ރެއާލް މެޑްރިޑުން އެމްއާރުއައި ހެދީ އޭނާގެ ތަދުނުވާ ކަކުލުގައި ކަމަށް ދެކެވޭ ވާހަކަ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕޭ ދޮގުކޮށްފި އެވެ.
އޭނާ މިހެން ބުނީ ބްރެޒިލާ ދެކޮޅަށް ފްރާންސްގެ ކުޅޭ އެކުވެރިކަމުގެ މެޗުގެ ކުރިން ނޫސްވެރިން މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.
"އެއީ ރަނގަޅު ވާހަކައެއް ނޫން. ތިމާމެންނަށް ނޭނގޭ ވާހަކަތަކާ މެދު ރަނގަޅު މައުލޫމާތު ނެތި ވާހަކަ ދެއްކުމަކީ އޭގެ ސަބަބުން އެތަކެއް މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް. އަހަރުމެން މި ވަގުތު މި ތިބީ ސީޒަނުގެ ވަރަށް މުހިންމު ހިސާބެއްގައި. މެޑްރިޑުގައި އަބަދުވެސް ކަންކަން ކުރަނީ މަޝްވަރާ ކޮށްގެން. ވާހަކަ ދައްކައިގެން. ތިފަދަ ވާހަކަތަކުގެ ބޭނުމަކީ ގޯސް ވާހަކަތައް ދައްކައި އޭގެ އަސަރު ޓީމަށް ކުރުވުން،" އެމްބާޕޭ ބުންޏެވެ.
ނަމަވެސް ސްޕޭނާއި ފްރާންސްގެ މީޑިއާތަކުން ވަނީ މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. މިގޮތުން ސްޕޭނުގެ ނޫސްވެރިން ބުނަނީ މިދިޔަ ޑިސެމްބަރު މަހު އެމްބާޕޭގެ ތަދުނުވާ ކަކުލުގެ އެމްއާރުއައި ހެދި މައްސަލާގައި ރެއާލް މެޑްރިޑުގެ މެޑިކަލް ޓީމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން ވަޒީފާއިން ވެސް ވަކިކުރި ކަމަށެވެ.
އެމްބާޕޭ ކަކުލުގެ ތަދާހެދި އޭނާ އަށް ވަނީ ވަރަށް މުހިންމު މެޗުތަކެއް ވެސް ގެއްލިފަ އެވެ. ނަމަވެސް ފްރާންސްގެ ކެޕްޓަން ބުނީ އޭނާ މިހާރު ހުރީ ފިޓްކޮށް ކަމަށާއި ސީޒަން ކާމިޔާބު ކަމާއެކު ނިންމައި ވޯލްޑް ކަޕަށް ރަނގަޅު ސިއްހަތެއްގައި ދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ބްރެޒިލް މެޗަކީ ވަރަށް މުހިން މު މެޗެއް. ސަބަބަބަކީ ގަދަ ޓީމަކާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދުމަކީ ވޯލްޑް ކަޕަށް ދާއިރު އިތުބާރު ބޮޑުވާނެ ކަމަކަށްވާނެތީވެ. އަދި މި ފަދަ މެޗުތަކުން ޓީމުގެ އަސްލު ފެންވަރު ދެނެގަނެވޭނެ،" 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދީ 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އަތުން ބަލިވި މެޗުގައި ހެޓްރިކް ހެދި ފޯވަޑް ބުންޏެވެ.