ކުޅިވަރު

އެމްއޯސީގެ މިއަހަރުގެ ބަޖެޓުގެ %72 ގޭމްސްތަކަށް


  • މިއަހަރު އެމްއޯސީއިން ޚަރަދުވާނެކަމަށް ލަފާކޮށްފަވާ ޢަދަދަކީ 59،750،830.19 ރުފިޔާ

  • އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފަވަނީ 54،902،381.42 ރުފިޔާ

  • ގޭމްސްތަކަށް ޚަރަދުވާނެކަމަށް ލަފާކުރެވޭ ޢަދަދަކީ 46 މިލިއަން ރުފިޔާ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ 2026 ގެ ބަޖެޓު ފާސްކޮށްފަވާއިރު އެބަޖެޓުގެ 72 އިންސައްތަ ޚަރަދުކުރާނީ ގޭމްސްތަކަށްކަމަށް އެއެސޯސިއޭޝަނުން ބުނެފިއެވެ.

ހ. މީރުމާގައި ކުރިއަށްދިޔަ އެއެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެމްއޯސީގެ މިއަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފަވާއިރު، ޚަރަދުވާނެކަމަށް ލަފާކޮށްފަވާ ޢަދަދަކީ 59،750،830.19 (ފަންސާސް ނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް، އަށްސަތޭކަ ތިރީސް ރުފިޔާ. ނަވާރަ ލާރި) ރުފިޔާއެވެ. އޭގެ ތެރެއިން 72 އިންސައްތަ ޚަރަދުވާނެކަމަށް އަންދާޒާކޮށްފަވަނީ ގޭމްސްތަކަށެވެ. އެގޮތުން މިއަހަރު އެއެސޯސިއޭޝަނުން ފަސް ގޭމެއްގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެކަމަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވާ ޢަދަދަކީ 46 މިލިއަން ރުފިޔާއެވެ.

އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފާސްކުރި ބަޖެޓުގައި، 59،750،830.19 (ފަންސާސް ނުވަ މިލިއަން ހަތްލައްކަ ފަންސާސްހާސް، އަށްސަތޭކަ ތިރީސް ރުފިޔާ. ނަވާރަ ލާރި) ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފަވާއިރު، އާމްދަނީގެ ގޮތުގައި އެއެސޯސިއޭޝަނަށް ލިބޭނެ ކަމަށް ހިމަނާފައިވާ ޢަދަދަކީ 54،902،381.42 (ފަންސާސް ހަތަރު މިލިއަން، ނުވަ ލައްކަ ދެހާސް، ތިންސަތޭކަ އަށްޑިހަ އެއް ރުފިޔާ. ސާޅީސް ދެ ލާރި) އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ ޢާންމު ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ހ. މީރުމާގައިއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްއޯސީގެ އަހަރީ ޢާންމު ޖަލްސާގައި 16 މެންބަރު އެސޯސިއޭޝަނަކުން ބައިވެރިވެފައިވާއިރު، އެތުލީޓު ރެޕްރެޒެންޓޭޓިވްއިންގެ ގޮތުގައި އިންތިޚާބުކުރެވުނު 2 ފަރާތްވެސް ބައިވެރިވެފަވެއެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެވިގެންދިޔަ މި ޖަލްސާގައިވަނީ ޖަލްސާގެ އެޖެންޑާ ފާސްކޮށް، ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އެމްއޯސީގެ ފާއިތުވެދިޔަ އަހަރުގެ ޚަރަދުތަކުގެ ރިޕޯޓް އިއްވާފައެވެ. އޭގެ އިތުރުން މިޖަލްސާގެ ތެރެއިންވަނީ އެއެސޯސިއޭޝަނުގެ މިއަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފައެވެ.

އެމްއޯސީގެ އަހަރީ ޢާންމު ޖަލްސާގައި ކުރިއަށް ދިޔަ އެހެނިހެން މުހިންމު ކަންކަމަށް ބަލާލާއިރު، މިދިޔަ އަހަރުގެ އެއެސޯސިއޭޝަނުން ވާދަކުރި ގޭމްސްތަކުގެ ޝެފް ޑެ މިޝަންގެ މަގާމު އަދާކުރި ފަރާތްތަކަށާއި، އެސޯސިއޭޝަނަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއްވަނީ އަރުވާފައެވެ. އޭގެ އިތުރުން ރާއްޖޭގެ އެތުލީޓުން ކުރިއެރުވުމަށްޓަކައި ދެ ސްކޮލަރޝިޕެއްވަނީ އިއުލާންކޮށްފައެވެ. އެއީ އޮލިމްޕިކް ސޮލިޑާރިޓީގެ ތެރެއިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) މެދުވެރިކޮށް ލިބޭ ސްކޮލަޝިޕްގެ އިތުރުން ބީއެމްއެލްގެ އެހީތެރިކަމާއިއެކު ހަމަޖެހިފައިވާ ސްކޮލަޝިޕްއެކެވެ.