ޚަބަރު

މުހިންމު ބައެއް މަޢުލޫމާތާއި ވޯޓުގެ ފަހުގެ ތައްޔާރީތައް!


  • ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން 16:00އަށް

  • މަރުކަޒު ދެނެގަތުމަށް : VR (space) ID card number

  • ޖުމުލަ 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވޭ

މާދަމާ ބާއްވާ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނަގާނެއެވެ. އިލެކްޝަން ކޮމިޝަނުން މިހާރު ކުރިއަށްގެންދަނީ ވޯޓާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން ވޯޓުލުމުގެ ކަންކަން 347 މަރުކަޒެއްގައި ބަހައްޓާ 588 ސްޓޭޝަންގައި ކުރިއަށްދާނެއެވެ. ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އެންމެހާ ތަކެތި މިހާރު ވަނީ، މަރުކަޒުތައް ހިމެނޭ ރަށްތަކަށް ފޮނުވާފައެވެ. އޭގެތެރޭގައި ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ސާމާނާއި، ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސް ހިމެނެއެވެ.

އީސީން މިވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ، މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތެވެ. ޓެންޓު ޖަހައިގެން މާލޭގައި ހަދާ މަރުކަޒުތަކުގެ މަސައްކަތްތަކާއި، ވޯޓުލާ މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ސްކޫލުތަކާއި އެހެނިހެން މަރުކަޒުތަކުގެ ސެޓަޕްތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މާލޭގައި ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކަކީ، މާލޭގެ ހެންވޭރު ސްޓޭޑިއަމް އަދި މާފަންނު ސްޓޭޑިއަމެވެ. އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓައެވެ.

މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެއެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާއިރު، އެންމެ ގިނަ ފޮށި ބަހައްޓަނީ އަމީނިއްޔާ ސްކޫލުގައެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.

މިފަހަރުގެ އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަނީ، އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ޚިޔާލު ހޯދުމުގެ ވޯޓަށްވެސް، ކޮންމެ ސްޓޭޝަންއެއްގައި ވަކިން ވޯޓު ފޮށި ބަހައްޓާފައި ހުންނާނެއެވެ. އެ އިންތިޚާބަކާ ގުޅޭ ވޯޓު ކަރުދާހެއް ލާންޖެހޭ ފޮށީގެ އިރުޝާދު މަރުކަޒުގައި ހަރަކާތްތެރިވާ އީސީގެ އޮފިޝަލުން ދޭނެއެވެ.

އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެއެވެ. ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައިވަނީ، ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި، އެ ބަދަލު ގެންނަން ފެންނަ ކަމަށް ނިންމައިފިނަމަ، މިހާރު ކުރިއަށްދާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އުމުރު ކުރު ކުރުމަށް، ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.

ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު:

  • ޖުމުލަ 294،876 މީހުން
  • ފިރިހެން - 150،370
  • އަންހެން - 144،506

އާއްމު ބައެއް މަޢުލޫމާތު:

އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅިއެވެ. ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާއިރު 82 ކެންޑިޑޭޓުން ވަނީ، އިންތިޚާބަކާ ނުލައި ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެހެންކަމުން މި އިންތިޚާބުގައި ވާދަކުރާނީ، 2،845 ކެންޑިޑޭޓުންނެވެ.

ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު ޔަގީން ކުރުމަށް، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ. ވޯޓު ލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑާއި، ޕާސްޕޯޓާއި، ޕާސްޕޯޓް ކާޑާއި، ލައިސަންސްގެ އަސްލު އެކަންޏެވެ. އީފާސް ބޭނުމެއް ނުކުރެވޭނެއެވެ.

ވޯޓުލުން ކުރިއަށްދާނީ، ހެނދުނު 08:00އިން ހަވީރު 16:00އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.

ވޯޓު ގުނުމުގައި، ފުރަތަމަ ގުނާނީ ކައުންސިލަށް އައްޔަނު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ، އެންމެ ފަހުންނެވެ.

މި ދުވަސްވަރަކީ، ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްވަރެކެވެ. އެހެންކަމުން ފަހުވަގުތަށް މަޑު ނުކޮށް، ވީހާވެސް އަވަހަށް ވޯޓުލާން ނިކުތުމަށް އިސްކަން ދިނުން މުހިންމެވެ.

އިންތިޚަބާ ގުޅޭ ޚާއްސަ ލައިވް ކަވަރޭޖް ޕީއެސްއެމް ނިއުސްގެ ޗެނަލްތަކުން ހެނދުނު 07:00ގައި ފަށާނެއެވެ. މި ކަވަރޭޖްގައި، ވޯޓުލުން ކުރިއަށްދާ ގޮތާއި، އިންތިޚާބާ ގުޅޭގޮތުން ހޭލުންތެރިކަމުގެ އާއްމު މަޢުލުމާތާއި ވޯޓު ގުނުމުގެ ކަންކަން ނިމުމާއި ހަމައަށް އެންމެ ފަހުގެ މަޢުލޫމާތުތައް ގެނެސްދޭނެއެވެ.

ވޯޓުގެ ނަތީޖާގެ ޚާއްސަ ކަވަރޭޖް މާދަމާ ހަވީރުން ފަށައިގެން ކުރިއަށްދާނެއެވެ.