ޚަބަރު

އިންތިޚާބަކާ ނުލައި ޕީއެންސީއަށް 69 ގޮނޑި، އެމްޑީޕީއަށް 6 ގޮނޑި


  • އިންތިޚާބުގައި ވާދަކުރި 67 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލާ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިމަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންގޮސްފައިވާއިރު، ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮތީ ނަން ތަރުތީބުކުރުމާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކާއި، ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ގުރުއަތުލުން އޮންނަ ތަނުގައި ނަންތައް އިޢުލާނުކުރުމުގެ ކުރިން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، އިންތިޚާބަކާ ނުލާ ދާއިރާތައް ކަށަވަރުވި ކެންޑިޑޭޓުންގެ މަޢުލޫމާތު ހާމަކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އިންތިޚާބަކާ ނުލާ އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއެވެ. އެ ޕާޓީއަށް 69 ގޮނޑި ވަނީ އިންތިޚާބަކާ ނުލާ ކަށަވަރުވެފައެވެ. އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލާ ކަށަވަރުވެފައިވަނީ 6 ގޮނޑިއެވެ.

ކައުންސިލް އިންތިޚާބު:

• ޕީއެންސީ: 28 ގޮނޑި
• އެމްޑީޕީ: 1 ގޮނޑި
• އަދާލަތު ޕާޓީ: 1 ގޮނޑި
• އަމިއްލަގޮތުން: 3 ގޮނޑި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބު:

• ޕީއެންސީ: 41 ގޮނޑި
• އެމްޑީޕީ: 5 ގޮނޑި
• އަދާލަތު ޕާޓީ: 1 ގޮނޑި
• އަމިއްލަގޮތުން: 2 ގޮނޑި

ނަން އަނބުރާ ގެންދިއުމަށް އޮތް މުއްދަތުގައި ޖުމްލަ 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން 31 ފަރާތަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ ކެންޑިޑޭޓުންނެވެ. ކައުންސިލްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދިޔައީ 36 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅި ނަމަވެސް 67 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާއެކު މިއަދަދުވަނީ 2927އަށް މަދުވެފައެވެ.