ޚަބަރު

އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ފެށީ ބޮޑު މޮޅަކުން


  • މެޗުގައި ރަނގަޅަށް ކުޅު ގިނަ ހަމަލާ އުފައްދާފަ ވަނީ ހުޅުމާލެ ވެޓެރެންސް

  • ތިން ޕޮއިންޓް ހޯދައިގެން ފަސް ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައިގަ އޮތީ ހުޅުމާލެ ވެޓެރެންސް

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރެންސް ކުލަބުން ބޮޑު މޮޅަކާ އެކު މުބާރާތް ފަށައިފިއެވެ. ހުޅުމާލެ ޓީމުން މެޗު ކާމިޔާބު ކުރީ ކ.ހުރާ ހުއްރިއްޔާ ސްޕޯޓްސް ކުލަބާ ވާދަކޮށް 5-1 ލަނޑުންނެވެ.

މާފަންނު އެއްނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ރަނގަޅަށް ކުޅު ގިނަ ހަމަލާ އުފައްދާފަ ވަނީ ހުޅުމާލެ ޓީމުންނެވެ. ހުރާ ޓީމަށް މެޗުގައި މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
ހުޅުމާލެ ވެޓެރެންސް ޓީމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް މެޗުގެ 27 ވަނަ މިނިޓުގައި އަހުމަދު ޝާއިރު ހިފައިގެން އޭރިއާތެރެއަށް ވަތް ބޯޅައެއް ގޯލަށް ފޮނުވާލުމުން އެޓީމުގެ މުހައްމަދު ޒިޔާދު ހުރާލިފައިގަ ޖެހިފަ ގޯލަށް ވަދެގެންނެވެ.

ހުޅުމާލެ ޓީމުން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 35 ވަނަ މިނިޓުގައި ހުސެއިން ވިޝާލް އޭރިއާތެރެއަށް ވަދެ ޖައްސާލި ބޯޅަ މުހައްމަދު ޒޮރީފް ކީޕަރު ކައިރިން ނައްޓާލާ ގޯލަށް ވައްދައިލައިގެންނެވެ.

ހުޅުމާލެއިން ތިންވަނަ ލަނޑު ވިޝާލް ކާމިޔާބު ކޮއްދިނީ މެޗުގެ 39 ވަނަ މިނިޓުގައެވެ. ހުޅުމާލެއިން ޖެހި ހަތަރު ވަނަ ލަނޑަކީ އަހުމަދު މުއާޒު އޭރިއާ ކަނާ ދިމާލުގަ ހުރެ ގޯލުގެ ދުރު ކަނަށް އަމާޒުކޮއްލި ދަނޑީގަ ޖެހިފަ ގޯލަށް ވަތް ބޯޅަކެވެ. މުއާޒު މި ލަނޑު ޖެހީ މެޗުގެ 46 ވަނަ މިނިޓުގައެވެ.

ހުރިއްޔާ އިން ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ މެޗުގެ 48 ވަނަ މިނިޓުގައި އަހުމަދު ނައުޝާދެވެ. ހުޅުމާލެއިން ޖެހި ފަސްވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނާފިއު މުހައްމަދު ހާމިދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނައެވެ.

މި މޮޅާއެކު ތިން ޕޮއިންޓް ހޯދައިގެން ފަސް ޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައިގަ އޮތީ ހުޅުމާލެ ވެޓެރެންސްއެވެ. މި ގުރޫޕުން އަދި މެޗެށް ނުކުޅެނީ ޕޮލިސް ކުލަބެވެ.