ކުޅިވަރު

ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ފޯރިވެސް އެހާ ގަދަ


  • ކުނަހަންދޫ ކުރިކެޓް ކާނިވަލުގައި 7 ޓީމަކުން ވާދަކުރޭ

  • މުބާރާތް ކުރިއަށްދަނީ މިމަހުގެ 23 އިން އަންނަ މަހުގެ 17 އަށް

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވާ ލ. ކުނަހަންދޫގައިވެސް ފަށައިފިއެވެ.

މިމުބާރާތުގެ ކުޅުން ކުނަހަންދޫގައި ފަށާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކު ހަވީރު މެޗެއް ކުޅޭގޮތަށް މުބާރާތް ކުރިއަށްދާއިރު ފުރަތަމަ ދުވަހުގެ މެޗުގައި ކުނަހަންދޫ ބޯއިޒް ޓީމުވަނީ ޓީމު ވިޔަޒޯރު ބަލިކޮށްފައެވެ.

އެމެޗުގެ ޓޮސް ދިމާވެގެން ކުނަހަންދޫ ބޯއިޒް ޓީމުން ގަސްދުކުރީ ހޮވަން އަރާށެވެ. ވިޔަޒޯރު ޓީމުން ކުޅެން ނުކުމެ، 8 އޯވަރުގެ ތެރޭގައި 4 ވިކެޓަށް ހެދިފައިވަނީ 89 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ފުވާދު ނަފީސްއެވެ. ކުނަހަންދޫ ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑު ޖެހި 23 ލަނޑަށް 1 ވިކެޓް ނެގި އަހުމަދު އަފްޝަންއެވެ.

ވާދަވެރިކޮށްދިޔަ މިމެޗުގައި ކުނަހަންދޫ ޓީމުން ކުޅެން އަރާ 7 އޯވަރުތެރޭ 3 ބޯޅައިން 3 ވިކެޓަށް ހެދިފައިވަނީ 90 ލަނޑެވެ. މިމެޗު އެޓީމުން ކާމިޔާބުކޮށްފަވަނީ 5 ވިކެޓުންނެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 30 ލަނޑު ހެދި މުހަންމަދު ރިޝްވާންއެވެ. އެމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިޔަޒޯރު ޓީމުގެ ފުވާދު ނަފީސްއެވެ.

ކުނަހަންދޫ ކުރިކެޓް ކާނިވަލުގެ ދެވަނަ ދުވަހުގެ މެޗަށް ބަލާއިރު، ޓެން ސްޓާރ އާއި ވާދަކޮށް ޓީމް ޑީއެކްސްވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މިމެޗުގެ ޓޮސް ދިމާވެގެން ޓީމް ޑީއެކްސްއިން ގަސްދުކުރީ ހޮވަން އަރާށެވެ. ޓެން ސްޓާރއިން ކުޅެން އަރާ 8 އޯވަރު 6 ވިކެޓަށް ހެދުނީ 67 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި ރަޔާން ބިން އަހުމަދު އަހުސަން އެވެ. ޑީއެކްސްއިން އެންމެ ރަނގަޅަށް އުކީ 16 ލަނޑަށް 2 ވިކެޓް ނެގި މުހަންމަދު ރާގިބްއެވެ.

ޖަވާބުގައި ޑީއެކްސްއިން ކުޅެން އަރާ 8 އޯވަރު ތެރޭ، 71 ލަނޑު ހަދާވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި، މުހަންމަދު ރާގިބްއެވެ.

މިމުބާރާތުގެ ތިންވަނަ ދުވަހުގެ މެޗުގައި ވާދަކުރާނީ ކުރުނބާ އެސްސީއާއި ކަދުރު އެސްސީއެވެ. ކުނަހަންދޫ ކުރިކެޓް ކާނިވަލުގައި ޖުމްލަ 7 ޓީމަކުން ވާދަކުރެއެވެ. އެއީ ކުނަހަންދޫ ބޯއިޒް، ކުނަހަންދޫ ގާރލްސް، ކުރުނބާ އެސްސީ، ކަދުރު އެސްސީ، ވިޔަޒޯރު، ޓެން ސްޓާރ އަދި ޓީމް ޑީއެކްސްއެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ އަންނަ މަހުގެ 17 ގެ ނިޔަލަށެވެ.