ކުޅިވަރު

ތުރީ އޮން ތުރީ ރަމަޟާން ނެޓްބޯލް ޗެލެންޖު މިމަހުގެ 26 ގައި


  • މި ޗެލެންޖުގައި ވާދަކުރުމުގެ ފުރުސަތު 7 ކެޓަގަރީއަކުން އެބައޮތް

  • އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީތަކުގައިވެސް ބައިވެރިވެވޭނެ

  • ރެޖިސްޓްރޭޝަނުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަސް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތުރީ އޮން ތުރީ ރަމަޟާން ނެޓްބޯލް ޗެލެންޖުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިމުބާރާތުގެ ކެޓަގަރީތަކުގެ ތެރޭގައި އަންހެނުންގެ އޯޕަންސް ކެޓަގަރީ، ފިރިހެނުންގެ އޯޕަންސް ކެޓަގަރީގެ އިތުރުން ވެޓެރަންސްއަށް ޚާއްސަ ކެޓަގަރީއެއް ހިމެނޭއިރު، މުބާރާތުގައި ދެން ހިމެނޭ ކެޓަގަރީތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް އަދި 21 އަހަރުންދަށުގެ އުމުރުފުރާއެވެ.

ތުރީ އޮން ތުރީ ރަމަޟާން ނެޓްބޯލް ޗެލެންޖުގެ 11 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރެވޭނީ، 2015ގެ ފަހުން އުފަންވެފައިވާ ކުދިންނަށެވެ. އަދި 13 އަހަރުންދަށުގައި ވާދަކުރެވޭނީ 2013ގެ ފަހުން އުފަންވެފައިވާ ކުދިންނަށެވެ. 15 އަހަރުންދަށް ކަމަށް ބެލެވޭނީ 2011 ގެ ފަހުން އުފަންވެފައިވާ ކުދިންނެވެ. އަދި 21 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރެވޭނީ 2005ގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށެވެ.

އޯޕަންސް ކެޓަގަރީގައި ވާދަކުރެވޭނީ 2026 ގެ ނިޔަލަށް 16 އަހަރުފުރިފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން ވެޓަރަންސް ކެޓަގަރީގައި ވާދަކުރާ ފަރާތެއްނަމަ މިހިނގާ އަހަރުގެތެރޭގައި އެފަރާތަކަށް 40 އަހަރުފުރެންޖެހޭނެއެވެ.

މުބާރާތުގެ މެޗުތަކުގެ ދިގުމިނަށް ބަލާއިރު، 11 އަހަރުންދަށާއި 13 އަހަރުންދަށުގެ ކުދިން ކުޅެންޖެހޭނީ 7 މިނިޓްގެ މެޗުތަކެކެވެ. ބާކީ ހުރި ކެޓަގަރީތަކުގެ ޓީމުތަކުން ކުޅެންޖެހޭނީ 10 މިނިޓްގެ މެޗުތަކެކެވެ. މުބާރާތުގައި ބިދޭސީ ކުޅުންތެރިންނަށް ވާދަކުރެވޭނީ ހަމައެކަނި އުމުރުފުރާތަކުގެ ޓީމުތަކުގައި އެކަންޏެވެ. އަދި ކޮންމެ ކުޅުންތެރިއަކަށްވެސް އެއް ކެޓަގަރީއަށްވުރެ ގިނަ ކެޓަގަރީގައި ވާދަކުރެވިދާނެކަމަށް އެންއޭއެމުން ބުނެއެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައި ހަތަރު ކުޅުންތެރިން ހިމަނަންޖެހޭއިރު، ސީނިއަރ ގައުމީ ސްކޮޑުގެ ކުޅުންތެރިއަކު ހިމަނާނަމަ، އެންމެ ގިނަ ވެގެން ޓީމަކުން ފުރުސަތު ދެވޭނީ ގައުމީ ސީނިއާ ޓީމުގެ ދެ ކުޅުންތެރިއަކަށެވެ.

މިފަދަ މުބާރާތެއް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ރަމަޟާންމަހުގެ އުފަލުގައި ބައިވެރިވެ، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ ރޫހާއި އެކު ޓީމު ވޯކު ވަރުގަދަކުރުމެވެ. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން އިޖްތިމާއީ ގުޅުންތައް ބަދަހިވެ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުވާނެކަމަށް އެންއޭއެމްއިން ދެކެއެވެ.

ތުރީ އޮން ތުރީ ރަމަޟާން ނެޓްބޯލް ޗެލެންޖުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މި ޗެލެންޖުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްބީ ޕޭޖްގައިވާ ފޯމު ފުރާލުމުން މުބާރާތުގައި ރަޖިސްޓްރީވެވޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.