ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ. ކުނަހަންދޫގައި ކުރިއަށްދާ ރަމަޟާން ކުރިކެޓު ކާނިވަލުގައި ޓީމް ޑީއެކްސްއާއި ކަދުރު އެފްސީ ބައްދަލުކުރި މެޗު ޓީމް ޑީއެކްސްއިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ގުރު ދިމާވެގެން ކަދުރު އެފްސީއިން ގަސްދުކުރީ ހޮވާށެވެ. ޓީމް ޑީއެކްސްއިން ކުޅެން އަރާ 8 އޯވަރު ތެރޭ 1 ވިކެޓަށް ވަނީ 132 ލަނދު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 45 ލަނޑު ހެދި ރާކިބްއެވެ. ކަދުރު އެފްސީއިން އެންމެ ރަނގަޅަށް އުކީ 36 ލަނޑަށް 1 ވިކެޓް ނެގި މުހަންމަދު ޝަރަފުއެވެ.
ޖަވާބުގައި ކަދުރު އެފްސީއިން ކުޅެން އަރާ 8 އޯވަރު ތެރޭ 4 ވިކެޓަށް ހެދުނީ 85 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި ހަބީބްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ޑީއެކްސްގެ ރާކިބްއެވެ.
މުބާރާތުގައި ދެން ވާދަކޮށްފަވަނީ ޓެން ސްޓާޒްއާއި ކުރުނބާ އެސްސީއެވެ. ވާދަވެރިކޮށް ދިޔަ މިމެޗު ކުޑަ ފަރަގަކުން ކާމިޔާބުކޮށްފައިވަނީ ޓެން ސްޓާޒްއިންނެވެ.
މިމެޗުގެ ގުރު ދިމާވެގެން ޓެން ސްޓާޒްއިން ގަސްދުކުރީ ހޮވަން އަރާށެވެ. ކުރުނބާ އެސްސީއިން ކުޅެން އަރާ 7 އޯވަރު 3 ބޯޅައަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 57 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ލަނޑު ހެދި، މުހަންމަދު އަތޫފްއެވެ. ޓެން ސްޓާޒްއިން އެންމެ ރަނގަޅަށް އުކީ 30 ލަނޑަށް 2 ވިކެޓް ނެގި، ކައިލް ބިން މުހަންމަދު ނަޖީބްއެވެ.
ޖަވާބުގައި ޓެން ސްޓާޒްއިން ކުޅެން އަރާ 8 އޯވަރު ތެރޭ، 6 ވިކެޓަށް 60 ލަނޑު ހަދާ ވާދަވެރިކޮށް ދިޔަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ހެދި، ކައިލް ބިން މުހަންމަދު ނަޖީބްއެވެ. ކުރުނބާ އެސްސީއިން އެންމެ ރަނގަޅަށް އުކީ 31 ލަނޑަށް 1 ވިކެޓް ނެގި، އިބްރާހިމް ޝަކީބްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވަނީ ޓެން ސްޓާޒްގެ ކައިލް ބިން މުހަންމަދު ނަޖީބްއެވެ.
ކުނަހަންދޫ ކްރިކެޓް ކާނިވަލުގައި ޖުމްލަ 7 ޓީމަކުން ދަނީ ވާދަކުރަމުންނެވެ. އެއީ ކުނަހަންދޫ ބޯއިޒް، ކުނަހަންދޫ ގާރލްސް، ކުރުނބާ އެސްސީ، ކަދުރު އެސްސީ، ވިޔަޒޯރު، ޓެން ސްޓަރ އަދި ޓީމް ޑީއެކްސްއެވެ.
ކުނަހަންދޫ ކުރިކެޓް ދަނޑުގައި ފޯރިއާއިއެކު، ހަވީރު މެޗުތައް ކުޅެމެންދާ މިމުބާރާތުގެ ފައިނަލު މެޗު ތާވަލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހަށެވެ.