ކުޅިވަރު

އިޓަލީގެ އެފްއޭގެ ރައީސް ކަމަށް މަލްޑިނީ ގެންނަނީ!


އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް ކުރީގެ ގައުމީ ކެޕްޓަން ޕައުލޯ މަލްޑިނީ ގެނައުމަށް މަސައްކަތް ފަށައިފި އެވެ.

އޭސީ މިލާނާއި އިޓަލީގެ ފަހަތް ގިނަ ދުވަސްތަކެއް ވަންދެން ބެލެހެއްޓި ޑިފެންޑަރާ ބެހޭ ގޮތުން ވާހަކަ ދެކެވެން ފެށީ އޭނާ އަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ތާއީދު ކުރުމުންނެވެ. އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހު ބާއްވާ އިންތިހާބާ ބެހޭ ގޮތުން ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރު އަންދްރެއާ އަބޯޑީ ވިދާޅުވީ މަލްޑިނީ އަކީ ރަނގަޅު ބޭފުޅެއް ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން މަލްޑިނީ އަދި ވަކި އެއްޗެއް ނުބުނެ އެވެ. އޭނާ މިހާތަނަށް ބުނަމުންއައީ އިޓަލީގެ ފުޓްބޯޅައިން މަގާމެއް ބޭނުންވާނަމަ ބޭނުންވަނީ އޭނާގެ މުޅި ކެރިއަރު އެ ކުލަބެއްގައި ހޭދަކުރި އޭސީ މިލާނުން ވަޒީފާއެއް ކަމަށެވެ. މަލްޑިނީ ވަނީ ކުޅުން ހުއްޓާލުމަށް ފަހު އޭސީ މިލާނުގައި 2018 އިން 2023 އަށް މަސައްކަތް ކޮށްފަ އެވެ. އެ ކުލަބުން އޭނާ އަށް ފުރުސަތު ގެއްލުނީ އަލަށް ޓީމު ހިންގުމާ ހަވާލުވި ފަރާތްތަކުން އޭނާ ވަޒީފާއިން ވަކިކުރުމުންނެވެ.

މިހެންވެ އިޓަލީ ސަރުކާރުން އޭނާ އަށް ތާއީދު ކުރި ނަމަވެސް އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމަށް އިޓަލީގެ ގައުމީ ޓީމަސް 127 މެޗު ކުޅެދީފައިވާ ޑިފެންޑަރުގެ ރުހުން ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ދެކޭ މީހުން ވެސް ގިނަ އެވެ.

މަލްޑިނީގެ އިތުރުން ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް މިހާތަނަށް ބެލެވިފައިވަނީ ކުރީގެ ދެ ކުޅުންތެރިއެކެވެ. އެއީ ކުރީގެ ފޯވަޑް އަލެސެންދްރޯ ޑެލްޕިއަރޯ އާއި ޑެމެޓްރިއޯ އަލްބަޓީނީ އެވެ.

އިޓަލީގެ ފުޓްބޯޅައިގެ ރައީސްކަން ހުސްވީ ވިދިވިދިގެން ތިން ވަނަ ފަހަރަށް އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިސްތިއުފާ ދިނުމުންނެވެ. އޭނާ އިސްތިއުފާ ދިނީ ސަރުކާރުން ޕްރެޝަރު ކުރަން ފެށުމުންނެވެ.