އއ.އުކުޅަހު މަގުތަކުގައި ތާރު އެޅުމާއި ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެނެވެ.
އއ. އުކުޅަހަކީ އާބާދީގައި 1100 މީހުން ރެޖިސްޓްރީކޮށްފައިވާ ރަށެކެވެ. ނަމަވެސް ފަރުތުވެރިކަމާއި ސިނާޢީ އެކި ވިޔަފާރިތައް ފުޅާ ދާއިރާއެއްގައި ކުރާ އެރަށުގައި، ދިރިއުޅޭ އާބާދީ 2000އަށް އަރައެވެ.
އުކުޅަހަށް ބަލާލާއިރު، އުމްރާނީ ދާއިރާއިން އެރަށަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ މަގުތަކެވެ. އަތޮޅުތަކުގެ ރަށްތަކަށް ބަލާއިރު، އުކުޅަހަކީ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވަމުން އަންނަ އެއް ރަށެވެ. ވިއްސާރާ ދުވަސްވަރު ފެންބޮޑުވެ ގޭގެއަށް ފެން ވަނުމާއި، ފެން ނުހިނދި ގިނަ ދުވަސް ވުމާއެކު މަގުތައް ބޭނުންކުރުމުގައި އެތައް ތަކުލީފެއް ރައްޔިތުންނަށް ކުރިމަތިވެއެވެ. މަގުމަތި ބޭނުންކުރާ މީހުންނަށް އެކިކަހަލަ އަނިޔާވުމާއި އުޅަނދުތަކަށްވެސް ގެއްލުންތައް ދަނީ ވަމުންނެވެ.
އަދި އެރަށަކީ ފުޅާ ދައިރާއެއްގައި ލޯކަލް ޓުއަރިޒަމް ވިޔަފާރިކުރާ ރަށަކަށްވުމާއެކުވެސް، މި މައްސަލަ ހުރަހަކަށްވެއެވެ.
އެހެންކަމުން އެ ރަށުގެ ރައްޔިތުން ރަށުގެ ތަރައްޤީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ، ރަނގަޅު ފެން ހިންދާ ނިޒާމަކާއެކު ރަށުގެ މަގުތައް ޒަމާނި ފެންވަރަށް ތަރައްޤީވެގެން ދިއުމެވެ.
އުކުޅަހު މަގުތައް ޒަމަނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ މެދުތެރޭގައެވެ. އެމްޓީސީސީ ހަވާލުކޮށް ކުރިއަށްގެންދާ މަސައްކަތުގައި 2.68 ކިލޯމީޓަރުގެ މަގު ތަރައްޤީކުރެއެވެ. އެރަށުގައި އާއްމުކޮށް ބޭނުންކުރާ 10 މަގު ތަރައްޤީކުރެއެވެ. އޭގެތެރޭގައި އާއްމު ޚިދުމަތްތައްދޭ އެކި މުވައްސަސާތައް ހިމެނޭ މަގުތަކާއި ރަށުގެ ބޮޑު މަގާއި ބަނދަރު ސަރަޙައްދުގެ މަގުވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ.
މަގުތަކުގައި ޔުޓިލިޓީ ނެޓްވޯކްތަކުގެ މަސައްކަތްތަކާއި ފެން ހިންދާ ނެޓްވޯކް އަދި ޕޭމަންޓްތައް ހެދުމުގެ މަސައްކަތްތައް ނިމި، މިހާރު ވަނީ ތާރު އެޅުމާ ގުޅޭ މަސައްކަތައް ފަށާފައެވެ. އެގޮތުން ތާރު އެޅުމަށް އަޅާ އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ތާރު ފަށަލަ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.
މި މަޝްރޫޢުއަށް ދަޢުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.