ޚަބަރު

ނޯވިޗް ބަލިކޮށް ލީޑްސް ކުއާޓަރ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ނޯވިޗް ސިޓީ އާއި ދެކޮޅަށް ލީޑްސް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީޑްސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ލީޑްސްގެ އިލޭންޑް ސްޓޭޑިއަމްގައި ތިރީސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލީޑްސް ހޯދާފައިވާއިރު މިއީ 2003 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ލީޑްސް އިން ހޯދި ފުރަތަމަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ލީޑްސް އިން ކުރި ހޯދާފައިވަނީ މެޗުގެ 32 ވަނަ މިނިޓުގައި ޝޯން ލޯންގްސްޓާފް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ގެބްރިއެލް ގުޑްމަންޑްސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ އޭނާ ލީޑްސް އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލީޑްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ޖޮއެލް ޕިރޯއޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ މެޗުތައް ކަނޑައެޅިގެން ދާނީ މިއަދު ނެގުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުގަ އެވެ.

އެފްއޭ ކަޕްގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ތެރޭގައި ސައުތެމްޓަން އާއި ދެކޮޅަށް ފުލަމް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ފުލަމް ވަނީ ބަލިވެ މުބާރާތުން ކަޓާޛަ އެވެ. އަދި ސަންޑަލޭންޑް އާއި ދެކޮޅަށް ޕޯޓްވޭލް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޕޯޓް ވޭލް ވަނީ ކާމިޔާބުކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.