ޚަބަރު

މަންމަގެ ހުވަފެން ހަޤީޤަތަކަށް؛ ޑރ. އަހުޒަމް ޚިދުމަތުގެ ކުރީ ސަފުގައި!


  • ފުރަތަމަ ޝައުގުވެރިކަން އުފެދުނީ ކުރެހުމަށް

  • ކޮންމެ ކަމެއް ގަދައަޅައި މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ

ކޮންމެ އިންސާނެއްގެވެސް ކުޑައިރުގެ ހުވަފެންތަކެއް އޮވެއެވެ. ބައެއް މީހުންނަކީ ކުޑައިރުއްސުރެ ވަކި އަމާޒަކަށް ދަތުރުކުރާ ބައެކެވެ. ނަމަވެސް އަނެއް ބަޔަކީ ދިރިއުޅުމުގެ އޮއިވަރު ހުންނަ ގޮތުން ތަފާތު ތަޖުރިބާތަކެއް ކުރުމަށްފަހު، އެންމެ ފަހުން ރަނގަޅު މަންޒިލަކަށް ދެވޭ މީހުންނެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެމަރޖެންސީ ޑިޕާރޓްމަންޓުގައި މިއަދު މަސައްކަތްކުރަމުން އަންނަ ޒުވާން ޑރ. އަހުޒަމް ވަހީދަކީ މީގެ ރީތި މިސާލެކެވެ. ޑރ. އަހުޒަމް ވަނީ އޭނާގެ މިދަތުރުގެ ވާހަކަ ޕީއެސްއެމް ނިއުސްއިން މި ރަމަޟާންމަހު ގެނެސްދޭ ޚާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން "ތަރިންގެ ޝޯ" ގައި ހިއްސާކޮށްފައެވެ.

ޑރ. އަހުޒަމްގެ ކުޑައިރުގެ ޝައުގުވެރިކަން ހުރީ މުޅިން ތަފާތު ދާއިރާއަކަށެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންވީ ކުރެހުންތެރިއަކަށް ވާށެވެ. އެކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން، މަންމަގެ އެހީތެރިކަމާއެކު ތަފާތު އެކި އެއްޗިސް ކުރަހައި އުޅުނެވެ. ނަމަވެސް އުމުރުން ދުވަސްވަމުން އައި ވަރަކަށް އެ ޝައުގުވެރިކަން ބަދަލުވަމުން ދިޔައެވެ. މަޖީދިއްޔާ ސުކޫލުގައި ކިޔެވި ދުވަސްވަރު ފިޝަރީޒް ސައިންސް ކިޔަވަން ލިބުނު ފުރުސަތުގައި އޭނާގެ ހިތް މެރިން ބައިލޮޖީއަށް ޖެހުނެވެ.

އެހެންނަމަވެސް އެ ދުވަސްވަރު ރާއްޖޭގައި މެރިން ބައިލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ގޮންޖެހުންތަކެއް ހުއްޓެވެ. މިއާއެކު އޭނާގެ ދިރިއުޅުމުގެ މިސްރާބު ބަދަލުވީ އައިޖީއެމްއެޗުން ލިބުނު ކްލިނިކަލް އެސިސްޓެންޓެއްގެ ވަޒީފާއާއެކުގައެވެ. އެއީ މީގެ 15 އަހަރު ކުރިން، 2010 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައެވެ.

ޑޮކްޓަރުންނާއި ބަލިމީހުންނާއެކު މަސައްކަތް ކުރަން ފެށުމުން ސިއްޙީ ދާއިރާއަށް ކޮންމެސް ވަރެއްގެ ޝައުގުވެރިކަމެއް އުފެދުނެވެ. ނަމަވެސް، އޭރުވެސް ޑޮކްޓަރަކަށް ވުމުގެ މާ ބޮޑު ނިޔަތެއް ނެތެވެ.

ޑރ. އަހުޒަމްގެ މި ދަތުރުގައި އެންމެ ބޮޑު ބާރަކަށްވީ އޭނާގެ މަންމައެވެ. މަންމަގެ އެންމެ ބޮޑު ހުވަފެނަކީ އަހުޒަމް ޑޮކްޓަރަކަށް ވުމެވެ. މަންމަގެ އެދުމާއި ބާރުއެޅުމާއެކު، ސަރުކާރުގެ ސްޓޫޑަންޓް ލޯނެއްގެ ދަށުން މެޑިސިން ކިޔަވަން ޔޫކްރެއިނަށް ދިޔައެވެ. އެއީ 2013 އޮކްޓޫބަރު މަހުއެވެ.

