ޚަބަރު

"ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާމެދު ސަމާލުވާންޖެހޭ"


  • މިއީ ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލެއްކަން ވަޒީރު ފާހަގަކުރެއްވި

  • މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށްވެސް ގޮވާލެއްވި

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޯޝް ޝްޓިފްޓުންގ އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރައިޒިން ސީސް، ރައިޒިން ރިސްކްސް: ހައު ޓު ރެސްޕޮންޑް ޓު ދަ މަލްޓިޑައިމެންޝަނަލް ސެކިއުރިޓީ ޗެލެންޖަސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގެ ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރުތައް އެކި ޤައުމުތަކަށް ކުރަނީ އެކި މިންވަރަށްކަން ފާހަގަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މީގެ ނުރައްކާ އިންތިހާއަށް ބޮޑުކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ޤައުމީ ސަލާމަތާއި، އިޤްތިޞާދީ ހަމަޖެހުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ސީދާ އަސަރު ކުރާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަޒީރު އަލިއަޅުއްވައިލެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ޤައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވާހަކަފުޅު ނިންމަވާލައްވަމުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.