ޚަބަރު

މެދުނުކެނޑި ބޭސް ލިބޭނެ ގޮތްހެދުމަށް ޒަމާންވީ ނިޒާމަށް ބޮޑު ބަދަލެއް


  • ރާއްޖެއަށް ބޭސް އެތެރެކުރުމަށް ދިމާވާ ގިނަ މައްސަލަތަކެއް އެބަހުރި

  • ދާއިމީ ހައްލެއް ގެނައުމަށް އުސޫލުތައް މުރާޖާކޮށް ބަދަލުތަކެއް ގެންނާނެ

ރާއްޖޭގައި މެދުނުކެނޑި ކޮލިޓި ބޭސް ލިބޭނި އިންތިޒާމު ހަމަޖެއްސުމުގައި އިދާރީގޮތުން ނިޒާމުގައި ހަމައަކަށް އަޅުވަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރިކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ. ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ ޚާއްސަ ކުންފުންޏެއް އުފައްދާފައެވެ.

ބޭހަކީ ބަޖެޓުގެ ބޮޑު އިންސައްތައެއް ޚަރަދުކޮށްގެން ރާއްޖެއަށް ގެންނަ އެއްޗެއް ނަމަވެސް މެދު ނުކެނޑި ބޭސް ލިބުމުގައި މައްސަލައަށް ހައްލެއް ނައުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ. އެސްޓީއޯ މެދުވެރިކޮށް ރާއްޖެއިން ބޭރުން ބޭސް ގެނެސް އަތޮޅުތަކަށް ފޮނުވުމުގައިވެސް ރަނގަޅު ނިޒާމެއްގެ ތެރެއިން ނުދާކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ. މިކަންކަމަށް ހައްލެއް ގެނައުމަށް މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންވަނީ ބޭހަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާޙް މާހިރު ވިދާޅުވީ، ރާއްޖެއަށް ކޮލިޓީ ބޭސް މެދުނުކެނޑި އެތެރެކޮށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ނިޒާމުގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް އެބަހުރިކަމަށެވެ. އަދި މިއީ ހަމައެކަނި ބޭސް އުފައްދާ ފަރާތަކުން ބޭސް ގަނެ ރާއްޖޭގައި ގުދަންކޮށްގެން ހައްލުވާނެކަމެއް ނޫންކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ.

"މިކަމަކީ ހަމައެކަނި ބޭސް އެތެރެކޮށް އޭގެ ވިޔަފާރި އެލެމެންޓެއް ނޫން. ސިއްޙީ ދާއިރާގެ ސިސްޓަމް ތެރޭގައި ބައިވަރު މައްސަލަތައް ބޮޑެތި ބައިބައިވުންތަކާއި ތަފާތު ކަންތައްތަކެއް އެބަހުރި، ރާއްޖެއަށް ބޭސްއެތެރެ ކުރުމަކީ ހަމައެކަނި ސަޕްލަޔަރު އަތުން ބޭސް ގަނެފަ ގުދަންކޮށް ތަންތަނަށް ޑިސްޓްރިބިއުޓްކުރުމެއް ނޫން." ޑރ. ޝާޙް ވިދާޅުވިއެވެ.

ރާއްޖޭގައި ބޭހުގެ މައްސަލަ ހައްލުކުރުމަށް މިހާރު ބޭސް އެތެރެކުރާއިރު ބަލަމުންދާ މިންގަނޑު މުރާޖާކުރުމާއި، ރެގިއުލޭޓްކުރުމުގައި ޢަމަލުކުރަމުންދާ ގޮތް ހަރުދަނާކުރުމުގެ އިތުރުން ބަލި މީހާއަށް ދިނުމަށް ޑޮކްޓަރުންނަށް އެންމެ ރަނގަޅު ބޭސްތައް ދެނެގަނެ، އެބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭސް ކުންފުންޏާއި ޑޮކްޓަރުންނާ ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކުރުން ފަދަ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަން ބޭސް ކުންފުނިން ފާހަގަކުރައްވައެވެ.

ރާއްޖެއަށް ކޮލިޓީ ބޭސް ދާއިމީގޮތެއްގައި ލިބޭނެ މަގުފަހިކުރުމަކީ ވިޔަފާރި މޮޑެލްއެއްގައި ކުރުން ރަނގަޅުކަމެއް ނޫންކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން ވަކި ކުންފުންޏެއްގެ ގޮތުގައި ބޭސް ކުންފުނި ހަމަޖެހިގެން ދިޔުމާއެކު ޚާއްސަ ސަމާލުކަމެއް ދެވިގެން މިމަސައްކަތް ކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ. ކޮންމެވެސް ވަރެއްގެ ވަގުތުތަކެއް ނެގިނަމަވެސް، ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާ ބޭހުގެ މައްސަލައަށް މިކުންފުންޏާއެކު ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ ޔަގީންކަން ދަރުކާރުން ދެއެވެ.