ޚަބަރު

ބަދަލުވަމުންދާ ޒަމާނާއެކު ފުހެވިގެންދާ ރޯދަމަހުގެ ރީތި އާދަކާދަތައް


  • އެންމެން އެކުއެކީގައި ކަންތައްތައް ކުރުމަކީ އޭރުގެ އާދަކާދައެއް

  • އިޖްތިމާޢީ ރޫހު އާލާކުރުމަށް މަސައްކަތް ކުރަންޖެހޭ

ފާއިތުވަމުންދާ ކޮންމެ ދުވަހަކީ އިންސާނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްތަކެކެވެ. މި ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި އޮތް އެތައް ރީތި އާދަކާދަތަކެއް މިއަދު ވަނީ އުވި ނެތިދާން ފަށާފައެވެ. ވަކިން ޚާއްސަކޮށް، ބަރަކާތްތެރި ރޯދަމަހާ ގުޅިފައިވާ ތަފާތު ސަގާފީ އަދި އިޖުތިމާޢީ އާދަކާދަތައް މިއަދު ފެންނަނީ ވަރަށް ބޮޑަށް މަދުވެފައިވާ ތަނެވެ.

ކުރީ ޒަމާނުގައި ރޯދަމަސް ފެށުމުގެ މާ ކުރިން އެ މަހަށް ތައްޔާރުވާން ފަށައެވެ. ގޭގެ ފާރުތަކުގައި ކުލަލައި، ގޭތެރެއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުމަކީ ކޮންމެ ގެއެއްގައިވެސް ކޮންމެހެން ކުރާ ކަމެކެވެ. އޭރު ގޭގެ ތަޅުންގަނޑުގައި "ދޮންވެލި" ލުމަކީ ރޯދަމަހުގެ އުޖާލާކަން ގެނުވައިދޭ ކަމެކެވެ. މީގެ އިތުރުން، ރޯދަމަހަށް ބޭނުންވާ ހަވާދު ހެދުމަށްޓަކައި، ގޭގެ އަންހެންވެރިން އެކުވެގެން ހަވާދު ހެދުމުގެ މަސައްކަތްތަކަކީ ވަރަށް ފޯރިއާއެކު ކުރެވޭ އިޖުތިމާޢީ މަސައްކަތްތަކެކެވެ.

ރޯދަމަހުގެ ދުވަސްތައް ގުނަމުންދާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރޯދަވީއްލުންތަކެވެ. ކުރީގައި ރޯދަވީއްލާ ގަޑި ޖެހުމުން، ކައިރި ގޭގެއަށް ތަށިބަރި ބަދަލުކުރުމަކީ އޮންނަ ވަރަށް ރީތި އާދައެކެވެ.

ކޮންމެ ގެއަކުންވެސް އެގޭގައި ތައްޔާރުކުރާ އެންމެ މީރު އެއްޗެއް އަވަށްޓެރި ގެއަކަށް ފޮނުވުމަކީ އޭރު ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަވަށްޓެރި އެއްގެއިން އަނެއްގެއަށް ފޮނުވާ ކޮންމެ ތަަށްޓަކީ އެކަކު އަނެކަކަށް ހިތުން ރުހުމުން ދިއްކޮށްލާ ޞަދަޤާތެކެވެ. ކިތަންމެ އާދައިގެ ކެއުމެއް ހެދިއެއް ކަމަކު އޭގެން އެތިކޮޅެއް އަވަށްޓެރިއަކަށް ނުދޭ ދުވަހެއް ނުދާނެއެވެ.

ދީނީ ގޮތުން ބަލާއިރު، މިސްކިތްތަކުގައި ޤުރުއާން ކިޔެވުމާއި، ތަރާވީޙް ނަމާދަށް ދިއުމަކީ ކުދި ބޮޑު އެންމެންގެ އާދައެކެވެ. މި މާތް މައްސަރުގެ ރޭ އަޅުކަންތަކުގައި އަވަދިނެތި އުޅުމަށްފަހު ދެން ކޮންމެ މީހަކުވެސް އަވަސްގަންނާނީ ކުޅިވަރުތައް ކުޅުމަށެވެ. ފިރިހެންވެރިން ބޯޅަ ކުޅުމުގައި އަވަދިނެތި އުޅޭއިރު އަންހެންވެރިން ބަށި ކުޅެ ހަދައެވެ. ކުޑަކުދިން ހިރި ކުޅެން މުޅި ސަރަހައްދުގައި ދުވެ ހަދާއިރު، އިސްރަށްވެހިން އަވަސްވެގަންނާނީ ތާސްބައި ކުޅޭށެވެ. އޭރު މިކަންކަމަކީ މުޖުތަމަޢުގެ އެކުވެރިކަން އިތުރުކޮށް، އެކަކު އަނެކަކާ އޮންނަ ގުޅުން ވަރުގަދަކުރުމަށް ކޮށްއުޅުނު ކަންކަމެވެ.

