ކުޅިވަރު

އަނެއްކާ ވެސް ވޯލްޑް ކަޕުން އިޓަލީ ކަޓައިފި، ބަލިވީ ބޮސްނިއާ އަތުން


  • އިޓަލީ އަކީ ވިދިވިދިގެން ތިން ފަހަރު ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ޗެމްޕިއަން ޓީމު

  • މިއީ ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވި ދެ ވަނަ ފަހަރު

ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން މަޝްހޫރު އިޓަލީ ކަޓައިފި އެވެ.

ބްރެޒިލާއި ޖަރުމަނަށް ފަހު މުބާރާތުގެ އެންމެ ކާމިޔާބު ގައުމު އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ މުބާރާތަށް ކޮލިފައިނުވީ ބޮސްނިއާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-1އިން ބަލިވުމުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމު ހަމަހަމަވީ 1-1އިންނެވެ. މެޗުގެ ލީޑް 15 ވަނަ މިނިޓްގައި އިޓަލީ އަށް ހޯދައިދިނީ މޮއިސް ކީން އެވެ. ބޮސްނިއާއިން ނަތިޖާ ހަމަހަމަ ކުރީ 79 ވަނަ މިނިޓްގައި ހާރިސް ޓަބަކޮވިޗް ޖެހި ގޯލުންނެވެ.

ބޮސްނިއާ މުޅިން ކަހަލަ ގޮތަކަށް ޑޮމިނޭޓްކުރި މެޗުގައި އިޓަލީ އަށް އެންމެ ބޮޑު މައްސަލައަކަށްވީ ފުރަތަމަ ހާފު ނިމިނިމި އޮއްވައި އިތުބާރު ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އަށް ރަތްކާޑު ދެއްކުމުންނެވެ. މިއާއެކު 10 ކުޅުންތެރިންނާއެކު ކުޅުނު އިޓަލީގެ ގޯލަށް ފުލުފުލުގައި ބޮސްނިއާއިން ހަމަލާތައް އޮއްސަމުންދިޔަ އެވެ.

މިއީ 2021 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ނަމަވެސް އިޓަލީ އޭގެ ފަހުން ކޮލިފައިނުވި ދެ ވަނަ ވޯލްޑް ކަޕެވެ. ޖުމުލަ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އިޓަލީ އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން 2018 އަދި 2022ގައި ކޮލިފައިނުވުމާއެކު އިޓަލީ ހިމެނިގެންދަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކޮލިފައިނުވި ފުރަތަމަ ކުރީގެ ޗެމްޕިއަން ޓީމަށެވެ.

ޖޫން 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕް ވެގެންދާނީ ބޮސްނިއާގެ ތާރީހުގައި އެ ގައުމު ކުޅޭ ދެ ވަނަ މުބާރާތަށެވެ. ބޮސްނިއާ އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 2014 ވަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތުގައި އެ ގައުމު ހިމެނޭނީ ކެނެޑާ އާއި ގަތަރާއި ސްވިޒަލޭންޑާއެކު ގްރޫޕް އޭގަ އެވެ. ބޮސްނިއާގެ ކެޕްޓަން އެޑެން ޒެކޯ ވެގެންދާނީ ވޯލްޑް ކަޕުގައި މި ފަހަރު ކުޅޭނެ 40 އަހަރުން މަތީގެ މަދު ތަރިންގެ ތެރޭގަ އެވެ.