ޚަބަރު

ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުން އަންނަ ހަފުތާގައި ނިމޭނެ


  • މިހާތަނަށް 79 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި

  • 81 ހެކްޓަރުގެ ބިން ހިއްކާނެ

  • ޢަމަލީ މަސައްކަތް ފެށީ ނޮވެންބަރު 14ގައި

ތ. ވިލުފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާގައި ނިމޭނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

ތ. ވިލުފުށީ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފަވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ޑްރެޖަރު ގެންގޮސް، ބިން ހިއްކުމުގެ މަސައްކަތް ފެށީ ނޮވެންބަރު 14 ވަނަ ދުވަހުއެވެ.

ވިލުފުށި އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފަވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއެވެ.

ބިން ހިއްކުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، 79 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. އަދި މަސައްކަތުގެ ގާތްގަނޑަކަށް %98 ފުރިހަމަ ކުރެވިފައިވާކަމަށް އެކުންފުނިން ވިދާޅުވިއެވެ. މި މަޝްރޫޢުގައި ޖުމުލަ 81 ހެކްޓަރުގެ ބިން ހިއްކައެވެ. އެމްއޭސީއެލްއިންއިން ވިދާޅުވީ ބިން ހިއްކުމަށް ވެލިއެޅުމުގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގައި ނިންމާނެކަމަށެވެ.

މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށް އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ.

ވިލުފުށީގައި ތަރައްޤީކުރާ އެއަރޕޯޓު ހިންގާނީވެސް އެމްއޭސީއެލްގެ ފަރާތުންނެވެ. މި އެއަރޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ. މިމަޝްރޫޢުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.

ތ. ވިލުފުށީގެ އާބާދީ 1،000 އިން މައްޗަށް އަރައެވެ. ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. މުޅި އަތޮޅުގެ އާބާދީ 10،000 އިން މައްޗަށް އަރައެވެ.

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި، ރާއްޖޭގައި ގިނަ އެއަރޕޯޓްތަކެއްގައި ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މި ދަޢުރުގައި 15 އެއަރޕޯޓް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުއްވާފައިވެއެވެ.