ޚަބަރު

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ކުލަގަދަކޮށް މުލަކުގައި


  • އެންޓި ޓޮބޭކޯ ކެމްޕެއިންގެ ލޯގޯ ވަނީ އިފްތިތާޙްކޮށްފައި

  • ސްކޫލް ކުދިންނަށް ޚާއްޞަ ހަރަކާތްތަކެއް

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް މ. މުލަކުގައި ރަސްމީކޮށް ފާހަގަކޮށްފިއެވެ.

މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުން" މި ޝިޢާރެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭއިމަހުގެ 31ގައެވެ. މި ދުވަސް ފާހަގަކުރަނީ ދުންފަތާއި ނިކޮޓިންގެ ސިނާޢަތްތަކުން އެމީހުންގެ އުފެއްދުންތަކުގެ ސިފަ ބަދަލުކޮށް، ކުޑަކުދިންނާއި ޒުވާނުން އެ މަޅީގައި ޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމުގެ ބޭނުމުގައެވެ. އަދި ދުނިޔޭގެ ފެންވަރުގައި ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ރެކުމަށް އެ ސިނާޢަތްތަކުން ކުރާ މަސައްކަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މިއަހަރުގެ މި ދުވަސް ފާހަގަކުރުމަށްޓަކައި މ. މުލަކުގައި ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުވަހާ ގުޅުވައިގެން މުލަކު ސްކޫލް ދަރިވަރުންނަށް ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ވަނީ ބާއްވާފައެވެ.

މީގެއިތުރުން މުލަކުގައި ވަނީ ދުވަހާ ގުޅުވައިގެން ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގެ ތެރެއިން މުލަކު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕޯސްޓަރު ކުރެހުމުގެ މުބާރާތުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމު ޙަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން އެންޓި ޓޮބޭކޯ ކެމްޕެއިންގެ ލޯގޯ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މި ލޯގޯ އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މި ސަރުކާރާއި މަދަނީ ޖަމްޢިއްޔާތަކާއި މުޅި މުޖުތަމަޢު ގުޅިގެން ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް އަންނަނީ، މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުންފަތުން ލިބޭ ނުރައްކާތައް ކިޔައިދީ، އެ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.