ރޭއަޅުކަމަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި ދަރަޖައެއް ދެވިފައިވާ، އަޅާ އާއި އޭނާ ހެއްދެވި ފަރާތާ އޮންނަ ގުޅުން ވަރުގަދަކޮށްދޭ މުހިންމު އަޅުކަމެކެވެ. މިއީ މާތް ނަބިއްޔާ އާއި އެކަލޭގެފާނުގެ މަތިވެރި އަޞްޙާބުންގެ ޙަޔާތްޕުޅުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއްވި ކަމެކެވެ. އަދި މިއީ މުނާފިގުކަމުން މީހާ ދުރުކޮށްދޭ ސުވަރުގެ ވަންތަވެރިންގެ ސިފަތަކުގެ ތެރެއިން ސިފައެއްވެސް މެއެވެ.
މާތް ނަބިއްޔާ ﷺ މަދީނާ އަށް ވަޑައިގެން އެއްމެ ފުރަތަމަ ކުރެއްވި ވަޞިއްޔަތުންވެސް ރޭއަޅުކަމުގެ މާތްކަން ހާމަވެގެން ދެއެވެ. އެކަލޭގެ ފާނު ހަދީޘްކުރެއްވިއެވެ. " އޭ މީސްތަކުންނޭވެ. ސަލާމް ފަތުރާށެވެ. ކާންދޭށެވެ. އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. އަދި މީސްތަކުން ނިދާފަވަނިކޮށް ރޭގަނޑު ރޭ އަޅުކަން ކުރާށެވެ. ތިޔަބައިމީހުން އަމާންކަމާއި އެކު ސުވަރުގެ ވަދެގެން ދާނެއެވެ. (ތިރްމިޛީ: (ޙަދީޘް ނަންބަރު: 2485)
އިސްލާމީ ތާރީޚަށް ބަލާއިރު، ރޭއަޅުކަން ފެށިގެން އައީ މާތް ނަބިއްޔާ ﷺ ހަޔާތްޕުޅުގައި އެކަލޭގެ ފާނަށް އެކަން ފަރުޟުވެގެން ދިޔަ ހިސާބުންނެވެ. ސޫރަތުލް މުއްޒައްމިލްގެ ކުރީގެ އާޔަތްތަކުން އެނގޭ ގޮތުގައި، މާތް ނަބިއްޔާ ﷺ އާއި ޞަޙާބީން ރޭގަނޑުގެ ބޮޑު ބައެއް އަޅުކަމުގައި ހޭދަކުރެއްވިއެވެ. ފަހުން އެކަން ސުންނަތް އަޅުކަމަކަށް ބަދަލުވީ ނަމަވެސް، ޞަޙާބީންގެ ދުވަސްވަރު އެބޭކަލުންނަކީ ރޭގަނޑުގެ ވަގުތުތަކުގައި ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވުމާއި ނަމާދުކުރުމުގައި ދެމިތިއްބެވި ބޭކަލުންނެވެ.
ރޭއަޅުކަމުގެ ރަކުޢަތްތަކުގެ އަދަދަށް ބަލާއިރު، މާތް ނަބިއްޔާ ﷺ ޢާންމުކޮށް ކުރައްވައި އުޅުއްވީ ވިތުރިއާއެކު 11 ރަކުޢަތް ނުވަތަ 13 ރަކުޢަތެވެ. ނަމަވެސް ރޭއަޅުކަމުގައި ވަކި އަދަދެއް ކަނޑައެޅިފައި ނުވާކަން ފިޤުހީ އިލްމުވެރިން ބަޔާންކުރައްވައެވެ. ރަމަޟާން މަހުގެ ރޭއަޅުކަން ނުވަތަ ތަރާވީޙް ނަމާދުގެ ޖަމާޢަތް އުމަރުގެފާނުގެ ޚިލާފަތުގައި ރަސްމީކޮށް ބިނާކުރެވި، މީސްތަކުން އެއް އިމާމެއްގެ ފަހަތުގައި 20 ރަކުޢަތަށް ނަމާދުކުރަން ފެށުނެވެ. "ތަރާވީޙް" މި ބަހުގެ މާނައަކީ "އަރާމުކުރުން" ނުވަތަ "މަޑުޖެހިލުން" މިއެވެ. މި ނަމާދަށް މި ނަން ދެވުނީ ކޮންމެ ހަތަރު ރަކުޢަތަކަށްފަހު އަރާމުކޮށްލުމަށްޓަކައި މަޑުޖެހިލާތީއެވެ.
ކީރިތި ޤުރުއާނުގައި ރޭއަޅުކަމަށް ބާރުއަޅުއްވައި މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا﴾ (އިސްރާ ސޫރަތް: 79) މާނައަކީ: "އަދި ރޭގަނޑުގެ ބައެއްގައި އެ ޤުރުއާނާއެކު އިތުރު ނަމާދެއްގެ ގޮތުގައި ތަހައްޖުދު ނަމާދު ކުރާށެވެ! އޭރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދުލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާނެއެވެ."