އެހެންނަމަވެސް، މިއަދުގެ ހާލަތަށް ބަލާއިރު، މި ދެންނެވި ގިނަ ކަންތައްތައް ވަނީ މާޒީގެ ތެރެއަށްގޮސްފައެވެ. މިއަދު މިކަންކަމަކީ ހަމައެެކަނި ތާރީޚުގެ ފޮތްތަކުގައި ލިޔެއުޅޭ ކަންތައްތަކަށް މިވަނީ ވެފައެވެ. ކުރީގެ އެކުވެރިކަމާއި އާދައިގެ ދިރިއުޅުމުގެ ބަދަލުގައި މިއަދު ފެންނަނީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ، އަވަސް ދިރިއުޅުމެކެވެ.

މިހާރު ރޯދަމަހަށް ތައްޔާރުވުމަކީ ހަމައެކަނި ބަދިގެއަށް ބޭނުންވާ ސާމާނު ގަތުމާއި، ގޭގެ ފަރުނީޗަރު ބަދަލުކުރުން ކަމުގައި ވެއްޖެއެވެ. ކުރީގެ އެ ކުލަގަދަ އިޖުތިމާޢީ މަސައްކަތްތަކުގެ ބަދަލުގައި، މިއަދު ފެންނަނީ ކޮންމެ ބަޔަކުވެސް އެ ބަޔެއްގެ އަމިއްލަ ގޭގައި، އެކަހެރިކޮށް އުޅޭ މަންޒަރެވެ. އަވަށްޓެރިންނަށް ތަށި ބަދަލުކުރުމުގެ ބަދަލުގައި، މިއަދު ބައެއް މީހުން އިސްކަންދެނީ ރެސްޓޯރެންޓްތަކުން ރޯދަވީއްލުމަށެވެ.

ކުރީގެ ރޯދަމަހާއި މިހާރުގެ ރޯދަމަހާ ދެމެދު އޮތީ ބޮޑު ފަރަގެކެވެ. ކުރީ ޒަމާނުގައި އޮތީ "ރޫޙާނީ" އަދި "އިޖުތިމާޢީ" ރޯދަމަހެކެވެ. ނަމަވެސް މިއަދު ފެންނަނީ "މާއްދިއްޔަތަށް" ބުރަވެފައިވާ ރޯދަމަހެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ފޯނާއި ސޯޝަލް މީޑިއާގެ ސަބަބުން، އެކަކު އަނެކަކާ ބައްދަލުވެ ވާހަކަދެއްކުމުގެ ބަދަލުގައި، މިހާރު ކޮންމެ މީހަކުވެސް ފެންނަނީ އަމިއްލަ ދުނިޔެއެއްގައި އުޅޭ މަންޒަރެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވީކަމުގައިވިޔަސް މިއީ މިއަދުގެ ހަގީގަތެވެ.

އަޅުގަނޑުމެންގެ ކާބަފައިންގެ ތެރޭގައި އޮތް މިފަދަ ރީތި އާދަކާދަތައް ނެތިދިއުމަކީ އަޅުގަނޑުމެންގެ ދިވެހިވަންތަކަމުގެ ބައެއް އުނިވެގެން ދިއުން ފަދަ ކަމެކެވެ. އެހެންކަމުން، ޒަމާނަށް އަންނަ ބަދަލުތަކާއެކުވެސް، އަޅުގަނޑުމެންގެ ކާބަފައިންގެ އެ ރީތި އާދަތައް ދިރުވައި އާލާކުރުމަކީ މިއަދުގެ ޖީލުގެ މައްޗަށް އޮތް ޒިންމާއެކެވެ.