"ރަށުރަހަ" ޕްރޮގްރާމުގެ މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައިވެސް ވާނީ ދިވެހިންގެ ތެރޭގައި ތައްޔާރުކުރާ ބައެއް ކެއުންތައް ތައްޔާރުކުރާނެ ގޮތް ގެނެސްދީފައެވެ. މި ޕްރޮގްރާމުގެ ފަހު އެޕިސޯޑު ޚާއްސަކޮށްފައިވަނީ ރ. ވާދޫގައި ތައްޔާރުކުރާ މިފަދަ ބައެއް ކެއުންތަކަށެވެ.
"ރަށުރަހަ" މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިންގެ އެންމެ އެވޭލާ ކެއުންތަކާއި ރަހަތައް އަދި އޭރުގެ ކެއްކުމުގެ އާދަކާދަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން ބެލުންތެރިންނާ ހަމައަށް ޝައުގުވެރި ގޮތަކަށް ގެނެސްދިނުމެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ޚާއްސަ ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާނެ ގޮތްތަކާއި އެ ކެއުންތަކާއި ބުއިންތަކުގެ ޚާއްސަކަން އެ ރަށްރަށުގެ ރައްޔިތުން މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ. އަދި ދިވެހި ކެއުންތަކުގެ ގޮތުގައި މިހާރު ތައްޔާރުކުރާ އެކި ކަހަލަ ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާ ގޮތްތައްވެސް ގެނެސްދެވޭނެއެވެ.
ރަށުރަހަ ޕްރޮގްރާމުގައި މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައި ރޯދަވީއްލާ ގަޑިއަށް އެކި ރަށްރަށުގައި ތައްޔާރުކުރާ ތަފާތު ކެއުންތަކާއި ބުއިންތައް ވާނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. ނަމަވެސް ޕްރޮގްރާމުގެ ފަހު އެޕިސޯޑު ތަފާތުވެފައި ޚާއްސަވާނެއެވެ.
މި ޕްރޮގްރާމުގެ ފަހު އެޕިސޯޑު ޚާއްސަކޮށްފައިވަނީ ރ. ވާދޫގެ ކެއްކުންތަކަށެވެ. ވަކިން ޚާއްސަކޮށް ހިތާނީ ޢީދުތަކަށް ދިވެހިންގެ ތެރޭގައި އޮންނަ ޝައުގުވެރިކަމާއި، ހިތާނީތަކަށް ތައްޔާރުވުމުގައި އެނަގާ ޖޯޝާއި ފޯރި މިފަހަރު ފެނިގެންދާނެއެވެ.
ހިތާނީ ޢީދުތަކުގައި ތައްޔާރުކުރާ ސައިތަކާއި ކެއްކުންތަކުގައި ވާދޫ ރައްޔިތުންގެ ހުރި ކުޅަދާނަކަމާއި ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި އެކުވެރިކަން ތަޖުރިބާކޮށްލެވޭނެއެވެ. ހަމައެހެންމެ ރަށުގެ ގުދުރަތީ ޗާލުކަމާއި ހިތްގައިމު މަންޒަރުތައްވެސް ގެނެސްދެވޭނެއެވެ. މި ޕްރޮގްރާމް ދައްކާނީ މިރޭ 22:00 ޕީއެސްއެމް ނިއުސްއިންނެވެ.
"ރަށު ރަހަ" މިރޭ 22:00ގައި ޕީއެސްއެމް ނިއުސް އިން pic.twitter.com/e8Ci0DRsso
— PSM News (@psmnewsmv) March 21, 2026
"ރަށުރަހަ" ޕްރޮގްރާމުގައި ނިއުސްޓީމުން މަސައްކަތްކޮށްފައިވާނީ ދިވެހިންގެ އެވޭލާ ކެއުންތަކާއި ރަހަތަކުގެ އިތުރުން، އެތަކެތި ތައްޔާރުކުރުމުގައި ދިވެހިން ނަގާ ފޯރިއާއި، ޖޯޝު ވީހާވެސް ފުރިހަމަކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށެވެ.
މިކަމުގައި ޕްރޮގްރާމުގެ ކްރޫ މެންބަރުން ވަނީ ވަރަށް ހީވާގިކަމާއެކު ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ޝޫޓިންތަކުގައި ކިތަންމެ ވަގުތެއް ހޭދަވިކަމުގައިވީނަމަވެސް ކްރޫ މެންބަރުންގެ ކިބައިން ވަރުބަލިކަމެއް ނުފެނެއެވެ.
ރަށުރަހަ ޕްރޮގްރާމުގެ އެޕިސޯޑުތައް ނ. ހޮޅުދޫ، ނ. މަނަދޫ، ރ. ހުޅުދުއްފާރު އަދި ރ. ވާދޫއިން މި ގެނެސްދެވުނީ އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ވަރަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކުގައެވެ. ޓީމުން ގޮވާލި ކޮންމެ ގަޑިއަކަށް ޕްރޮގްރާމަށް ބޭނުންވި އިންތިޒާމްތައް ހަމަޖެއްސުމުގައި މި 4 ރަށުގެ ފަރާތުންވެސް ފެނިގެންދިޔައީ ނަމޫނާ މަސައްކަތްތަކެކެވެ.
ރަށުރަހައިގެ ކޮންމެ އެޕިސޯޑެއްގައިވެސް ތަފާތު ރަހަތަކެއް ގެނެސްދިނުމަށް ޓީމުން މަސައްކަތްކުރިއިރު، އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ދިވެހިންގެ އެންމެ އެވާލާ ކެއުންތަކާ ބުއިންތައް މިޒަމާނުގައި ތައްޔާރުކުރާގޮތާއި، ރަށްފުށުގައި އެފަދަ ތަކެތި ތައްޔާރުކުރުމުގައި ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ޝަޢުގާއި ފޯރި ބެލުންތެރިންނަށް މަންޒަރާއި އަޑުން ގެނެސްދިނުމަށެވެ.