ޚަބަރު

ގދ. އަތޮޅުގައި "ރައްކާ ރޯޑް ޝޯ" ފަށަނީ


  • މި ޝޯ ދާނީ އޮކްޓޫބަރު 9 އިން 19 އަށް

  • ކުޅިވަރު މުބާރާތްތަކާއި، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވޭ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވައި، މަގުމަތީގެ އަދަބުތަކަށް އަހުލުވެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ރޯޑް ޝޯ" ގދ. އަތޮޅުގައި ފަށަން ތައްޔާރުވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ރޯޑް ޝޯ ގދ. ގައި ކުރިއަށް ދާނީ މިމަހު 9 އިން 19 އަށެވެ. މި މުއްދަތުގެ ތެރޭގައި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިއީ އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށްވެސް ފުލުހުން ފާހަގަކުރައްވައިފައިވެއެވެ.

"ރައްކާ ރޯޑް ޝޯ" ގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ރޯޑް ސޭފްޓީ ވޯކާއި، ޓީމް ބިލްޑިންގ ހަރަކާތްތަކާއި، "ބީޗް ބްލާސްޓް" އިވެންޓްތަކާއި، ކުއިޒް މުބާރާތްތަކުގެ އިތުރުން ބަށި އަދި ބާސްކެޓް މުބާރާތްތައް ހިމެނޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ "ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް" އާއި "ފަހިރާސްތާ" ޕްރޮގްރާމް ވެސް މި ރޯޑްޝޯގެ ތެރެއިން ކުރިއަށްދާނެ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ހަރަކާތްތަކުގެ އިތުރުން، މަގުމަތީގެ ގަވާއިދުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން އަހުލުވެރިކުރުވުމަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމާއި، މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ބިލްބޯޑު އެކި ރަށްރަށުގައި އިފްތިތާހުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކައުންސިލްތަކާ އަދި އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ. މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް އަދި ހޮންޑާ (ޝީޝާ) ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއްވައިފައިވެއެވެ.

މި ރޯޑް ޝޯ ކުރިއަށް ދަނީ "ރަނގަޅުކޮށްލާ" މި ޝިއާރުގެ ދަށުންނެވެ. މިއީ އެކްސިޑެންޓްތައް މަދުކޮށް، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ މުހިންމު ކެމްޕޭނެކެވެ. މީގެ ކާމިޔާބު ރޯޑް ޝޯތައް ހުޅުމާލޭގައިވެސް ބާއްވާފައިވެއެވެ.