އެންމެން ވެސް ދައްކަނީ އޭނާގެ ހިތްވަރުގަދަކަމުގެ ވާހަކައެވެ. ދޫ ފަރިތަކަމާއި އިލްމާއި ހިލްމުގެ އެހީގައި ދޭ މޮޅު ކޮމެންޓަރީގެ ވާހަކައެވެ.
އެއްބަޔަކަށް އެއީ ގާތް މިތުރެކެވެ. ހިތްހެޔޮ، އެހީތެރިވެދޭ އެދުރެކެވެ. އަނެއް ބަޔަކަށް އެއީ، ލޮލަށް ނުފެނުނު ފުޓުބޯޅަ މެޗުގެ މަންޒަރުތައް ސިފަކޮށްދީ، މެޗު ބަލާލުމުގެ އިހުސާސް ގެނުވައިދިން މަދަދުގާރެވެ.
ދައްކަން މިއުޅެނީ، ދިވެހި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ އެންމެ ގާތް އެއް އެކުވެރިޔާގެ ވާހަކައެވެ. މެޗުތަކުގެ ކޮމެންޓްރީ ދިނުމުގައި އެފަދަ ދެވަނައެއް ނެތް، ފޮނިމާގެ ގދ.ތިނަދޫ، ސާއިދު އަޙްމަދުގެ ވާހަކައެވެ.
ނޫސްވެރިއެއްގެ ހައިސިއްޔަތުން މިއަދު މިއީ އަޅުގަނޑަށް ނުހަނު ބޮޑު އުފަލަކާއި އެތައް ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ. ނޫސްވެރިކަމުގައި 17 އަހަރު ހޭދަކުރި ސާއިދުގެ، ކުލަނުވެއޮތް ކަޅާއި ހުދުގެ ހަޔާތުގައި ކުލަ ޖެއްސުމަށް، ގަދަ ކަނޑުގައި، ބިޔަ ރާޅު ބާނީތަކުގެ ތެރޭގައި ފަތަމުން، ފަލި ޖަހަމުން އޭނާ ކުރަމުންދާ އުނދަގޫ ދަތުރުގެ ވާހަކަތައް އޭނާ މިއަދު އަޅުގަނޑާ ހިއްސާކުރިއެވެ.
މާ ވާހަކަ ގިނައެއް ނުކުރާނަމެވެ. އޭނާގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު އިމްތިޙާނުގެ ވާހަކަ، އެކި ނޫސްތަކުން މިހާތަނަށް ގެނެސްދީފައިވެއެވެ. އެ ވާހަކަތައް، މާ ބޮޑަށް ތަފްޞީލްކުރާކަށް ނެތީމެވެ.
އެއީ މުޅި ހަފްތާގެ ޚަބަރުތުތައް އެއްކޮށް، އެއް ދުވަހަކު ލިބެމުން ދިޔަ ދުވަސްވަރުއެވެ. ސާއިދުގެ ކަމަކަށް އޮންނަނީ ނޫސް ލިބޭ ދުވަހު، އެއްތަނެއްގައި އިނދެ މުޅި ހަފްތާގެ ޚަބަރުތައް އެއްކޮށް ކިޔާ ނިންމުމެވެ. މައިގަނޑު ގޮތެއްގައި ކުޅިވަރު ޚަބަރެވެ. ސާއިދު ކުޅިވަރު ނޫސްވެރިކަމަށް ޝައުގުވެރިކަން އުފެދުނީ އެކަމުގެ ތެރެއިންނެވެ.
މިހެން އުޅެނިކޮށް ސާއިދުއަށް ނޫސްވެރިކަމާ ގުޅުންހުރި ކަމެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުނީ 2009ވަނަ އަހަރުއެވެ. އެއީ ހުޅެވި މީޑިއާއިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ލިބުނު ފުރުޞަތާއެކުއެވެ. އެހެންނަމަވެސް އެއީ ދާއިމީ ވަޒީފާއެއްގެ ގޮތުގައެއް ނޫނެވެ.
