ޚަބަރު

މެންދުރާއި ހަމައަށް 60،000 ވުރެ ގިނަ މީހުން ވޯޓު ލައިފި


  • 12 ޖެހުމާ ހަމައަށް 62،083 މީހުން ވޯޓުލާފައިވޭ

  • މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ %21.05

މިއަދު ކުރިއަށްދާ 3 ވޯޓުގައި 12 ޖެހުމާ ހަމައަށް 62 ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލާން ފެށީ ހެނދުނު 8 ޖެހިއިރެވެ. މަދު މަރުކަޒުތަކެއްގައި ހުރި ވޯޓު ފޮށިތައް ފިޔަވާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ގިނަ ވޯޓު ފޮށިތަކުގައި ހެނދުނު 8 ޖެހިއިރުވަނީ ވޯޓުލުން ފެށިފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 12 ޖެހުމާ ހަމައަށް 62،083 މީހަކުވަނީ ވޯޓު ލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން %21.05 މީހުންނެވެ. މީގެ ތެރޭގައި 28،838 އަންހެނުން އަދި 33،245 ފިރިހެނުން ހިމެނެއެވެ.

މިއަދުގެ އިންތިޚާބުތަކުގައި ވޯޓު ލުމުގެ ޙައްގު ލިބިގެންވާ 294،876 މީހަކަށްވަނީ ލިބިފައެވެ. އާންމުނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 588 ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. ވޯޓު ލުން ކުރިއަށްދާނީ މިއަދު ހަވީރު 4 ޖެހުމާ ހަމައަށެވެ.