ޚަބަރު

މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


  • ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ

  • ޚިދުމަތް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް އަންނާނެ

މާލެ އަތޮޅު މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މާފުށީގެ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށުމަށް މިއަދު އެރަށުގައި ވަނީ، ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ، ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ، މިރަށުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރެވިގެން ދިއުމަކީ މިރަށުގެ ޞިއްޙީ ދާއިރާއަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

"ވަރަށްވެސް ތާރީޚީ ދުވަހެއް މިއަދަކީ. މި ރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ޚިދުމަތެއް މިއަދު މި އިފްތިތާޙު ކުރެވިގެންދަނީ. އަދި ކުރިއަށް އޮތްތާގައިވެސް މިފަދަ އުފާވެރި ޚަބަރުތައް މިރަށަށް ޞިއްޙީ ދާއިރާއިން ލިބެމުންދާނެ." ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ރަށްތަކަށް ސިއްޙީ ދާއިރާއިން ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެެވެ. މީގެ ކުރިން މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މާފުއްޓަކީ، ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ރަށަކަށް ވުމާއެކު، ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް މި ޚިދުމަތް ލިބުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ފާހަގަކުރެއެވެ. ޚާއްސަކޮށް ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި އުޅޭ ފަރާތްތަކަށް ދިމާވާ އަނިޔާތަކަށް އަވަސް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ރަށު ފަތުރުވެރި ކަމަށް ބަރޯސާވެފައިވާ މިފަދަ މުޖުތަމަޢެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ލިބުމަކީ، ރަށުގެ އިޤްތިސާދަށާއި އިޖުތިމާޢީ ދުޅަހެޔޮ ކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ، ސަރުކާރުން ރަށްރަށުގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ވަނީ ސިފަކުރައްވާފައެވެ.