ޚަބަރު

ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި


  • ސަލްޓަން ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީ އަދި އެމްއެންޑީއެފްއިން ކޮށްފައިވޭ

  • ޒަމާނީ ބަދަލުތަކެއް ގެނެސް ހިތްފަސޭހަ މާހައުލެއް

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. ސަލްޓަން ޕާކުގެ މަރާމާތަށް ފަހު އެ ޕާކު މިހާރު ވަނީ ފިޠުރު ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި އެއްކޮށް އާންމުންނަށް ހުޅުވާލާފައެވެ.

މި މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ވަނީ ވަޑައިގެންފައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޤައުމީ ދިފާޢީ ބާރާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. ސަލްޓަން ޕާކު މަރާމާތަށް ބަންދުކުރުމަށްފަހު އެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ. މި މަސައްކަތުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ސަލްޓަން ޕާކު ވިއު ސްޓްރަކްޗަރ، ޓްރީހައުސް އަދި ޕާކުގެ ވޯކްވޭތަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މާރާމާތުކޮށް އާބާތުރަ ފިލުވުމެވެ. މީގެ އިތުރުން އެތަނުގައި ހުރި ސީސީޓީވީ ކެމެރާތައް ވަނީ ރަނގަޅުކޮށްފައެވެ.

އާރްޑީސީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބެއްލެވުމުގެ ދަށުން ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބައެއް ވަސީލަތްތައް އިތުރަށް ތަރައްޤީކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ އެކިއެކި ވަޞީލަތްތަކުގެ މަޢުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް އޮޅުންފިލުއްވެވިއެވެ.


މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ފާހަގަކުރާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސްގެ އިތުރުން ޝޫޓިންގ ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރުކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަލްޓަންޕާކް ތަރައްޤީކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒުވާނުންނާއި ކުޑަކުދިންނަށް ޝަޢުގުވެރިކަމާއެކު އެކިކަންކަން ދަސްވާނެ ފަދަގޮތަށްކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކުޑަކުދިންނާ އާއިލާތަކުން ހިތްގައިމު ވަގުތުހޭދަކުރެވޭނެގޮތަށް އެތަން ތަރައްޤީކުރާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސަލްޓަން ޕާކް ތަރައްޤީކުރާނީ މާލޭގެ ޢިއްޒުއްދީން ފާލަން ސަރަހައްދާއި ޖުމްހޫރީ މައިދާން ހިމެނޭހެން މުޅި ސަރަހައްދުގެ ހިތްފަސޭހަކަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެގޮތަށްކަމަށެވެ.

ސަލްޓަން ޕާކް މިހާރު ފެންނަން އޮތްގޮތަށް ތަރައްޤީކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ. ރަސްރަނި ބަގީޗާގެ ނަމުގައި އޭރު އެތަން ހުޅުވިއިރު، ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެތަނުގައި ކުޑަކުދިން ޢާއިލާއާއެކީ އުފާވެރި ވަގުތުތަކެއް ހޭދަކޮއްލެވޭ ގޮތަށް ކުޅޭނެ ވަސީލަތްތަކާއެކު ތިން ޕާކެއް ތަރައްޤީކޮށްފައިވެއެވެ. "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވި އެތަނުގެ ނަން އެންމެ އިހުގައި ބޭނުންކުރި "ސަލްޓަން ޕާކް"ގެ ނަމަށް ބަދަލުކުރުން ފިޔަވާ އިތުރު އެއްވެސް ކުރިއެރުމަށް މިދިޔަ ސަރުކާރުގައި ކޮށްފައި ނުވެއެވެ.