ޚަބަރު

ފަތުރުވެރިކަމުގެ ސިނާއަތަށް 2 އަހަރު ތެރޭ އަލަށް 365 މިލިޔަން ޑޮލަރު


  • ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން

  • ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2024 އިން ފެށިގެން މިހާތަނަށް އައު ލޯނުގެ ގޮތުގައި 365 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދާކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްއިން ވިދާޅުވީ މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ. ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވެސް ބޭންކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ޤާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި އެބޭންކުން ވަނީ ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކާފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %70 އިތުރު އަދަދެއްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

2025 ވަނަ އަހަރު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރެއިން 104 މިލިޔަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.