ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފުރަތަމަ ފަހަރަށް ގްރޫޕް މަރުހަލާ ފަހަނަ އަޅާ ދިއުމުގެ އުފާފާޅުކުރުން މުހިންމު ކަމަށް ކޯޓެޑިއުއަރގެ ކޯޗު އެމާރސް ފާއޭ ބުނެފިއެވެ.
އޭނާ މިގޮތަށް ބުނެފައިވަނީ ގްރޫޕް އީގައި ކުރަސާއޮ އާއި ބައްދަލުކޮށް ދެ ލަނޑު ސުން ލަނޑުން މޮޅުވެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި 32 ޓީމުގެ ބުރުން ޖާގަ ހޯދުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
ފާއޭ ވަނީ ކޯޓެޑިއުއަރގެ ރައްޔިތުން މިތާރީހީ ކާމިޔާބު ފުރިހަމައަށް ފާހަގަ ކުރުމަށް އެދިފައެވެ. އަދި އުފާފާޅުކުރުން ނިމުމުން ޓީމަށް އިތުރު ކާމިޔާބީއަށް އެދި ދުއާކޮށްދިނުމަށް އޭނާ އެދިފައިވެއެވެ. ފާއޭ ބުނީ މިމެޗުގެ ނަތީޖާ އާމެދު ހިތްހަމަ ޖެހޭ ކަމަށާއި އެއީ މިނަތީޖާ އާއެކު ދެވަނަ ބުރުން ޖާގަ ލިބިގެން ދާތީ ކަމަށެވެ. އަދި މިމެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ފަރުޖެއްސުމަކީވެސް ކާމިޔާބީއެއްގެގޮތުގައި އޭނާ ފާހަގަ ކުރިއެވެ.
ފާއޭ ބުނީ ޓީމުގެ ތެރޭގައި އޮތް ރޫހު ވަރަށް ވަރުގަދަ ކަމަށާއި މިއީ މިހުރިހާ ކުޅުންތެރިންވެސް ވާދަކުރާ ފުރަަތަމަ ވޯލްޑް ކަޕް ކަމަށެވެ.އަދި މިޓީމު އަންނަނީ ދުވަހެއް ދުވަހަކަށް ކުޅުން ރަނގަޅު ކުރަމުން ކަމަށާއި އެކުޅުންތެރިންގެ ކިބައިގާ އިތުރަށް ކުރިއެރުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށްވެސް ކޯޓެޑިއުއަރގެ ކޯޗު ފާހަގަ ކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކުރެސާއޮގެ ކޯޗު ޑިކް އެޑްވޮކާޓް ވަނީ އޭނާގެ ކުޅުންތެރިން މިމުބާރާތުގައި ދެއްކި ހިތްވަރު ގަދަ ކުޅުމަށް ތައުރީފް ހައްގު ކަމުގައި ބުނެފައެވެ.
ކުރެސާއޮއަކީ ވޯލްޑް ކަޕްގެ ތާރީހްގައި މިހާތަނަށް ވާދަކުރި އެންމެ ކުޑަ ޓީމެވެ. އަދި މިމުބާރާތުގައި ދެއްކި ކުޅުމަށް މުޅި ޓީމުގެ އިތުރުން ކުރެސާއޮގެ ރައްޔިތުންވެސް ފަހުރުވެރިވާކަމަށް އެޑްވޮކާޓް ބުންޏެވެ. އަދި މިޓީމު ބޭނުންވަނީ ކުރިއަށް އޮތް ތާނގާ އިތުރަށް ވަރުގަދަ ވުމަށް ކަމަށްވެސް އެޑްވޮކާޓް ފާހަގަ ކުރިއެވެ.
މިމެޗުން ބަލިވުމާއި އެކު ކުރެސާއޮ މިހާރު ވެފައިވަނީ މިމުބާރާތަށް އަލްވަދައުކީ 8 ވަނަ ޓީމަށެވެ.