އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި ދިން ފައިސާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގެ އުފަލުގައި ބައިވެރި ކުރުމަށް އެ ފައިސާ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޙަވާލުކޮށްފިއެވެ.
ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ރެޑް ކްރެސެންޓުން ވަނީ، ރާއްޖެއަށް 40،780.44 ޑޮލަރު ނުވަތަ 626،795.36 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިއީ، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ހެޔޮއެދުންތަކާއެކު، އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ފައިސާއެވެ. ޔޫއޭއީއިން ދިން މި އެހީތެރިކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީ އާ ބެހޭ ވުޒާރާއަށް ޙަވާލުކޮށްފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ޢީދުގެ އުފަލުގައި ބައިވެރި ކުރުމަށްޓަކައި ދިން މި އެހީގައި ކުދިންނަށް ޢީދު ހެދުން ހޯދައިދިނުމާއި، ބޭނުންޖެހިފައިވާ ޢާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޢީދު އުފަލުގައި ބައިވެރި ކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ އުފަލަށްޓަކައި ޔޫއޭއީ ސަރުކާރާއި، އެމިރޭޓްސް ރެޑް ކްރެސެންޓުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވެދެއްވި ދީލަތި އެހީތެރި ކަމަށް އެ ވުޒާރާއިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.