ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް މުޅި މަޝްރޫޢުގެ 281 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލު ކޮށްގެންނެވެ.
އެމްޓީސީސީން ވިދާޅުވީ، މަގު ހެދުމުގެ މުޅި މަޝްރޫޢުގެ ތެރެއިން ޖުމްލަ 803 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 281 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށް ނިމިފައިވާ ކަމަށާއި، ބާކީ ހުރި 522 މީޓަރުގެ ސަރަހައްދު ޝީޓްޕައިލް ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ސެގްމެންޓް 5ގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި މިހާރުވެސް ކުރަމުންދާ ކަމަށެވެ.
" ބާކީ މިއޮތް 4 ސެގްމެންޓުގެ ތެރެއިން 5 ވަނަ ސެގްމެންޓުގެ ޝީޓްޕައިލްގެ މަސައްކަތް މިހާރު ނިންމާ މަގުގައި މިކުރަންޖެހޭ ސައިޑްވޯކް މަސައްކަތްތަކާއި. އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ކުރިއަށްދަނީ. އަޅުގަނޑުމެން ލަފާމިކުރަނީ، އެހެން ސެގްމެންޓުގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ ގޮތަށް ބާރު ސްޕީޑެއްގައި މިމަހުގެ ނިޔަލަށް އަޅުގަނޑުމެން މި އަމާޒުކުރަނީ ބާސެލޯއިން ފަށައިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް މަސައްކަތް ނިންމަން". ޝަރްވަސް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ތިންވަނަ ބައެއްގެ މަސައްކަތް ކުރިއަށްދަނީ، ފޭސް 1ގެ ސެގްމަންޓް 2 އިން 5އާ ހަމައަށް އޮންނަ ސަރަޙައްދުގައެވެ. އެއީ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެކެވެ.
މި ސެގްމެންޓުގެވެސް މަގު ތަރައްޤީ ކުރާނީ، މަގުގެ ޖާގަ ބޮޑުވާނެހެން މަގު އިތުރަށް ފުޅާވާ ގޮތަށެވެ. އަދި މި މަސައްކަތްވެސް ކުރިއަށް ގެންދާނީ، މަގު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން ނިމުނު ދެ ސެގްމެންޓުވެސް ކުރިއަށް ގެންދިޔަ ފަރުމާއަށެވެ.
މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅާ ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭވްމަންޓު ހަދައި، ލައިޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.