ކަން ދިމާކުރި ގޮތުން ހަމަ އެ އަހަރު، ސާއިދު މިހާރު އެންމެ ކުރަން ބޭނުންވާ މަސައްކަތުގެ ތެރެއަށް ވަނުމުގެ ފުރުސަތު ލިބުނެވެ. ދިވެހިރާއްޖޭގެ އަޑުގެ ފުޓުބޯޅަ ކޮމެންޓްރީދޭން ޓްރެއިނީއެއްގެ ފުރުޞަތު ލިބުނެވެ. އެއީ ސާއިދުގެ 17 އަހަރުވީ މީޑިއާ ހަޔާތުގެ ދަތުރު، އޮޑިއަށް އަރާ ފެށި ހިސާބެވެ. އެހެންނަމަވެސް އޮން އެއަރގައި ސާއިދުގެ ޚިދުމަތް ފެންނަން ފެށީ އޭގެ ނުވަ ވަރަކަށް މަސް ފަހުންނެވެ.
ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ސާއިދު ފެށި ދަތުރުގައި ރިޔާ ނެގި، މާ ކަނޑަށް ނުކުތީ ސަން އެފްއެމް އިން ލިބުނު ފުރުސަތަކުން، 2010ވަނަ އަހަރުއެވެ. އެދަތުރުގެ ދުވެލި ބާރުވީ ސާއިދަށް 2015ވަނަ އަހަރު ދައުލަތުގެ މީޑިއާއިން ލިބުނު ފުރުޞަތާ އެކުއެވެ.
ސަން އެފްއެމްގައި ސާއިދު ހުރީ އެމީޑިއާގެ އޮޕަރޭޝަންސްގައި ދެވަނައަށް އެންމެ އިސް ފަރާތުގެ ގޮތުގައެވެ. އެހެންނަމަވެސް، ދައުލަތުގެ މީޑިއާއިން ލިބެން ހުރި ފުރުޞަތުތަކާއި، ވަސީލަތުގެ ގޮތުން ބެލިނަމަވެސް، ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ކުރިއަށްދާން އެންމެ ރަނގަޅު މާހައުލަކީ އެއީކަމަށް ސާއިދުއަށް ގަބޫލުކުރެވުނެވެ.
މިއާއެކު ބޮޑު މަގާމެއްގައި، ބޮޑު މުސާރައެއްގައި ހުރެފައި ސާއިދު ނިންމީ، "އެސިސްޓަންޓް ޕްރޮޑިއުސަރެއް"ގެ ގޮތުގައި ޕީއެސްއެމްއާ ގުޅޭށެވެ. މިއީ ކެރިއަރުގައި އޭނާ ނެގި ރިސްކެކެވެ. ސާއިދުއާ ގާތް އެތައް ބައެއްގެ ހިތުގައި ސުވާލުތަކެއް އުފެއްދުވި ނިންމުމަކަށް، ސާއިދުގެ މިނިންމުން ވިއެވެ. އެންމެ މަތިން، އެންމެ ތިރިއަށް ވެއްޓެން ސާއިދު ނިންމީ ކީއްވެތޯ އެ މީހުން ސުވާލު ކުރަމުންދިޔައެވެ. އެހެންނަމަވެސް، އެ ސުވާލުތަކުގެ ޖަވާބު، މިއަދު ސާއިދު އަންނަނީ މަސައްކަތުގައި ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކުން ދައްކައިދެމުންނެވެ.
މިއަދު އޭނާ އަކީ ޕީއެސްއެމް ސްޕޯޓްސްގެ ޒިންމާދާރު އެއް ވެރިއާއެެވެ. މަސައްކަތުގައި ލީޑުކުރާ އެއް މޭސްތިއެވެ.
އަޅުގަނޑުމެން އިންސާނުންނަކީ މުސާފިރުންތަކެއްގެ ގޮތުގައި މި ދުނިޔެއަށް އައިސްތިބި ބައެކެވެ. ދުނިޔޭގެ ވަގުތީ މި ދިރިއުޅުމުގައި، އެތައް އިމްތިހާނަކާ ކުރިމަތިލާން ޖެހެއެވެ. އެކި މީހުންނަށް އެކި އިމްތިހާނެވެ.
ސާއިދުގެ ހަޔާތަށް އައި އެންމެ ބޮޑު އިމްތިހާނާ ކުރިމަތިވީ 2018 ވަނަ އަހަރުއެވެ.
އެހެންނަމަވެސް އެ އަހަރު ފެށުނީ އޭނާއަށް ކުލަގަދަ އަވާމެންދުރެއް ދައްކަމުންނެވެ. ކޮމެންޓްރީއަށް އުފެދުނު ޝައުގެއްގައި ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ފެށި ސާއިދުއަށް، އެ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގެ ކަވަރޭޖުގައި ބައިވެރިވެވޭނެކަމުގެ އުއްމީދުތައް ދެކެވެން ފެށިއެވެ. ދައުލަތުގެ މީޑިއާއިން އެ މުބާރާތުގެ ކަވަރޭޖް ގެނެސްދޭތީއެވެ. އަދި ސާއިދަކީ މި ކަވަރޭޖުގައި ބައިވެރިވުމަށް އެންމެ ކުފޫ ހަމަވާ އެކަކަށް ވާތީ އޭނާ ދިޔައީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެސް ވަމުންނެވެ.
މުބާރާތް ފެށެން ފަސް ދުވަހަށް ވީއިރުވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މުޅިން މަންޒަރު ބަދަލުވެގެން ދިޔައީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާ ބިނާކުރަމުން އައި، އުފާވެރި ހަޔާތަށް މަޑުޖެހުމެއް ގެނުވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅަން މަޖުބޫރުކުރުވިއެވެ. ކިތަންމެ ބޭނުން ނުވި ނަމަވެސް، މަސައްކަތާ ދުރަށް ދާން ޖެހުނީއެވެ. 2018 ގެ ވޯލްޑް ކަޕަށްޓަކައި ސާއިދު ދެކެމުންދިޔަ ހުވަފެންތަކަށް އަލްވަދާއު ކިޔަން ޖެހުނީއެވެ.
ކުޑަކަމުދިޔަ ވަގުތު ލޭ އައިސްގެން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުގެ ނަތީޖާތަކުން ދެއްކީ ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާ ކަމަށެވެ. ސާއިދުގެ ފައިދަށުން ބިންގަނޑު ދަމައިގަތް ކަހަލައެވެ. އުޑު ބޮލަށް ވެއްޓުންފަދަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ހަތަރު އުދަރެސް ކައިރިވެ، އޭނާ ފިއްތާލި ފަދައެވެ. ފިޔަވަޅެއް ވެސް އޭނާއަށް ނޭޅުނެވެ.
ގަވައިދުން ބޭސް ކެއުމާއި ޑައިލިސިސް ހެދުމަކީ ސާއިދުގެ ދިރިއުޅުމުގެ ބަޔަކަށްވިއެވެ. އާމްދަނީ ހޯދުމަށް ޕީއެސްއެމްގައި އަދާކުރަމުން އައި ވަޒީފާގެ މަސައްކަތްތައް ވެސް، ފަރުވާއަށް ބުރޫ ނާރާނެގޮތަކަށް އަތުރާލަން މަޖުބޫރުކުރުވިއެވެ. ތަނުގެ މެނޭޖްމަންޓުން، ސާއިދު ކުރި އަދި ކުރަމުންދާ ބުރަ މަސައްކަތް ބަލައިގެންފައިވުން އެއީ ސާއިދުގެ މި ރާޅުބާނީ ބޮޑު، ގަދަ ކަނޑުގައި ކުރަމުންދާ ދަތުރަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ކަމަކަށް ވިއެވެ.
މިގޮތުގައި ދުވަސްތައް ދައުރުކުރަމުން ދަނިކޮށް ދެން އަނެއްކާވެސް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ފުރިހަމަނުކުރެވި އޮތް ވޯލްޑް ކަޕްގެ ކަވަރޭޖް ހުށަހެޅުމުގެ ހުވަފެން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ތެރޭގައި ފުރިހަމަކުރުމަށްފަހު، 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް ސާއިދު ތައްޔާރުވާން ފެށިއެވެ.
މިފަހަރު ވެސް އޭނާ ގެންދިޔައީ، 2018 ވަނަ އަހަރުގެ ހަނދާންތަކާ ދިމާލަށެވެ. ކެންސަރު ބަލީގެ ވޭން ތަހައްމަލުކުރަންޖެހުނެވެ. ކުރަންޖެހުނު ކުއްލި އޮޕަރޭޝަނާއި، އެ އޮޕަރޭޝަނުން ރިކަވާ ނުވެވި، 2024 ގެ ކަވަރޭޖް ސާއިދު ނިންމާލީ ކެމެރާ ފުރަގަހުގައެވެ. މުބާރާތް ފެށެން ދިހަވަރަކަށް ދުވަހަށް ވެފައި ވަނިކޮށް އެމަޖެންސީ ހާލަތުގައި އޮޕަރޭޝަން ކުރީ މުބާރާތް ފެށި، ހަފްތާއެއްގެ ތެރޭގައި އެނބުރި ސެޓަށް އާދެވޭނެ ކަމުގެ އުއްމީދުގައެވެ. ޑޮކްޓަރުން އެ އުއްމީދު ދިން ނަމަވެސް މުބާރާތް ނިމިގެން ދިޔައީ ސާއިދުގެ އުއްމީދު ހާސިލްނުވެއެވެ.
ދެ ކިޑްނީ ފެއިލްވެ އެކަމުގެ ހިތްދަތިކަމުގައި އުޅެނިކޮށް، ކެންސަރުގެ ނުރައްކަލާ ވެސް ކުރިމަތިލާން ޖެހުނީއެވެ. އެއާ ދެކޮޅަށް އަނެއްކާވެސް އޮޕަރޭޝަންތަކެއް ކޮށް، ސަލާމަތް ހޯދުމަށް ސާއިދު އަނެއްކާވެސް މަރާ ހަނގުރާމަކުރަން ފެށީއެވެ.
މި ހުރިހާ ކަމަކާ އެކުވެސް ސާއިދު ތަންމަތިވާކަށް ބޭނުމެއް ނުވިއެވެ. ﷲ ގެ ތަނަވަސް ރަޙްމަތާއެކު ކެންސަރު ބަލިން މުޅިން ރަނގަޅުވެފައިވީ ނަމަވެސް އަދިވެސް ސާއިދުގެ ދިރިއުޅުމުގެ ބޮޑުބަޔަކަށް ވެފައި ވަނީ ދެ ކިޑްނީ ފެއިލްވެފައިވުމާ ގުޅިގެން ކުރަން ޖެހޭ ކަންކަމެވެ.
ޑައިލިސިސް ހަދާ ކޮންމެ ފަހަރަކު، 4-5 ކިލޯ ލުއިކޮށްލާއިރު، 100 މީޓަރުގެ ދުވުމުގެ ރޭހެއް ފުރިހަމަކޮށްލެވޭ ފަދަ އިހުސާސެއް އެއިން ކޮންމެ ފަހަރަކު ވާކަމަށް ސާއިދު ބުންޏެވެ.
މިފަދަ ކަންކަމަށް ބަލައި އޭނާ ވަޒީފާ އަދާކުރަމުންދާ ޕީއެސްއެމް އިން، މަސައްކަތްކުރުމުގައި ލުއިތަކެއް ވެސް ދީފައިވެއެވެ. އެހެންނަމަވެސް ސާއިދުގެ މިޒާޖުގައި، މީގެ އެއްވެސް ކަމަކުން ފައިދާއެއް ނެގުމުގެ ޚިޔާލެއް ނުހުރެއެވެ.
ގަޑިނުޖެހޭ މުވައްޒަފެއްގެ ގޮތުގައި ހުރި ނަމަވެސް، މިއަދު ވެސް ހެނދުނު 06:00 ޖަހާއިރު ސާއިދު ހުންނަނީ އޮފީހުގައެވެ. ޑައިލިލިސް ހަދަން ޖެހޭ ދުވަހެއް ނަމަ ހަވީރު ޑިއުޓީއަށް އެރި ނަމަވެސް، ޑައިލިސިސް ނިންމާފައި ނަގަނީ އެއް ގަޑިއިރުގެ ބްރޭކެކެވެ. އެއަށްފަހު އެނބުރި އަންނަނީ އޮފީހަށެވެ. ކޮންމެ ދުވަހަކު ވެސް ރޭގަނޑު ދަންވަރު ބާރަ، އެކެއް ޖަހަންދެން ސާއިދު އޮފީހުގައި އުޅެއެވެ.
ދިވެހި ލީގާއި ފުޓުބޯޅައިގެ އެހެން މުބާރާތްތަކުގައި ވެސް ކޮމެންޓްރީ ދިނުމުގައި ދައުލަތުގެ މީޑިއާއިން ދަނީ ސާއިދުއެވެ. މެޗު ފެށުމުގެ 30 މިނެޓުކުރިން އޭނާ ހުންނަނީ މީޑިއާ ބޮކްސް ތެރޭގައެވެ. ފަހު ކަށިގަނޑާއެކު ހުންނަނީ ދަނޑު މަތީގައެވެ. ކޯޗުންގެ އިންޓަވިއު ނަގަން ގޮހެވެ.
މުޅި ދުވަހުގެ ޝެޑިއުލް އޮންނަނީ މަސައްކަތްކުރުމުގައެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި، ކިރިޔާ ވެސް ތެދުވެވޭނަމަ، ހުންނަންޖެހޭނީ މަސައްކަތުގައެވެ. އެހެންނޫންނަމަ މީހާ މުޅިން އެނދުމަތިކޮށްލާނެއެވެ. އެހެންވާކަށް ސާއިދު ބޭނުމެއް ނުވެއެވެ.
ރިޕޯޓުގެ މިހާ ހިސާބަށް އައި އިރު ސާއިދުގެ ހިތްވަރުގަދަކަމާއި، ޤާބިލްކަމާއި ﷲ އަށް ވަކީލުކޮށް ކުރަމުންދާ މިންނެތް މަސައްކަތާ މެދު ޝައްކު ކުރާނެ މީހަކު ނުހުންނާނެއެވެ.
އެހެންނަމަވެސް، މަރާ ހަނގުރާމަކުރުމަށް ފަސްނުޖެހި، ﷲ ގެ ވާތްގަށް އެދި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ސާއިދަށް، ހިތްވަރު ނުލިބިގެން މިހާތަނަށް ނުކުރެވިވާ ކަމެއް އެބައޮތެވެ.
އެއީ އޭނާގެ ބަލިހާލަތުގެ ވާހަކަ، އުފަން ދަރިފުޅަށް ކިޔާ ނުދެވުމެވެ. އެ ހިތްވަރު ގައިގައި ނެތީއެވެ. ނުވެސް ލިބެނީއެވެ. އަތުގައިވާ ބަލީގެ ނިޝާންތައް ފޮރުވުމަށް މިއަދު ވެސް ދަރިފުޅާ ބައްދަލުކުރަން ދަނީ އަތްދިގު ފޭރާމެއް ލައިގެނެވެ. މާބޮޑަށް ބަލި ދުވަހެއް ނަމަ، ދަރިފުޅު ގުޅިއަސް ފޯނު ނަގަން ނުކުރެއެވެ. ދަރިފުޅަށް މިކަން އެނގުމުން ވާނެ ދެރައާއި، ތަހައްމަލުކުރާނެ ވޭނުން، ސަލާމަތްކުރަން ބޭނުންވާތީއެވެ.
ސާއިދު ވެސް ގަބޫލުކުރާ ހަގީގަތަކީ ކޮންމެވެސް ދުވަހަކުން އަންގަން ޖެހޭނެކަމެވެ. އެނގޭނެކަމެވެ. އެހެންނަމަވެސް އަދި އެ ހިތްވަރު އޭނާ ގައިގައި ނެތީއެވެ.
ދެ ދަހަރެއްހައި ދުވަސްވީ ސާއިދުގެ މީޑިއާ ހަޔާތުގައި މިހާތަނަށް އައި އިރު ގިނަ ކަންތައްތަކެއް ހާސިލްކޮށްފައިވެއެވެ.
ލޮލުގެ ފެނުން މަހުރޫމުވެފައިވާ ކުދިންތަކަކަށް ފުޓުބޯޅަ މެޗުތަކެއްގެ ކުލަ މަންޒަރު ސިފަކޮށްދިނުމުގެ އިތުރުން، މީޑިއާ ކައުންސިލުންދިން އެވޯޑަކީ ސާއިދުގެ ކާމިޔާބީގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ.
މިއަދު މިއޮތީ އެއަށްވުރެ ވެސް ބޮޑު ޝަރަފެއް، ފަޚުރެއް ލިބިފައެވެ. ކުޅިވަރު ނޫސްވެރިކަމުގެ މައިދާނުގައި ރާއްޖެއަށް އަގުނުކުރެވޭ ޚިދުމަތްތަކެއް ކޮށް، އަދި ކުރައްވަމުން ގެންދަވާ ފަރާތެއްކަމުން، އެކަން ފާހަގަކޮށް، ދައުލަތުގެ ފަރާތުން ސާއިދުއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު މިވަނީ ދީފައެވެ.
މީގެއިތުރުން، ފަސްޖެހުމެއްނެތި ސާއިދު ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، ޕީއެސްއެމް ނިއުސް އިން ވަނީ އޭނާއަށް "ރެޒިލިއަންސް އެވޯޑު" ވެސް ދީފައެވެ.
އެހެންނަމަވެސް، މި ހުރިހާ އެވޯޑެއްގެ ތެރެއިން ވެސް، ސާއިދު ގަބޫލުކުރާ ގޮތުގައި ދާއިރާގައި އޭނާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ މީހުންގެ ލޯތްބާއި އިޚްތިރާމް ލިބުމެވެ.
ހުރަސްތަކާއި ގޮންޖެހުންތަކާއި، އޮށޯންނަން މަޖުބޫރުވި އެތައް ހާލަތަކާއި، އަމާންދީ ހަތިޔާރު ބަހަައްޓަންވީ އެތައް ހާލަތެއް ކުރިމަތިވުމުން ވެސް ސާއިދު ދެއްކީ ސާބިތުކަމާއި ކެތްތެރިކަމެވެ.
ސާއިދު ވަނީ ދިރިއުޅުމުގައި މިފަދަ ހާލަތެއް ދިމާވެއްޖެ ކޮންމެ މީހަކަށް ވެސް ވަރަށް ބޮޑު މެސެޖެއް ދީފައެވެ. ތިމާއަކީ ބަލި މީހެކޭ، ނުވާނޭ، ނުކުރެވޭނޭ، ނިމުނީއޭ ނުބުނެ ހިތްވަރުކުރުމަށް ސާއިދު ނަސޭހަތްތެރިވިއެވެ. ބަލިވާއިރަށް ވަޒީފާ ދޫކޮށްލައި، މުޖުތަމައުއިން ވަކިވެ، ބާކީވެ ނުގަންނަން ސާއިދު އިލްތިމާސްކުރިއެވެ.
ފުރުސަތު ހޯދުމާއި ފުރުސަތު ލިބިގަތުމަކީ އަމިއްލައަށް މަސައްކަތްކޮށްގެން ހޯދަންޖެހޭ އެއްޗެއްކަން ސާއިދު ހަނދާންކޮށްދިނެވެ.
ކުންފުނިތަކާއި ވަޒީފާދޭ ފަރާތްތަކުގެ ކިބައިން ސާއިދު އެދުނީ، ސާއިދު ފަދައިން ބަލި ހާލާތެއް ކުރިމަތިވެފައިވާ އެއްވެސް މީހަކު ބާކީ ނުކުރުމަށެވެ. ފުރުސަތު ދިނުމަށެވެ. އެހީތެރިވެ، އޯގާތެރިވުމަށެވެ.
ކޮންމެ މީހަކަށް ވެސް މިފަދަ ހާލަތެއް ކުރިމަތިވެދާނެކަން ހަނދާންކޮށްދީ، ބައްޔާއެކު އުޅެން ދަސްކުރުމަށް ސާއިދު ނަސޭހަތްތެރިވިއެވެ.
އުމުރުން އެންމެ 29 އަހަރުގައި ކުރިމަތިވި ހިތްދަތިކަމާއެކު ވެސް، ފާއިތުވީ އަށް އަހަރުގެ ތެރޭގައި ސާއިދު ކުރި ވޭނާއި ހިތްދަތިކަމުގެ ދަތުރަކީ އަޅުގަނޑުމެން ކޮންމެ މީޙަކަށް ވެސް އެތައް އިބުރަތަކާ ފިލާވަޅެއް ލިބިގެންދިޔަ ދަތުރެކެވެ.
އިމްތިހާނަށް ކެތްކުރުމާއި، މިންވަރަށް އީމާންވުމުގައި ސާއިދުއަކީ ނަމޫނާއެކެވެ. އިލާހަށް ކިޔަމަންވުމާއި ޝުކުރުވެރިވުމުގައި އެއީ މިސާލެކެވެ.
ކަޅާއި ހުދުން ލިޔެވެމުންދިޔަ ދިރިއުޅުމުގެ ހަޔާތުގައި ކުލަ ޖެއްސުމަށް، ފާތިމަތު ޝީރީނާއި އަޙްމަދު ގާސިމްގެ އެންމެ ހަގު ދަރި، 37 އަހަރުގެ ސާއިދު އަޙްމަދު ކުރަމުންދާ ހިތްދަތި، އެހެންނަމަވެސް ކާމިޔާބާއި އިބުރަތުން ފުރިގެންވާ މި ދަތުރުގައި އަޅުގަނޑު އެދެނީ، މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއެކު، ސާއިދު އެދޭފަދަ، ސާއިދު ބޭނުންވާފަދަ، ސާއިދު އުއްމީދުކުރާ ފަދަ ދުވަސްތަކެއް މިންވަރުކުރެއްވުމެވެ.