ހަނގުރާމައާއި ގުޅިގެން އިޤްތިޞާދީ އަދި ސަލާމަތީގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ގާތުން ދިރާސާކޮށް ބަލަމުން އަންނަކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށާއި އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި އިޤްތިޞާދީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ހަލީލް ވިދާޅުވީ، މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މަސައްކަތްތައް މިހާރު ދިވެހި ސަރުކާރުން ފަށައިގެން ކުރިއަށްދާކަމަށެވެ.
ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނުތާ ގާތްގަނޑަކަށް 6 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު ބޭއްވިކަމަށާއި އޭގެފަހުން ޖުމްލަ 5 ބައްދަލުވުމެއް ބާއްވައި މަސައްކަތްތައް ވަނީ ކުރިއަށްގެންދެވިފައިވާކަމަށެވެ.
ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައި ހިނގަމުންދާ ހަމަލާތަކާއި ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާތަކާއި އަމަލުތަކުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވެފައިވާ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވެދާނެ އިޤްތިޞާދީ އަދި ސަލާމަތީ ގޮންޖެހުންތައް އެކޮމެޓީން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެކަށިީގެންވާ ވަގުތުގައި ހަރުދަނާ ނިޒާމެއްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް މިހާރުވަނީ ފަށާފައިވާކަމަށް ވިދާޅުވެ ކޮމިޓީއަށް ފާހަގަކުރެވުނު މުހިންމުކަންކަން ޚާރިޖީ ވަޒީރު އަދި ކޮމިޓީގެ ޗެއަރމަން ޑރ. ޢަބްދުﷲ ޚަލީލު ފާހަގަކުރެއްވިއެވެ.
"މި ބައްދަލުވުންތަކުގައި ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ތިބި ދިވެހި ރައްޔިތުންގެ ހާލަތު ކައިރިން ބަލަމުން ދިއުމާއި، ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް ދިމާވެދާނެ ގޮންޖެހުންތައް އަޅުގަނޑުމެން މިދަނީ ދިރާސާކޮށް ވަރަށް ގާތުން ބަލަމުން ކަމުގައިވެސް ދަންނަވަން. އަދި މި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މަސައްކަތްތައް މިހާރު މިވަނީ ދިވެހި ސަރުކާރުން ފަށާފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޚަލީލު ވިދާޅުވީ ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތްކުރުމުގެ ދަށުން ހަމަލާދިނުމުގައި ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ޤައުމަކަށް ބޭނުންކުރެވިފައި ނުވާކަމަށެވެ.
"ރާއްޖޭގެ އަމާންކަމާއި އިޤްތިޞާދު ހިމާޔަތްކުރުން، ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް ހަމަލާ ދިނުމުގެ ބޭނުންކުރެވިފައި ނުވާނެކަމުގައި ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓްތައްވެސް ރިޖެކްޓް ކުރެވޭނެ ވާހަކަ ދަންނަވާލަން. އެއްވެސް ގައުމަކަށް އެކަމުގެ ހުއްދައެއް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައެއް ނުދޭކަމުގައި ދަންނަވާލަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޚަލީލު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ނޭދެވޭ އަސަރުތައް ދިރާސާކުރަމުން ގެންދާއިރު ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެއްޗާއި ތެޔޮ ލިބޭނެ އިންތިޒާމްތައްވެސް ހަރުދަނާކުރެވެމުންދާކަމަށެވެ. އަދި ރާއްޖެއަށް ތެޔޮ ގެންނަނީ މައިގަނޑުގޮތެއްގައި މެދުއިރުމަތިން ކަމަށްވެފައި މިވަގުތު އެސަރަހައްދު ބަންދުކުރެވިފައިވާތީ ތެޔޮ ލިބޭނެ އިތުރު ޤައުމުތައް ހޯދުމުގެ މަސައްކަތް އަވަށްޓެރި ޤައުމުތަކާއި އަދި އެހެން ޤައުމުތަކުން ކަށަވަރުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށެވެ.
ޒަރޫރީ ކަންކަމަށް ބޭނުންވާ ކާބޯތަކެތި މެދުނުކެނޑި ލިބޭނެކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ގޮތުން އެހެން މާކެޓްތައް ދެނެގަނެ އެމާކެޓްތަކުން އިމްޕޯޓްކުރުމުގެ މަސައްކަތް ފެށިފައިވާކަމަށާއި، އަދު ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ އެކަމަށް ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އަދި ފަތުރުވެރިން އަންނަ މައިގަނޑު ރޫޓުތައް ހޯދުމުގެ މަސައްކަތް އެއަރލައިންތަކާއި ވާހަކަދައްކައިގެން ކުރަމުން އަންނަކަމަށްވެސް ވަޒީރު ޚަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން މެދުއިރުމަތީގައި ދިރިއުޅޭ އަދި ހަނގުރާމައިގެ ސަބަބުން ތާށިވެފައި ތިބި ދިވެހިން ދެނެގަނެ އެމީހުންނަށް އެހީތެރިކަން ހޯދުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށާއި، ރާއްޖެއާއި ގުޅުންހުރި ޤާއުމުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ އެކު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތް ކުރެވެމުން އަންނަކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.