ޚަބަރު

"ބަލި މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރަންޖެހޭ"


  • އެކަމަނާވަނީ ސިއްޙީ އެހީތެރިންނަށް އެއްބާރުލުންދެއްވުމަށް އެދިވަޑައިގަންނަވާފައި

  • ޕޭޝަންޓް ސޭފްޓީ ދުވަހަކީ 17 ސެޕްޓެންބަރު

ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވާ، ބަލި މީހުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ، ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭއާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު ވަރުގަދަ ސިއްޙީ ނިޒާމެއް ބިނާކުރުމުގައި ބަލި މީހުންގެ ރައްކާތެރިކަން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ، މިއަހަރުގެ ޕޭޝަންޓް ސޭފްޓީ ދުވަހުގެ ޝިޢާރަކީ، "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް." މިޝިޢާރުކަމަށެވެ. މިޝިއާރުގެ ދަށުން ދާއިމީ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކުގެ ފަރުވާގެ ހުރިހާ ހަރުފަތެއްގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާއި އެހީތެރިކަމުގެ މުހިއްމުކަން ފާހަގަވާކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ރައްކާތެރި ފަރުވާއާއި ވަގުތުން ވަގުތަށް ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތްތަކުގެ ތެރެއިން ދުރާލާ ބަލިތައް ދެނެގަތުމާއި ފަރުވާގެ ކަންކަން ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޕޯސްޓުގައި ވިދާޅުވީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމަށެވެ. ދާއިމީ ބޮޑެތި ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކުން އެކުރާ ދަތުރަކީ އުމުރަށް އުފުލަމުންދާ ބުރައެއްކަމުން އެކަމުގައި ހުރިހާ ހިސާބެއްގައިވެސް ރައްކާތެރިކަމާއި އެހީތެރިކަން ލިބިދޭންޖެހޭކަމަށް ވިދާޅުވިއެވެ.

އެކަމަނާގެ ޕޯސްޓު ނިންމަވާލެއްވީ އެކުގައި މަސައްކަތްކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، ބަލި މީހުންނަށް ރައްކާތެރި މާޙާއުލެއް ބިނާކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވަމުންނެވެ.

ބަލި މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދީ ފަރުވާގެ ނިޒާމުގައި ހިނގާ އިހުމާލުގެ އެކި މައްސަލަތައް މަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.