ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓްތަކުގައި އުސޫލާއި ޚިލާފަށް ކުނި އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރަން ފަށައިފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުތަކުގެ ޢާންމު ސަރަޙައްދުތަކާއި، އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ބައެއް ފަރާތްތަކުން ކުނިއަޅަމުންދާކަން އެކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މިގޮތަށް އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ، ޢާންމު ޞިއްޙަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ އެކޯޕަރޭޝަނުން ކަނޑައަޅައި ޢާންމުކޮށްފައިވާ ކުނި އުކާލުމުގެ ޤަވާއިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
އެފްޑީސީން ވިދާޅުވީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަޙައްދުތަކަށް ކުނި އެޅުމާއި، ކުނި ޖަމާކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ޕްލޯގައި ހުންނަ ގާބޭޖު ރޫމްތަކުގައި އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކުނިވަށިތަކަށް ކަމަށެވެ. މީގެއިތުރުން ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު، އުފެދޭ ފޮށިގަނޑުތަކާއި، ފުޅިމަދު އަދި އެނޫންވެސް ތަކެތި އުސޫލުތަކާއި އެއްގޮތަށް އުކާލުމަކީ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.
އެހެންކަމުން އިމާރާތާއި، ދިރިއުޅޭ މާޙައުލުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ކުނި އުކާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެކޯޕަރޭޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޤަވާއިދާއި ޚިލާފަށް ކުނި އުކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި، ކަނޑައަޅާ އުސޫލުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިހާރު ޖޫރިމަނާ ތަންފީޒުކުރަން ފަށާފައިވާއިރު، އުސޫލާއި ޚިލާފުވި ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށްވެސް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
އަމާން ދޯދި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގައި، އެ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުންޏެވެ.
— Fahi Dhiriulhun Corporation Limited (@Fdc_mv) February 10, 2026
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ވެމްކޯ ގުޅިގެން، 4000 ހައުސިންގ ޔުނިޓު ހިމެނޭ… pic.twitter.com/BORhQxAfFq
ފަހި ފްލެޓްތަކުގެ ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް އެފްޑީސީއާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން، ވެމްކޯއާ ގުޅިގެން މިހާރު ވަނީ ފަށާފައެވެ. މިމަސައްކަތަކީ، މި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ސާފުތާހިރު ވެއްޓެއް ގާއިމުކުރުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް އެފްޑީސީން ވިދާޅުވެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި އެފްޑީސީން ވިދާޅުވީ، އަމާން ދޯދި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުނި ކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން އަމާން އުދަރެސް އަދި ދޯދީގެ ޖުމްލަ 32 ޓަވަރު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ މި މަސައްކަތަށް ޓަވަރުތަކުގައި ދިރިއުޅޭ މީހުން ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި، ކުނި އުކާލުމުގައި އެފްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް ޢިލްތިމާސްކުރައްވާފައެވެ.
ފަހި ފްލެޓު ލިބުނު މީހުން އެ ތަންތަނަށް ބަދަލުވުމަށް ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ޓަވަރުތަކުގެ ތިރި އޮތީ ވަރަށް ބޮޑަށް ހަޑިކޮށްފައެވެ. އެގޮތުން ފަރުނީޗަރާއި، ތެލި ތައްޓާއި، އޭސީއާއި، ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓުތަކުގެ ކޮރިޑޯއާއި، ދޮރުމައްޗާއި، އެކި ތަންތަނަށް ޖަމާކޮށްފައި ހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައި ހުއްޓެވެ.