ރަމަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ޤާއިމްކުރި ވަގުތީ މާރުކެޓް "ދަނޑުވެރިންގެ ބާޒާރު" ހުޅުވައިފައިއެވެ. މިތަން ހުޅުވާފައިވަނީ ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ.
މި މާރުކޭޓަކީ ރަމަޟާން މަހާއި ދިމާކޮށް ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް، މާލެ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ތަރައްޤީކުރި މާރުކޭޓެކެވެ. މިމާރުކޭޓުގައި ޖުމްލަ 7 ރަށަކުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ދަނޑުވެރި ކަމަށް މަޝްހޫރު ރަށްތައް ކަމުގައިވާ ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ރަށްތައް ހިމެނޭ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މާރުކޭޓުގައި ބައިވެރިވެފައިވާ ރަށްތަކަށް ތަކެތި ބެހެއްޓޭގޮތަށް ގޮޅިތަކެއް ވަނީ ހަދާފައެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި މާރުކޭޓުން މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް، އެމްގެޕް ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބޭނެކަމަށެވެ.
މި މާރުކޭޓުން ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ކާނާގެ ބާވަތްތަކެވެ. މި މާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި، ތަރުކާރީ ފިޔަވާ އިތުރު ތަކެތި ވިއްކުމަކީ މަނާ ކަމެކެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:00 ފެށިގެން ހަވީރު 5:00 ޖެހުމާ ހަމައަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އާ ހަމައަށްވެސް މިތަން ހުޅުވިފައި ހުންނާނެކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މާރުކޭޓު މާރިޗު މަހުގެ 26 ވަނަ ދުވަހަށް ރޯދަމަސް ނިމުމާއެކު ނަގާނެކަމަށް ވިދާޅުވިއެވެ.
މި މާރުކޭޓަކީ، ރޯދަ މަހަށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއްކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ، އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގިނަ އަދަދަކަށް މާލެ ގެނެސް ވިއްކާ މަހެކެވެ.