އެޗްޑީސީގެ އެހީތެރިކަމާއި އެކު ވެލެންސިއާ އެކަޑަމީއިން ކުރިއަށްގެންދިޔަ 4 ވަނަ ރަމަޟާން ޔޫތް ކަޕްގެ ކިންގަކަށް ކުލަބު ވެލެންސިއާގެ އޭ ޓީމުގެ ރާއިޝް ރަމީޒް ހޮވިއްޖެއެވެ.
ތިން އުމުރުފުރާއެއްގެ މެދުގައި ކުރިއަށްގެންދިޔަ މިމުބާރާތުގެ ފައިނަލް މެޗުތައް ހޮނިހިރުދުވަހުގެރޭ ކުޅެފައިވާއިރު، 11 އަހަރުންދަށުގެ އުމުރުފުރާގެ ޗެންޕިއަންކަން އެޑްވެންޗާސްއާއި ވާދަކޮށް ހޯދާފައިވަނީ ކުލަބު ވެލެންސިއާއިންނެވެ. އަދި 13 އަހަރުންދަށުގެ އުމުރުފުރާގެ ޗެންޕިއަންކަން ކުލަބު ވެލެންސިއާ ބަލިކޮށް އެޑްވެންޗާސް އިން ހޯދިއިރު، 15 އަހަރުންދަށުގެ އުމުރުފުރާގެ ތަށި ހިއްލާލާފައިވަނީ ކުލަބު ވެލެންސިއާގެ އޭ ޓީމާއި ވާދަކޯށް ކުލަބު ވެލެންސިއާގެ ބީ ޓީމުންނެވެ.
މުބާރާތުގެ ފައިނަލް މެޗުތަކަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށްވަނީ މެޑަލްއާއި ޝީލްޑް ހަވާލުކޮށްފައެވެ. ތިން އުމުރުފުރާ އެއްކޮށް މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާ، "ކިންގ އޮފް ދަ ޓޯނަމަންޓު"ގެ މަގާމު ހޯދި ރާއިޝްގެ ތާޖު އަޅުއްވައިދެއްވާފައިވަނީ ފައިނަލް މެޗުގެ ޝަފަރުވެރި މެހެމާނު އެޗްޑީސީގެ މެނޭޖިންގެ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއެވެ.
ރަމަޟާން ޔޫތް ކަޕްގެ "ކިންގ އޮފް ދަ ޓޯނަމަންޓު"ގެ ފަޚުރުވެރި ވަނަޔާއިއެކު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރާއިޝްވަނީ މިފަދަ މަގާމެއް ލިބުމުން ކުރެވޭ އިހުސާސްތައް ހިއްސާކޮށްފައެވެ. މިމުބާރާތުގެ ސަބަބުން ފުޓުބޯޅައިގެ އިތުރު ހުނަރުތަކެއް ދަސްވިކަމަށާއި މުސްތަގުބަލަށްކުރާ އުންމީދަކީ ވެލެންސިއާގެ ސީނިއާ ޓީމުން ފުރުސަތު ހޯދާ ގައުމީ ޓީމަށް އެރުންކަމަށް ރާއިޝްވަނީ ބުނެފައެވެ.
"ކުޑަކޮށް ހީވި. އެކަމަކު މާބޮޑަކަށް ނުވިސްނަން. ބޮޑަށް ބެލީ މުބާރާތުގައި މޮޅުވެވޭތޯ ޓީމެއްގެ ގޮތުގައި. ވަރަށް އުފާވެފަ މިހިރީ. މުބާރާތް ވަރަށް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ފެނުނީމަ. އަޅުގަނޑު ވެލެންސިއާގެ ބޮޑު ޓީމަށާއި ގައުމީ ޓީމަށް އެރުމަށް ވަރަށް މަސައްކަތްކޮށްލާނަން. އަޅުގަނޑުގެ ޑްރީމްއަކީ ވެލެންސިއާގެ ބޮޑު ޓީމަށާއި ގައުމީ ޓީމަށް އެރުން. އެކަމަށް ވަރަށް މަސައްކަތްވެސް ކުރަންޖެހޭ" ރަމަޟާން ޔޫތް ކަޕްގައި ވެލެންސިއާގެ 15 އަހަރުންދަށުގެ އޭ ޓީމަށް މޮޅު ކުޅުމެއް ކުޅެދިން ކުޅުންތެރިޔާ ބުންޏެވެ.
8 އެކަޑަމީއަކުން 300 އެއްހާ ކުޅުންތެރިން ވާދަކުރި މިމުބާރާތުގެ ކޮންމެ އުމުރުފުރާއަކުންވެސް އެންމެ މޮޅު ފަސްކުޅުންތެރިން ހޮވާފައިވާއިރު 11 އަހަރުންދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެޑްވެންޗާސްގެ އަހުމަދު ނީކާން، ކުލަބު ވެލެންސިއާގެ އަލީ އަލޫކް ހުސައިން، އެޗްވައިއެސްސީގެ ޒޯހާން ނައީމް ޔޫސުފް، ކުލަބު ވެލެންސިއާގެ އިބްރާހިމް ޖޫދް ޖައިޝަމްގެ އިތުރުން އެޑްވެންޗާސްގެ ފަހުދު މުހަންމަދުއެވެ.
13 އަހަރުންދަށުގެ އުމުރުފުރާގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ މަގާމު ހޯދީ އެޑްވެންޗާސްގެ އަލީ އާފިޤް އަޝްރަފް، ކުލަބު ވެލެންސިއާގެ އަލީ އާއިޝް އަސްވަދު، އެވްވައިއެސްސީގެ ހަމީޝް ބިން ޢަބްދުލްހަމީދު، އެޑްވެންޗާސްގެ އިސްމާއިލް އައިދިން ނިޒާމްގެ އިތުރުން ކުލަބު ވެލެންސިއާގެ ލޫކް އިސްމާއިލް އަބްދުއްސަމަދުއެވެ.
އަދި 15 އަހަރުންދަށުގެ އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވިފައިވަނީ ކުލަބު ވެލެންސިއާ އޭ ޓީމުގެ ޔޫސުފް ލައިކް، އެޑްވެންޗާސްގެ އާދު ބިން މުހަންމަދު ނިޔާޒް، ކުލަބު ވެލެންސިއާގެ އިބްރާހިމް ޝަމްޢާން ނަޝްރީފް، ކުލަބު ވެލެންސިއާ ބީ ޓީމުގެ ހުސައިން ލުބާތު މުހަންމަދުގެ އިތުރުން "ކިންގ އޮފް ދަ ޓޯނަމަންޓު"ގެ މަގާމު ހޯދި ވެލެންސިއާ އޭ ޓީމުގެ ރާއިޝް ރަމީޒްއެވެ.
ރަމަޟާން ޔޫތް ކަޕްގެ ކުޅުން ކުރިއަށް ދިޔައީ މިދިޔަމަހުގެ 19 ވަނަ ދުވަހުން މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ރެހެންދި ދަނޑުގައެވެ. ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އުފައްދާފައިވާ ވެލެންސިއާ އެކަޑަމީއިންދަނީ މިފަދަ މުބާރާތްތައް އަހަރުގެ އެކި ދުވަސްތަކުގައި ބާއްވަމުންނެވެ.
ރަމަޟާން ޔޫތް ކަޕްގެ މަގްސަދަކީ މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުދިންނަށް ބާރު އެޅުމާއި އެކު، ރަމަޟާންމަހުގައިވެސް ކުދިންނަށް އުފާވެރި މާހައުލެއްގައި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.