ކުޅިވަރު

ޑޭވިޑް ސިލްވާ ވެސް ސިޓީ ދޫކޮށްލަނީ


މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވެސް މި ސީޒަނށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލާނެ ކަމަށް އެ ކުލަބުގެ އެސިސްޓެންޓް ކޯޗު ޕެޕް ލިންޑާސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ކޯޗު ޕެޕް ގާޑިއޯލާ ސަސްޕެންޑް ކޮށްފައި ހުރުމުން ހޮނިހިރު ދުވަހު ލިވަޕޫލް އަތުން ސިޓީ މޮޅުވި މެޗުގައި ވަގުތީ ގޮތުން ކޯޗެއްގެ ޒިންމާ ނަގައި ދިން އިންޓަވިއުގަ އެވެ.

"ކޮންމެ ރީތި ވާހަކަ އަކަށް ވެސް ނިމުން އަންނާނެ. އަހަރެން އުއްމީދި ކުރަނީ އޭނާގެ ފަހު މަސްތަކުގައި އޭނާ އުފާ ކުރާނެ ކަމަށް. ބާކީ އޮތީ އެންމެ ހަ ހަފުތާ. އަދި އޭނާ އަށް ރަނގަޅު ފެއާވެލް އެއް ލިބޭނެ. އޭނާ އަކީ އެފަދަ ކަމެއް ހައްގު ކުޅުންތެރިއެއް،" ލިންޑާސް ބުންޏެވެ.

އުމުރުން މިހާރު 31 އަހަރުގެ ސިލްވާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އޭނާ ދާނެ ކަމަށް ބެލެވޭ ކުލަބުތަކުގެ ތެރޭގައި ސްޕޭނުގެ ބާސެލޯނާ އާއި ޕޯޗުގަލްގެ ބެންފީކާ އާއި ސައޫދީ އަރަބިއާގެ ކުލަބުތައް ހިމެނެ އެވެ.

ސިލްވާގެ ބަދަލުގައި ޓީމަށް ގެނައުމަށް ސިޓީން ފާރަލަމުންދާ ކުޅުންތެރިންގެ ތެރޭގައި އެލިއޮޓް އެންޑަސަން އާއި ނިއުކާސަލްގެ ސަންދްރޯ ޓޮނާލީ ހިމެނެ އެވެ. ނަމަވެސް ލިންޑާސް ބުނީ ސިލްވާގެ މަގާމު ފޫނުބެއްދޭނެ ކަމަށެވެ.

"މި ފެންވަރުގެ މި ކަހަލަ ކުޅުންތެރިއެއްގެ މަގާމު ފޫބައްދަން މި ކަހަލަ ކުޅުންތެރިއަކު ނުހޯދޭނެ. ހޯދޭނީ ޓީމު ކުރިއެރުވޭނެ ކަހަލަ ކުޅުންތެރިއެއް. އަދި އަހަރުމެންގެ އެކަޑަމީއިން ކުޅުންތެރިއަކު ގެނައުމަށް ވެސް އުއްމީދު ކުރެވިދާނެ. ޒުވާން ކުޅުންތެރިންނާއެކު އަހަރުމެން މިވަނީ ކުރިއަށް ފިޔަވަޅެއް އަޅާފައި،" ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕްގެ އެސިސްޓެންޓަކަށް ގިނަ ދުވަސްތަލެއްގައި މަސައްކަތް ކުރި ލިންޑާސް ބުންޏެވެ.

އިނގިރޭސި ޕްރެމިއާ ލީގު ލިބުމާ ދުރުގައި އޮތަސް ސިޓީ ވަނީ މި ސީޒަނުގައި ކަރަބޯ ކަޕް ކާމިޔާބު ކޮށްފަ އެވެ. މިހާރު އެ ޓީމަށް ތައްޓެއް ހޯދުން އެންމެ ގާތީ އެފްއޭކަޕުގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ލިވަޕޫލް ބަލިކޮށްފަ އެވެ.