ރޭގަނޑުގެ އެންމެ މާތް ވަގުތަކީ ފަހު ދަންފަޅިއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، ކޮންމެ ރޭގަނޑެއްގެ ފަހު ތިންބައިކުޅަ އެއްބައިގައި މާތް الله ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން، "ތިމަންރަސްކަލާނގެއަށް ދުޢާކުރަނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ދުޢާ އިޖާބަކުރައްވާ ހުށީމެވެ. ތިމަންރަސްކަލާނގެއަށް ދަންނަވަނީ ކާކު ހެއްޔެވެ؟ އެމީހަކަށް ދެއްވާ ހުށީމެވެ. ފާފަފުއްސެވުމަށް އެދެނީ ކާކު ހެއްޔެވެ؟ އެމީހަކަށް ފާފަފުއްސަވައިދޭ ހުށީމެވެ." (ޞަޙީޙުލް ބުޚާރީ).
ޞަޙާބީންގެ ތެރެއިން ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުއަކީ ރޭއަޅުކަމަށް ނުހަނު ލޯބިކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނާ ބެހޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރެއްވީ "ޢަބްދުﷲ އަކީ ކޮންފަދަ ހެޔޮލަފާ މީހެއް ހެއްޔެވެ! އެކަލޭގެފާނު ރޭގަނޑު ނަމާދުކުރައްވާނެ ނަމައެވެ." އެދުވަހަށްފަހު އެކަލޭގެފާނު ރޭގަނޑުގެ ވަރަށް ކުޑަ ވަގުތުކޮޅަކަށް މެނުވީ ނިދިނުކުރައްވައެވެ. ހަމައެހެންމެ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ގެއަކީ ރޭގަނޑު އަޅުކަމުން ހުސްނުވާ ގެއެކެވެ. އެކަލޭގެފާނާއި، އަނބިކަނބަލުންނާއި، ޚާދިމު ރޭގަނޑު ތިން ބަޔަށް ބަހާލައި، އެކަކު އަޅުކަންކޮށް ނިމުމުން އަނެކަކަށް ގޮވާލައި ރޭއަޅުކަން ދިރުވިއެވެ.
ރޭއަޅުކަން ކުރާނެގޮތް ނަބިއްޔާ ﷺ ބަޔާން ކޮށްދީފައިވަނީ މިފަދައިންނެވެ." "ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުއަތުން ދެ ރަކުއަތުންނެވެ. ފަހެ، ތިޔަބައިމީހުން ކުރެ މީހަކު ފަތިސްވެދާނެކަމަށް ބިރުގެންފިނަމަ (ނުވަތަ ފަތިސްވުމާ ގާތްވެއްޖެނަމަ)، އެއް ރަކުއަތް ކުރާށެވެ. އެ ރަކުއަތް އޭނާ ކުރިން ކުރި ނަމާދުތައް އޮނަހިރި (ވިތުރި) ކޮށްދޭނެއެވެ. (ޞަޙީޙުލް ބުޚާރީ: ޙަދީޘް ނަންބަރު 990.)
މި ހަދީޘުން ދޭހަވަނީ ރޭގަނޑު ކުރާ ސުންނަތް ނަމާދުތައް ކުރަންޖެހޭނީ ކޮންމެ ދެ ރަކުއަތަކުން ސަލާމް ދީގެން ކަމެވެ. އަދި ރޭގަނޑުގެ ނަމާދުތައް ނިންމާލާއިރު، އެންމެ ފަހު ނަމާދަކަށް ވިތުރީގެ އެއް ރަކުއަތް ކުރަން ޖެހޭނެއެވެ. އަދި ރޭ އަޅުކަމުގައި ދެފަހަރު ވިތުރި ކުރުމެއްވެސް ނުވެއެވެ.
ރޭއަޅުކަމުގެ މާތްކަމުގެ ދަލީލުތަކަށް ބަލާއިރު، ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "ފަރުޟު ނަމާދުތަކަށްފަހު އެންމެ މާތްވެގެންވާ ނަމާދަކީ ރޭގަނޑުގައި ކުރެވޭ ނަމާދެވެ." (ޞަޙީޙް މުސްލިމް ޙަދީޘް ނަންބަރު1163)). މި ހަދީޘްގައި "ރޭގަނޑުގެ ނަމާދު" (صَلَاةُ اللَّيْلِ) ގެ މުރާދަކީ ރޭގަނޑުގެ ފަހު ދަންފަޅީގައި ކުރެވޭ ދަމުނަމާދެވެ. ސަބަބަކީ އެ ވަގުތަކީ މީސްތަކުން ނިދާފައި ތިބޭ، އިޚްލާޞްތެރިކަން ބޮޑު އަދި ދުޢާ އިޖާބަކުރެއްވުން ގާތް ވަގުތަކަށް ވާތީއެވެ. މިއީ ހަށިގަނޑަށް ބަލިތަކުން ޝިފާ ލިބޭ، ފާފަތައް ފޮހެދޭ އަދި މާތް الله އާ ކުއްތަންކޮށްދޭ އެންމެ ވަރުގަދަ ވަސީލަތެވެ. އެހެންކަމުން، ކޮންމެ މުސްލިމަކީވެސް ރޭގަނޑުގެ ވަގުތުތަކުގައި ކުޑަ މިންވަރަކުން ނަމަވެސް ރޭއަޅުކަމުގައި ބައިވެރިވެ ވިތުރިން ރޭއަޅުކަން ނިންމާފަރާތަކަށްވާން ޖެހެއެވެ.