ޚަބަރު

ބޮޑު ކަންނެލީގެ ދޯނިތަކަށް ސަބްސިޑީ ދޭން ނިންމައިފި


  • މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އެހީތައް ދަނީ ފޯރުކޮށްދެމުން

  • ބޮޑުކަންނެލިން ބޮޑު އާމްދަނީއެއް ހޯދާ

  • މިދިޔަ މަހު 127 ޓަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި

ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ދޯނިތަކަށް އެސްޓިއޯއިން ވިއްކާ ތެލުން ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާއި މަޝްވަރާކޮށް އެސްޓިއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ.

ދުނިޔޭގެ އިގްތިސާދަށް ހީނަރުކަން ކުރިމަތިވެފައިވާ މިނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިޞާދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގައި މައިގަނޑުކޮށް ކުރާ އެއް ބާވަތުގެ މަސްވެރިކަމެވެ.

ފެބްރުއަރީމަހު މިފްކޯއަށް އެކަނި 400އަށްވުރެ ގިނަ ދޯނިން 127 ޓަނުގެ ބޮޑު ކަންނެލި ކިރުވާފަވެއެވެ. އަދި ގާތްގަނޑައަކަށް 3 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވެއެވެ.