ޚަބަރު

ޖަޕާނާ ދެކޮޅަށް ކުޅެން މިހާރު ފަސޭހައެއް ނުވާނެ: މޮރިޔާސޫ


  • ސްވިޑްން އާއި ޖަޕާން ބައްދަލުކުރި މެޗު ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެން

  • މޮރިޔާސޫ ބުނީ ކުރީގައި ބްރެޒިލްއަށް ޖަޕާނަކީ ކުޅެލަން ފަސޭހަ ޓީމަކަށް ވެދާނެ ކަމަށް

އެއްވެސް ޓީމަކަށް ޖަޕާނާއި ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ ކަމަށް ޖަޕާންގެ ކޯޗު ހަޖީމޭ މޮރިޔާސޫ ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ސްވިޑްން އާއި ބައްދަލުކޮށް އެއްވަރުވި މެޗާއެކު 32 ޓީމުގެ ބުރުން ޖާގަ ލިބި އެމެޗުގައި ބްރެޒިލް އާއި ވާދަކުރަން ޖެހޭކަން އެނގުމާ ގުޅިގެންނެވެ.

ސްވިޑްން މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މޮރިޔާސޫ ބުނީ މިދިޔަ އަހަރު ރަހްމަތްތެރިކަމުގެ މެޗެއްގައި ޖަޕާނުން ބްރެޒިލް ބަލިކޮށްފައިވާކަމަށެވެ. އަދި ބްރެޒިލް އާއި ދެކޮޅަށް ވޯލްޑް ކަޕްގައި ކުޅުން ރަނގަޅު ގޮންޖެހުމަކަށް ވާނެކަމަށާއި އޭނާ މިމެޗާއި ކުރިމަތިލުމަށް ކެތް މަދުވެފައިވާ ކަމަށެވެ.

މޮރިޔާސޫ ބުނީ ކުރީގައި ބްރެޒިލްއަށް ޖަޕާނަކީ ކުޅެލަން ފަސޭހަ ޓީމަކަށް ވެދާނެ ކަމަށާއި ނަމަވެސް އެންމެ ފަހުން މިދިޔަ އަހަރު ކުޅުނު މެޗުގައި އެކަން މިހާރު އެހެން ނުވާނެކަން ސާބިތު ކޮށްދީފައިވާނެކަމަށެވެ.

އޭނާ ބުނީ ބްރެޒިލް އަކީ ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިން ތިބި ފާހަގަ ކޮށްލެވޭ މޮޅު ޓީމެއް ކަމަށާއި އެޓީމަށް ފުރިހަމައަށް އިހްތިރާމްވެސް ކުރާ ކަމަށާއި ނަމަވެސް މެޗެއްގައި ދަނޑު މަތީގާ ނަތީޖާ ނިކުންނާނެ ގޮތް ބުނެދޭން އެކަކަށްވެސް ނޭނގޭނެ ކަމަށެވެ. އަދި ޖަޕާނަށްވެސް އެމެޗުން މޮޅުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލް ކުރާ ކަމަށާއި އެހެން ކަމުން އެމެޗަށް ތައްޔާރުވާނީވެސް އެވިސްނުމުގައި ކަމަށެވެ.

މޮރިޔާސޫ ބުނީ ނެދަލަންޑްސް އާއި ޖަރުމަނުވިލާތް އަދި ބްރެޒިލްގެ ގިނަ ކޯޗުން ފާއިތުވެދިޔަ ތާނގާ ޖަޕާނުގައި ހަރަކާތެރިވެފައިވާ ކަމަށާއި އެފަރާތްތަކުގެ ސަބަބުން ޖަޕާންގެ ފުޓްބޯޅައަށް ރަނގަޅު ހެޔޮބަދަލު އައިސްފައިވާކަމަށެވެ.

ސްވިޑްން އާއި ދެކޮޅަށް ކުޅެ 2 ލަނޑު 2 ލަނޑުން އެއްވަރު ވި މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޖަޕާންގެ ކޯޗު ބުނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގުނު ކަމަށާއި އަދި އެގޮތުގައި އޮވެ މެޗު ނިންމާލެވުނު ނަމަ ވަރަށް ރަނގަޅު ވީސް ކަމަށެވެ. ނަމަވެސް ސްވިޑްން އަކީ ވަރުގަދަ ފޯވަޑް ލައިނެއް އޮތް ޓީމެއް ކަމަށާއި އަދި މިފަދަ މެޗެއްގައި ބައިކޮޅަށް ލަނޑެއް ވަނުމުން ޓީމު ޕްރެޝަރަރ ދިޔަކަމަށް އޭނާ ބުންޏެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސްވިޑްންގެ ކޯޗު ގްރަހަމް ޕޮޓަރ ބުނީ ގްރޫޕްގެ ތިންވަނައަށް 4 ޕޮއިންޓާއެކު ދިއުމުން 32 ޓީމުގެ ބުރުން ޖާގަ ލިބޭނެކަން ކަށަވަރުވެފައިވީ ނަމަވެސް އެޓީމު ބައްދަލު ކުރަން ޖެހޭނެ ޓީމެއް އަދި ނޭނގޭ ކަމަށެވެ.

އެހެން ކަމުން އެކަމުގައި މިހާރު ޓީމު އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ކުރެވޭނެ ކަމަކީ ކުޅުންތެރިން މިމެޗުން ރިކަވަރ ވެ ކުރިއަށް އޮތް މެޗަށް ތައްޔާރު ވެ ތިބުން ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގެ ކަންތައްތައް ސާފުވާނެ ވަގުތެއްގެ އިންތިޒާރުގައި ތިބިކަމުގައިވެސް ޕޮޓަރ ބުންޏެވެ.