެކި ރަށްތަކުގައި ޤާއިމުކޮށްފަވާ ކުނި މެނޭޖުކުރާ މަރުކަޒުތައް އަޕްގްރޭޑްކޮށް، ސަރުކާރުން ޤަބޫލުކުރާ މިންގަނޑަށް ގެންނަމުންދާކަމަށެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތުގައި ބައެއް ކައުންސިލްތަކުން އެކަށީގެންވާ މިންވރަށް އެއްބާރުލުން ނުލިބޭތީ ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދަތިވާކަމަށެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ދަނީ ރަށްރަށުގައި ކުނި މެނޭޖުކުރަން ބެނުންވާ ވަސީލަތްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 82 ރަށަކަށް ކުނި މެނޭޖުކުރަން ބޭނުންވާ ވަސީލަތްތައް ފޮނުވާފައިވާކަމަށެވެ. އަދި 99 ރަށަކަށް، ކުނި އުފުލާ ވެހިކަލްވެސް ވަނީ ފޯރުކޮށްދީފައެވެ.
މީގެއިތުރުން 6 ރަށެއްގައި ގަސް ކާނާ ނުވަތަ ކާދު ހަދާ ޒަމާނީ މެކޭނިކަލް ސިސްޓަމްތައް ބޭނުންކޮށްގެން ކާދު ހެދޭނެ ވަސީލަތްތައް ފޯރުކޮށްދީ އެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
"ކާދު ހަދާ ޓެކްނިލޮޖީ 6 ރަށެއްގައި އިންސްޓޯލްކޮށް ކައުންސިލްތަކާ ހަވާލުކުރެވިފައިވަނީ. ގިން ރަށްތަކުގައި މިހާރުވެސް ކާދު ހަދަނީ މެނުއަލްކޮށް. ނަމަވެސް ބައެއް ރަށަކަކީ ޖާގަ ނެތުމުގެ ސަބަބުން އެކަމަށް ދަތި ރަށްތަށް. އަނެއްބައި ރަށްތަށް ބޮޑު ނަމަވެސް، ބެނުންވާ ޖާގަ ނުލިބޭ. މެކޭނިކަލް ކާދު ހަދާ ސިސްޓަމްތައް މިދަނީ ގެންނަމުން. މިދިޔަ 2 އަހަރު 6 ރަށެއްގައި، މި މެކޭނިކަލް ކޮމްޕޯސިން ސިސްޓަމް ވަނީ ޤާއިމުކޮށްފައި. އެ މަސައްކަތް ދޭ. ވަރަށް ކާމިޔާބުކަމާއެކު އެބަ ގެންދެވޭ. " ވަޒީރު ވިދާޅުވިއެވެ.
މާލެ ރީޖަންގައި ކަނޑުމަގުން ކުނި އުފުލުމަށް އެކަމަށް ޚާއްސަކޮށް ޑިޒައިންކޮށް އުޅަނދުތަކެއް، ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ތިލަފިއްޓަށް ކުނި ގެންދިއުމަށް ޚާއްސަށް ޑިޒައިންކޮށްފަވާ، މި އުޅަނދުތައް މިހާރު ޓެސްޓްކުރަމުންދާކަމަށެވެ. މި އުޅަނދުތައް ވަރަށް އަވަހަށް ރާއްޖެ އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެހިކަލްއާއި މެޝިނަރީ ނެތް ރަށްތަކަށް، އިތުރު މާލީ އެހީ ލިބެމުންދާވަރަކުން އެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"މި އަހަރުތެރޭގައި ކުނި އުފުލުމަށް އިތުރު ދެ ލޭންޑިން ކްރާފްޓް ބަނުމަށް މިވަނީ ކޮންޓްރެކްޓް ކުރެވިފައި. މީގެއިތުރުން އިތުރު ކޮމްޕެކްޓަރ، ލޮރީ، ޑަމްޕް ޓްރަކް، ޕިކަޕާ ރަށު ޕިކަޕުފަދަ އިތުރު ގިނަ ވަސީލަތްތައްތަކެއް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ތަކެތި ގެންދާނީ ސަރުކާރުން ރީޖަނަލް ޑިވެލޮޕްމަންޓް ސެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކަށްކަމަށެވެ. މި ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ކަންކަން ބަލަހައްޓާނީ ވެމްކޯގެ ބެލުމުގެދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ކުނި މެނޭޖުކުރުމަށް މީހުން ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫޢޫތައް ސަރުކާރުން މިހާރު ކަނޑައަޅާފައިވާގޮތަށް، މަޝްރޫޢޫގެ މަސައްކަތްތައް ނިންމާނެއެވެ.