ޔޫކްރެއިންގައި ކިޔަވަން ހުއްޓާ ކުރިމަތިވީ ބިރުވެރި ތަޖުރިބާއެކެވެ. ކިޔެވުމަށް 6 މަސް ވީތަނާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނެވެ. އަހުޒަމް ދިރިއުޅެމުންދިޔަ ރަށަށް ހަމަލާތައް އަމާޒުވިއެވެ. އިންޑިއާގެ ދަރިވަރުންނާއެކު އެ ރަށުން ކީވްއަށް، އަދި ކީވްއިން މޮސްކޯއަށް ކުރި ދަތުރަކީ ހަނދާނުން ފޮހެލަން އުނދަގޫ ދަތުރެކެވެ. ނަމަވެސް، މާތްﷲގެ އިރާދަފުޅާއެކު ރާއްޖެއަށް ސަލާމަތުން އާދެވުނެވެ.

މި ހުރަސްތަކާއެކުވެސް އޭނާ އުންމީދު ކަނޑައެއް ނުލައެވެ. ސަރުކާރުގެ އެހީތެރިކަމާއެކު ސްްރީލަންކާގެ ކޮތަލާވަލާ ޔުނިވަރސިޓީން ކިޔެވުމުގެ ފުރުސަތު ލިބި، ފަސް އަހަރުގެ ބުރަ މަސައްކަތަށްފަހު މިއަދު އޭނާއަކީ، ރައްޔިތުންގެ ލޯބި ހޯދާފައިވާ ޑޮކްޓަރެކެވެ.

"އެންމެ ފުރަތަމަ މެޑިސިން ކިޔަވަން ފެށީ ޑޮކްޓަރަކަށް ވާން ބޭނުންވެގެން އެ ނިޔަތުގައެއް ނޫން. އެކަމަކު ލިބުނު ފުރުސަތުގެ ބޭނުން ހިފައި، މަސައްކަތް ކުރަމުން ދިޔަވަރަކަށް މިކަމަށް އޮތް ލޯބި ބޮޑުވެއްޖެ. މިއަދު މިއީ ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް." ޑރ. އަހުޒަމް ވިދާޅުވިއެވެ.

ކިޔެވުން ނިންމުމަށްފަހު ކުރިން ކްލިނިކަލް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި އައިޖީއެމްއެޗަށް ޕްރޮފެޝަނަލް ޑޮކްޓަރެއްގެ ގޮތުގައި ވަނުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޑރ. އަހުޒަމް އެކަން ސިފަކުރީ "އަނބުރާ ގެއަށް އާދެވުނު" ހެންނެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ތަފާތު އެކި މިޒާޖުގެ މީހުންނާ ދިމާވެ، އައު ތަޖުރިބާތަކެއް ކޮންމެ ދުވަހަކުވެސް ކުރެވެއެވެ.

ޑރ. އަހުޒަމް ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގެ ސިއްޙީ ދާއިރާގައި ދިވެހި ޑޮކްޓަރުން ގިނަވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"ދިވެހިން ދިވެހިންނަށް އަޅާލާ ވަރަކަށް އެހެން ބަޔަކު އަޅައެއް ނުލާނެ." ޑރ. އަހުޒަމް ވިދާޅުވިއެވެ.

ޒުވާނުންނަށް ޑރ. އަހުޒަމް ދޭން ބޭނުންވާ މެސެޖަކީ، ކޮންމެ މަސައްކަތެއް ކުރިޔަސް އެކަމެއް އެންމެ ފުރިހަމައަށް ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ދިރިއުޅުމުގައި ހުރަސްތަކާ ދިމާވި ނަމަވެސް، ހިތްވަރު އެލުވައިނުލާ ކުރިއަށް ދިއުމެވެ. މަންމަގެ ހުވަފެން ހަޤީޤަތަކަށް ހަދައިދީ، މިއަދު ޑރ. އަހުޒަމް އެހުންނެވީ ޤައުމީ ޚިދުމަތުގެ އެންމެ މުހިންމު އެއް ދާއިރާގެ ކުރީ ސަފުގައެވެ.