މިދިޔަ އަހަރުގެ މޭމަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ކުޅިވަރުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއިއެކު އެގާނޫނު ތަޞްދީގުކުރެއްވުމުން، މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންގޮސްފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅުންތެރިންނާއި ޓީމުތަކާއި، ކޯޗުންނާއި، ކުޅިވަރު ހިންގުންތެރިންގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުމުގެ ގޮތުން ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2024" ހަފްލާގައި ވަޒީރުވަނީ މިސަރުކާރުގެ ކުޅިވަރު ތަސައްވުރާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށްޓަކައި ސަރުކާރުން ދިގު ރާސްތާ ޕްލޭނެއްގެ ދަށުން މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ކުޅިވަރު ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައުންކަމަށެވެ. މިގެނެވުނު އިސްލާހުތަކުގެ ސަބަބުން މުޅި ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތައް ފުޅާވެގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުޅިވަރު ގާނޫނަށް ގެނެވުނު މުހިންމު މިއިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ކުޅުންތެރިންނަށް ރޭވިފައިވާ ނިޒާމެއްގެ ތެރެއިން، ކުޅިވަރު ދާއިރާގައި ކުރިއަށް ދިޔުމުގެ ފުރުސަތުތައްވެސް ފަހިވެ، އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ކުޅިވަރު ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައުން، މި އިސްލާހުތަކުގެ ސަބަބުން މުޅި ރާއްޖޭގައި ކުޅިވަރު ހަރަކާތްތައް ފުޅާވެ، އެކި އަތޮޅުތަކުގައި ތިބި ކުޅުންތެރިންނަށް ކަންކަން ރޭވިފައިވާ ނިޒާމެއްގެ ތެރެއިން، ކުރިއަށް ދިޔުމުގެ ފުރުސަތުތައްވެސް އިތުރުވެގެންދާނެ" ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ކުރިއަރާ ދިއުމަކީ ވަކި ސަރަހައްދަކަށް ނިސްބަތްވީތީ ލިބެންޖެހޭނެ ހައްގެއް ނޫންކަމަށެވެ. ކުޅިވަރުގައި ކުރިއަރާ ދިއުމަކީ ކުދި ބޮޑު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި، މިހައްގުން އެއްވެސް ފަރާތެއް އިސްތިސްނާނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރުތަކުގައި ފާހަގަކުރެވޭ މޮޅެތި ހުނަރުވެރި އެތުލީޓުން ރާއްޖޭގެ އެހި ހިސާބުތަކަށް ނިސްބަތްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކުޅުންތެރިންގެ ހުނަރުތައް ކުރި އަރުވާ، ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމަށެވެ. އެހެންކަމުން ވަކި ފަރުދެއް ތަފާތު ކުރުމެއްނެތި އެފަރާތްތަކަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. އަދި ކުޅިވަރަށް ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު، މިކަން ހާސިލުކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިގެންދާނެކަމުގެ އުފާވެރި ޚަބަރު ވަޒީރުވަނީ ދެއްވާފައެވެ.
"ކުޅިވަރަކީ ވަކި ސަރަހައްދަކަށް ހަނިވެފައިވާކަމަކަށް ވެގެން ނުވާނެ، ކޮންމެ އަތޮޅެއްގައިވެސް ހުނަރުވެރި ކުޅުންތެރިން އެބަތިބި، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ އެހުނަރުތައް ކުރި އެރުވުން، މިގޮތުން ކުޅިވަރު ގާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު، މިކަން ހާސިލުކުރުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރެވިގެންދާނެ" ވަޒީރު ވިދާޅުވެފަވެއެވެ.
އަލަށް އިސްލާހުކުރެވުނު ކުޅިވަރު ގާނޫނަކީ ގާނޫނުން ބާރުތަކެއް ލިބިގެން ކުޅިވަރުގެ މިސްރާބު އެންމެ ހެޔޮ މަގަށް އެޅުވޭނެހެން ފަރުމާކޮށްފައިވާ ގާނޫނެކެވެ. މިގާނޫނުގެ ދަށުން މިހާރު ކުރެވިފައިވާ މުހިންމު މަސައްކަތްތަކަށްބަލާއިރު، ފުރަތަމަ ފަހަރަށް ޤައުމީ އެތުލީޓުންނާއި އޮފިޝަލުންނަށް ބޭސްފަރުވާގެ ނިޒާމުގެ ތެރެއިން އިންޝުއަރެންސް ދިނުމުގެ ކަންކަންވަނީ ހަމަޖެހިފައެވެ. ހަމައެއާއިއެކު، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދާ އެއެޖެންސީގެ މަސައްކަތް މިނިވަން ބޯޑެއްގެ ދަށަށްވަނީ ގެނެސްފައެވެ.
ކުޅިވަރު ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރަމުންނެބެ. އެގޮތުން މިދިޔަ އަހަރު ފެށުނު ކުޅިވަރު އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން 30 މަޝްރޫއެއް މިހާތަނަށް ނިންމާ، މީގެކުރިން ފެށިގެން ކުރިއަށްދިޔަ މަޝްރޫތަކުގެ ތެރެއިން 59 މަޝްރޫއެއްވެސް މިހާރުވަނީ ނިންމާފައެވެ. އަދި މިހާރުވެސް ކުޅިވަރުގެ 879 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާއިރު ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ބާރަ މަސް ދުވަހުގެތެރޭގައި މިމަސައްކަތްތައްވެސް ނިންމުމެވެ.