ޚަބަރު

ޢީދު ސަލާމްކުރެއްވުމަށް މިފަހަރުވެސް ރައްޔިތުންގެ ބޮޑު ތަރުޙީބެއް


  • ޢީދު ސަލާންކުރެއްވުން ކުރިއަށްދާނީ ހެނދުނު 9 އަކުން 11 އަށް

  • ޢީދު ސަލާން ކުރެއްވުމުގައި ވަޒީރުންނާއި، ސަފީރުންނާއި، އާންމު ރައްޔިތުން ބައިވެރިވޭ

ފިޠުރު ޢީދުގެ މުނާސަބަތުގައި، ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައި، ޢީދު ސަލާންކުރެއްވުން ކުރިއަށްދަނީ މުލިއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން ފެށީ މިއަދު ހެނދުނު 09:00 ޖެހިއިރުއެވެ. ގިނަ އަދަދެއްގެ ބަޔަކު އީދު ސަލާން ކުރުމަށް ވަނީ މުލިއާގެ ކައިރީގައި ސަފުހަދާފައެވެ. ޢީދު ސަލާން ކުރެއްވުން ކުރިއަށްދަނީ 11 ޖެހުމާ ހަމައަށެވެ.

ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދު ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.

ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢީދުގެ އުފަލަކީ، މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމަޢީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުންކަން ފާހަގަކުރައްވާފައެވެ. އަދި، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން، ވަކިވެގެންދާ ރަމަޟާން މަދަރުސާގެ ފިލާވަޅުތައް ހަނދާންކޮށް، ރަނގަޅު ބަސްބުނެ، ރަނގަޅު ޢަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. އަދި ހަ ރޯދައިގެ ދުވަސްތައް މެދުވެރިކޮށް، ހެޔޮ އަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމަށް އިޝާރާތްކުރައްވައި، އަޅުކަމާއި އަޅުވެރިކަން މަތީ ދެމިތިބުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.