ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްޢިން ޕާކިސްތާނުގެ މައްޗަށް ކުރި ހޯދި މެޗުގައި ބަންގްލަދޭޝްގެ ދެހާހަށްވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ ބޮޑު ތަރުހީބެއް ދީފިއެވެ.
މި މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޒުވާން ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ 0-2 ނަތީޖާއަކުން ޕާކިސްތާނު ބަލިކޮށްފައެވެ. ބަންގާޅު ޓީމުން ހޯދި މި ކާމިޔާބީގައި، އެ ޓީމަށް ހިތްވަރުދިނުމަށް ދަނޑަށް ވަނތް އެ ގައުމުގެ ސަޕޯޓަރުން ދެއްކި އެއްބައިވަންތަކަމާއި ލޯބި ބޮޑު ދައުރެއް އަދާކުރިކަން، އެ ޓީމުގެ ކޯޗު، މާކް އެޑްވާޑް ކޮކްސް ވަނީ ފާޙަގަކޮށްފައެވެ.
ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން، ގައުމީ ރޫހެއްގައި ޖޯޝާއި ފޯރިއާއިއެކު ނުކުމެ ޒުވާން ޓީމަށް ހިތްވަރު ދިނުމުގެ ނަތީޖާއަކަށްވީ ރަށުން ބޭރުގައި، "އަވޭ" ގައި ކުޅެމުން ދިޔަ ޒުވާން ކުޅުންތެރިންތަކަކަށް އިތުރު ހިތްވަރެއް ލިބި މެޗު ކާމިޔާބުކުރުމަށް ބާރަކަށް ވުމެވެ.
ޕާކިސްތާނުގެ ގޯލަށް އެ ގައުމުގެ ޒުވާން ކުޅުންތެރިން އަމާޒުކުރާ ކޮންމެ ހަމަލާއަކާ އެކު ޓީމަށް އައްސަރިބަހާއި ސާބަސް ދެމުން ދިޔައިރު، ނޭވާ ހިފަހައްޓާލަން ޖެހުނު ކޮންމެ ވަގުތަކުވެސް ޓީމަށް އުއްމީދު ގެނެސްދިނީ ގައުމީ ޖޯޝުގައި ދަނޑަށް ވަތް އެ ގައުމުގެ ސަޕޯޓަރުންގެ ތަރުހީބުގެ އަޑުންނެވެ.
ރަށުން ބޭރުގައި ކުޅެމުންދާއިރު ގެނުވާނެ ނުތަނަވަސްކަމާއި ހާސްކަމުން ކުޅުންތެރިންނަށް ހަމަޖެހުން ގެނެސްދިނީ ޓީމަށް ތަރުހީބުދެމުންދިޔަ އެކުދިންގެ ގައުމުގެ ރައްޔިތުންގެ ލޮބުވެތި ބަސްތަކާއި ހިތްވަރުންނެވެ.
ބެނާތަކާއި ޕޯސްޓަރުތަކުގެ އިތުރުން ތަރުހީބު ދިނުމަށް ބޭނުންކުރާ އެކި ބާވަތުގެ އާލާތްތަކުން ބަންގްލަދޭޝް ޓީމަށް އެ ގައުމުގެ ރައްޔިތުން، ދިވެހި ފަސްގަނޑުގައި ދިރުން ގެނެސްދިން މަންޒަރު ފެނިގެން ދިޔައިރު މިއީ ދިވެހި ސަޕޯޓަރުންނަށް ދައްކުވައިދިން ނަމޫނާއެކެވެ.
ރާއްޖޭގެ ޒުވާން ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނަން ވަގުތު ކުޑަތަންވަމުން އަންނައިރު، އެ މެޗަކީ ދިވެހި ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލާނެ މެޗަކަށް ހަދަން ޖެހެއެވެ. ރަތުގެ ލަޝްކަރަކީ އެއްބައެއްކަމާއި އެކުދިންނަކީ އަޅުގަނޑުމެންގެ ރަން ޖީލެއްގެ ފެށުންކަން ގަބޫލުކޮށް، ގައުމީ ރޫހެއްގައި ރަސްމީ ބޯޅަދަނޑު އެއްކުލަ ކޮށްލަންޖެހެއެވެ.
ސަޕޯޓަރުންނަކީ ޓީމުގެ ބާރަ ވަނަ ކުޅުންތެރިޔާއަށް ވާއިރު އެކަން ސާބިތުކޮށްދިނުމަށް އަނެއްކާވެސް ދިވެހިންނަށް މި ލިބެނީ އިތުރު ފުރުސަތެކެވެ.
ބަންގްލަދޭޝްގެ ރައްޔިތުން އެ ގައުމުގެ ޒުވާން ޓީމާއެކު ތިބެ ދެއްކި ނަމޫނާއިން އަޅުގަނޑުމެން ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް މެޗުގައި ޒުވާން ޓީމަށް ތަރުހީބު ދިނުމަށް ގަލޮޅު ދަނޑަށް ވަދެ ދަނޑު ފުރާލަން ޖެހެއެވެ. އެ މެޗަކީ ތިންހާހަށްވުރެ ގިނަ ޓިކެޓް ވިކޭނެ މެޗެއްކަމަށް ހަދައި، ބަންގްދޭޝް މެޗުގެ ރިކޯޑު މުގުރާލާ ދިވެހިންގެ އެއްބައިވަންތަކަން ދައްކާލަން މިއީ ރަނުގެ ފުރުސަތެކެވެ.
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ ބުދަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށެވެ.
މި މެޗު ކުޅޭނީ އެރޭ 08:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މުބާރާތުގެ ޓިކެޓްގެ އަގުތައް އުޅެނީ ސިޑިބަރި ޓިކެޓް 15 ރުފިޔާއަށް އަދި ގޮނޑި ބަރި ޓިކެޓް 25 ރުފިޔާއަށެވެ. ގަލޮޅު ދަނޑުގެ ކައުންޓަރ 2 އިން ޓިކެޓް ލިބެންހުންނާނެއެވެ.