ޚަބަރު

ހުޅުމާލޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް، 5 މީހަކަށް ބޯހިޔާވަހިކަން


  • އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގެ

  • މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ

ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 5 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ރޭ 23:00 ހާއިރު، ހުޅުމާލެ ޕޭސް ވަން ގައި ހުންނަ ވަން އެވެނިއުގެ ހަތްވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. މި ހާދިސާގައި އެ އެޕާޓްމަންޓުގެ ބަދިގެ ވަނީ ބޭނުން ނުކުރޭވަރަށް އަނދާފައިކަމަށެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން 5 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، އޭގެތެރޭގައި އުމުރުންދުވަސްވީ މީހަކާއި ނޭވާހިއްލާ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ބެލުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

މިއީ މި ހިނގާ ފެބްރުއަރީ މަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިންގި 2 ވަނަ އަލިފާނުގެ ހާދިސާއެވެ. މި މަހުގެ 1 ވަނަދުވަހު ވަނީ ޕޭސް ވަންގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައެވެ.