ޚަބަރު

އަލްވަރޭޒް ބާސާއަށް ނުވިއްކަން ނިންމައިފި


  • އެތުލެޓިކޯގެ ބޯޑުންވެސްވަނީ ކްލަބްގެ ނިންމުމަށް ތާއީދު ކޮށްފަ

ސްޕެނިޝް ލަލީގާގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާއަށް ނުވިއްކާނެކަން އެތުލެޓިކޯއިން ރަސްމީކޮށް ހާމަކޮށްފިއެވެ.

އެތުލެޓިކޯއިން މިކަން ހާމަކޮށްފައިވަނީ އެކްލަބްގެ ބޯޑުގެ އިއްތިފާގުން ކްލަބްގެ މިވިސްނުމަށް ތާއީދު ކުރުމާއި ގުޅިގެންނެވެ. މަޢުލޫމާތުލިބޭގޮތުގައި އެތުލެޓިކޯ ބޯޑުގެ ހުރިހާ މެންބަރުންގެ އިއްތިފާގުންވަނީ އެޓީމުން އަލްވަރޭޒްގެ ޓްރާންސްފަރގެ ކަންތަކުގައި ބާސާ އާއި އެއްގޮތަކަށްވެސް މަޝްވަރާ ނުކުރުމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކޮށްފައެވެ.

އެތުލެޓިކޯގެ ބޯޑުގެ ބައްދަލުވުމަކަށްފަހު އާންމުކުރި ބަޔާނެއްގައި ވާގޮތުން ޓްރާންސްފަރ މާކެޓްގައި އެޓީމުގެ ކުޅުންތެރިން ގަތުމަށް ހުށަހަޅާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް އެެޓްލެޓިކޯ އަބަދުވެސް ތައްޔާރު ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އެތުލެޓިކޯއަށް އިހްތިރާމް ކުރުމާއި އެކު އޮންނަ ރިވެތި އުސޫލްތަކުގެ މަތިން ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރާ ފަރާތްތަކާއެކު ކަމަށެވެ.

ބާސާއިން ހޫލިއަން އަލްވަރޭޒް ހޯދުމުގައި ހަރަކާތްތެރިވެފައިވަނީ މިދެންނެވި އުސޫޫލް ތަކާއި ތިވެތި ގޮތްތަކާއި ހިލާފަށް ކަމަށް ވުމުން އެކްލަބުން ބާސާއާއެކު މިކަމުގައި މަޝްވަރާ ނުކުރުމަށް ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. އެހެން ކަމުން ބާސާ އާއެކު އަލްވަރޭޒްގެ ޓްރާންސްފަރގެ ކަންތަކުގައި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާަމަށާއި އަދި ނުވެސް ކުރެވޭނެކަމަށް ބޯޑުން އަންމު ކުރި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެތުލެޓިކޯއިން ބުނީ މިކަމުގައި ކްލަބުން މިނިންމުން ނިންމި ސަބަބު އަލްވަރޭޒްއަށް ގަބޫލް ކުރެވޭނެކަމަށް އުންމީދު ކުރާކަން ހާމަކޮށްފައިވެއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އަލްވަރޭޒްގެ ފަރާތުން އެކްލަބަށް ވޭތުވެދިޔަ ދެސީޒަންގައި ލިބެމުންދިޔަ ހިދުމަތް ކުރިއަށް އޮތް ތާނގައިވެސް ލިބެމުންދާނެކަމަށް ގަބޫލް ކުރާކަމަށްވެސް އެތުލެޓިކޯއިން ބުނެފައިވެއެވެ.

އެތުލެޓިކޯއިން މިހެން ބުނެފައިވާއިރު ބާސާގެ ރައީސް ހޮއާން ލަޕޯޓާވަނީ އަލްވަރޭޒްއަށް ބާސާއިން އަދިވެސް ޝައުގުވެރިވާކަން ހާމަކޮށްފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ލީގުގައި ކުޅުނު މެޗުގައި އަލްވަރޭޒްއަށް އެތުލެޓިކޯގެ ސަޕޯޓަރުން ދިމާކޮށްފައިވުމުގެ ސަބަބުން ބުދަ ދުވަހު ބޭއްވި ކްލަބްގެ ފަރިތަކުރުންތަކުގައިވެސް އަލްވަރޭޒް ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ހަބަރުތައް ބުނާގޮތުގައި އަލްވަރޭޒްއަށް ފަރިތަކުރުން ތަކުގައި ބައިވެރިވެވިފައިނުވަނީ ބަލިވުމުގެ ސަބަބުންނެވެ. އަދި އެތުލެޓިކޯއިން ވަނީ ބާސާގެ ރައީސް ބުދަ ދުވަހު އާންމު ކުރި ވީޑިއޯއެއްގައި ބާސާއިން ހުށަހެޅި 100 މިލިއަން ޔޫރޯގެ ހުށަހެޅުން އަދިވެސް އޮތްކަމަށް ބުނި ބުނުން ކުއްވެރިކޮށްފައެވެ.

ބާސާގެ އިތުރުން އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްވެސް އަންނަނީ އަލްވަރޭޒް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެތުލެޓިކޯގެ ވާދަވެރި ރެއާލް މެޑްރިޑުން 150 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅުމުން އެތުލެޓިކޯއިން ވަނީ އެހުށަހެޅުން ބަލައި ނުގަނެ ދޫކޮށްލާފައެވެ. އެފަހަރުވެސް އެތުލެޓިކޯއިން އިޝާރާތް ކުރީ އަލްވަރޭޒްގެ 500 މިލިއަން ޔޫރޯގެ ރިލީސް ކްލައުސް އަށެވެ.